ކޯލިޝަން ސަރުކާރެއް ހިންގެވިދާނޭކަން ރައީސް ޔާމީން ދައްކަވައިފި: މައުރޫފް

14 އޮގަސްޓް 2017: ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން: އެ ޖަގަހަ ހުޅުވާފައި ވަނީ ފުރުގާން މިސްކިތް ކުރިން ހުރި ސިނަމާލެ ހިޔާ 2 ބިމުގައި، ޖަގަހަ ހުޅުވައިދެއްވީ ރައީސް ޔާމިން: ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފޯރި ގަދަ ކުރުމުގެ ގޮތުން ޕީޕީއެމުން ގެންދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި އެ ޕާޓީގެ ޖަގަހަ ހުޅުވަމުން----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޯލިޝަން ސަރުކާރެއް ހިންގެވުމުގެ ގާބިލްކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކިބައިގައި އެބަ ހުރިކަމަށާއި، އަދުގެ ސަރުކާގެ ވޭތުވެ ދިޔަ ދުވަސްތަކުގައި އެމަނިކުފާނު އެކަން ވަރަށް ފުރިހަމައަށް ސާބިތުކޮށްދެއްވައިފި ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

"ރުމާލު 2"ގެ ނަމުގައި ރޭ މާލޭގައި ހުޅުވި ޕީޕީއެމް ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ރައީސް ޔާމީން ވަނީ، ކޯލިޝަން ސަރުކާރެއް ހިންގިދާނެ ކަން މުޅި ރާއްޖެއަށްވެސް އަންގައިދެއްވާފައި ކަމަށެވެ.

އަދުގެ ސަރުކާރާއެކު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އޮތް އެމްޑީއޭ 2018 އާ ހަމައަށްވެސް އެ ކޯލިޝަން އޮންނާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 2018ގެ ފަހުން ދެން އަންނަ ދައުރެއްގައި ވެސް އެމްޑީއޭ މަސައްކަތްކުރާނީ މިހާރުވެސް މަސައްކަތް ކުރަމުންދާ ގޮތަށް ކަމަށާއި ސަރުކާގެ މިހާރުގެ ކޯލިޝަނަކީ ބަދަހި ކޯލިޝަނެއް ކަމަށެވެ.

އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ވަޑައިގެން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ދައުވަތު އެރުވި ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ދުވަހަކުވެސް ރައީސް ޔާމީން ދޫކޮށްފައި، އަދި ދުވަހަކުވެސް މި ކޯލިޝަނާ ވަކިވެގެން ނުދާނަމޭ،" މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އުފަލެއް ކަމަށެވެ. އަދި ފަހުގެ ތާރީޚެއްގައި އޭޝިއާ ބައްރުގެ ގައުމަކުން ރައީސް ޔާމީން ފަދަ ރައީސަކު ދެކެވަޑައިނުގަންނަވާ ކަމަށާއި އެކަން މުޅި ދިވެހިރާއްޖެއާއި އޭޝިއާ ބައްރުގެ ގައުމުތަކުން ގަބޫލުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް