ޕާސްގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކޮށްފި

ޕާސްގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާ އެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހައިރައިޒް

ހައިރައިޒުން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ޕްރިންޓް އެންޑް އެޑްވަޓައިޒިން ސާވިސް ޝޯ (ޕާސް)ގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.

މޫކައި ސުއިޓްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ މައުރަޒުގެ މެއިން ސްޕޮންސަރަކަށް ހަމަޖެއްސީ އެމްސެވަން އެވެ. އަދި ކޯ- ސްޕޮންސަރަކަށް ހަމަޖެއްސީ ޓޮޕް ޕްރިންޓާސް އާއި ނޮވެލްޓީ ޕްރިންޓާސް އަދި ޕްރިންޓް ލެބް އެވެ.

ޕަބްލިކޭޝަން ޕާޓްނަރަކަށް ދަ އައިލެންޑް ޗީފް ހަމަޖެއްސިއިރު ސެކިއުރިޓީ ޕާޓްނަރަކަށް ހަމަޖެއްސީ އޭއެސްއޭޕީ އެވެ.

އެ ޝޯގައި ދައްކާލާނީ ރާއްޖޭގެ ޕްރިންޓިން އަދި އެޑްވަޓައިޒިން ދާއިރާގެ ޕްރޮޑަކްޓުތަކެވެ. އަދި އެ އިވެންޓުގެ މަގްސަދަކީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މާކެޓު ދެމެހެއްޓުމެވެ.

ހައިރައިޒުން އަލަށް ބާއްވާ އެ މައުރަޒުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވާއިރު، އެކުންފުނީގެ ޖެނެރަލް މެނޭޖަރ، މުހައްމަދު ޝާމިން ވިދާޅުވި ގޮތުގައި ބޮޑަށް އިސްކަންދެނީ ރާއްޖޭގެ ފަރާތްތަކަށެވެ.

އެ ދާއިރާއަކީ ވަރަށް ބޮޑު ޕޮޓެންޝަލްއެއް އޮތް ދާއިރާއެއްކަން ފާހަގަކުރައްވަމުން ޝާމިން ވިދާޅުވީ އެ ޝޯ ބާއްވަން އިއުލާނު ކުރުމާއެކު ގިނަ އަދަދެއްގެ ކުންފުނި ތަކުން ބައިވެރިވާން ހުށަހެޅި ކަމަށާއި ފުރުސަތު އޮތް ވަރަކުން ފުރުސަތު ދީފައިވާ ކަމަށެވެ.

ޕާސްގައި މިހާތަނަށް ބައިވެރިވެފައިވާ ކުންފުނިތަކުގެ ތެރޭގައި ނޮވެލްޓީ، އެމް7، ތިންކް އެޑްވަޓައިޒިން، ޕްރިންޓް ލެބް، އެޑްވަޓައިޒިން، ސައިން އޯފްރޭމް، ޓޮޕް ޕްރިންޓާސް، ބްލަކް، ސްޓޭޖް ކޯ، ޑޮނާޑް މެޓަލް ސައިންސް ފަދަ ބްރޭންޑުތައް ހިމެނެއެވެ.

ޕާސް އޮންނާނީ އަންނަ މަހުގެ 21 އިން 23 އަށް ނޭޝަނަލް އާޓް ގެލެރީގައެވެ.

comment ކޮމެންޓް