ދައުރު ފުރިހަމަ ކުރަން ފުރިހަމަ ވަގުތު ލިބޭނެ ކަމަށް އުއްމީދު ކުރިން: ރައީސް

"ރުމާލު 2" ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"ހަނގުރާމަ" ނުކޮށް، ރިޔާސީ ދައުރު ފުރިހަމަ ކުރަން ފުރިހަމަ ވަގުތު ލިބޭނެ ކަމަށް އުއްމީދު ކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

"ރުމާލު 2" ގެނަމުގައި މާލޭގައި މިރޭ ހުޅުވި ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ފަސް އަހަރު ދުވަހުގެ ދައުރުގެ މުއްދަތުގެ ފުރަތަމަ ދުވަސްވަރުގައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަރު މޮހާލަން ނުޖެހި، އެކަމަށް ވަގުތު ހުސްކުރުމަށް އުއްމީދު ކުރެއްވި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ މަސައްކަތުން އެއްފަރާތަށްލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު މި ދަނީ ބޮޑެތި ހަނގުރާމަތައް ކުރަމުން. އަޅުގަނޑު ހަނގުރާމަކުރަމުން މިއައީ އަޅުގަނޑުގެ އެންމެ ގާތް އަޚުންނާ. އާދެ ނައިބް ރައީސުންނާ ހަނގުރާމަކުރަމުން މިއަންނަނީ. އަޅުގަނޑުގެ ވަޒީރުންނާ ހަނގުރާމަކުރަމުން މިއައީ. މިކަހަލަ އެތައް ކަމެއް ކުރަމުން މިއައީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި "ހަމަ އެކަނި މިތަނަށް ނާންނަނީ ބޭރުގެ އުދުވާނީ ހަމަލާ"އެއް ކަމަށެވެ. އެކަމަކު އެއަށްވުރެ ވެސް ނުރައްކާތެރި ކަންކަމާ ކުރިމަތިލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރުވާ އުނދަގޫތަކަކީ ރަނގަޅު އުސޫލުތަކާއެކީ ވެރިކަން ކުރައްވާތީ އެކަން ގަބޫލު ނުކުރެވިގެން ކުރާ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް އެކަން ކަމަށް ރައްދު ދިނުމަށް ވަގުތު ހުސް ކުރުމުގެ ބަދަލުގައި ތަރައްގީގެ އެޖެންޑާ އާކު ކުރިއަށް ދިޔުމަށް އަޒުމު ކަނޑައަޅާފައިވާނެ ކަމަށާއި އެ މަސައްކަތް 2018އާ ހަމަޔަށް ކުރިޔަށް ދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރައީސް ޔާމީން ސިޔާސީ މަސައްކަތް ހުއްޓާލައްވަނީ ނޫން، އަޅުގަނޑު ދަތުރު ވެސް ކުރާނަން. ސިޔާސީ މަަސައްކަތް ވެސް ކުރާނަން، ނަމަވެސް ރައްދު ދިނުން ފަދަ ކަންކަމަކީ ކޮންމެ ދުވަހުގެ ޑެއިލީ ޝެޑިއުލްގެ ތެރޭގައި ނުހިމަނާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންނަ އަހަރު ވެގެންދާނީ ރާއްޖޭގައި ފަށާފައިވާ ބޮޑެތި މަޝްރޫއުތައް ނިމޭނެ އަހަރެވެ. އަދި އެއާއެކު ދެން އަންނަ ދައުރަކަށް އިންތިޚާބުވެއްޖެ ނަމަ އެ ދައުރުގައި ގެންނަން ހަމަޖައްސާ ތަރައްގީ އާއި މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެންގުޅުއްވީ ހަލާލު ފައިސާއެއް ނޫންކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ގ. ދޫހި (ރައީސް ޔާމީންގެ ގެކޮޅަށް) ވެއްދި ފައިސާ ވެސް ވާނީ ހަލާލު ނޫން ފައިސާއަށް ކަމަށެވެ.

ގިނަ މެމްބަރުންތަކެއް މަޖިލީހަށް އިންތިހާބުވުމަށް އަދީބުގެ އެހީ ހޯދައި އަދީބުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށާއި، އެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގަތް ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާދެއްވުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ދައުލަތަށް ވަންނަންޖެހޭ ފައިސާތައް ދައުލަތަށް ވެއްދުން ކަމަށާއި އެ ފަސް އަހަރު ތެރޭގައި އެ މަސައްކަތް ބާރަށް ކުރައްވާނެ ކަމަށެވެ. ރިޔާސީ ކޮމިޝަނެއް އެކުލަވާލީ ވެސް އެ މަސައްކަތް އަވަސް ކުރުމަށް ކަމަށް ވިދާޅުވި އެވެ. އެގޮތުން ރިޔާސީ ކޮމިޝަނުން އޭސީސީ މެދުވެރިކޮށް އެ ފައިސާ ދައުލަތަށް ވައްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް