ރެފްރީއަށް "ހަމަލާ"ދިން މައްސަލައިގައި ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑްކޮށްފި

ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ރަތްކާޑާ ގުޅިގެން އޭނާ ވަނީ ފަސް މެޗަށް ސަސްޕެންޑުކޮށްފައި -- ފޮޓޯ: ގެޓީ

ސްޕެނިޝް ސުޕަރ ކަޕްގެ ފުރަތަމަ ލެގުގައި ބާސެލޯނާ އަތުން 3-1 ލަނޑުން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ރަތްކާޑާ ގުޅިގެން އޭނާ އެމެޗުގެ ރެފްރީ ކޮށްޕާލާފައި ވާތީ އާއި އަދި ކުޅިވަރުގެ ރޫހާ ހިލާފުވެފައި ވާތީ ޖުމުލަ ފަސް މެޗަށް ސަސްޕެންޑުކޮށްފިއެވެ.

ބާސެލޯނާގެ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު ކްލެސިކޯ މެޗު ނިމެން ކައިރިވެފައި ވަނިކޮށް، ރޮނާލްޑޯއަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތްކާޑެއް ދެއްކު އެކަމާ އައި ރުޅީގައި ރޮނާލްޑޯ ވަނީ ރެފްރީގެ ގައިގައި އައް އަޅައިކޮށްޕާލަން މަސައްކަތްކޮށްފައެވެ.

އެމެޗުގެ ފަހު ހާފުގައި ކަރިމް ބެންޒެމާގެ ބަދަލުގައި ކުޅެން އަރައި، 1-1 ލަނޑުން މެޗުގެ ނަތީޖާ އެއްވަރު ވެފައި ވަނިކޮށް ރެއާލް ކޮޅަށް މެޗު އަނބުރާލަދިން ލަނޑު ކާމިޔާބުކޮށްދިނީ ވެސް ރޮނާލްޑޯއެވެ. އެ ލަނޑަށް ފަހު، އުމުރުން 32 އަހަރުގެ ފޯވާޑް ވަނީ މިދިޔަ އޭޕްރީލް މަހު، ސަންތިއާގޯ ބެރްނަބެއުގައި ލަނޑު ޖެހުމަށް ފަހު ލިއޮނަލް މެސީ ޖާޒީ ދިއްކޮށްލިގޮތަށް ޖާޒީ ބާލާފައި ސަޕޯޓަރުންނާ ދިމާއަށް ދިއްކޮށްލައިފައެވެ. ޖާޒީ ބޭލުމުން ރެފްރީ ވަނީ ރޮނާލްޑޯއަށް ފުރަތަމަ ރީނދޫ ކާޑު ދައްކައިފައެވެ.

ެއޭގެ މިނިޓެއްހާ އިރުފަހުން، ރޮނާލްޑޯ ބޯޅަހިފައިގެން ބާސާގެ އޭރިޔާތެރެއަށް ވަދެގެން ދަނިކޮށް، ބާސާގެ ޑިފެންޑަރު ސަމުއެލް އުމްޓިޓީ އޭނާއަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ރޮނާލްޑޯ ވެއްޓުމުން ރެފްރީ ރިކާޑޯ ޑި ބްރުގޯސް ޑައިވްކުރީ ކަމަށް ބަލާފައި ރޮނާލްޑޯއަށް ރަތްކާޑެއް ދައްކައިފައެވެ. ރެފްރީގެ މި ނިންމުން ރޮނާލްޑޯއަށް ހަޖަމެއް ނުކުރެވުނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ރަތްކާޑާ ގުޅިގެން އޭނާ ވަނީ ފަސް މެޗަށް ސަސްޕެންޑުކޮށްފައި -- ފޮޓޯ: ގެޓީ

ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ، ރޮނާލްޑޯގެ މައްސަލަ ބަލައި ނިޔާ އިއްވައިފައެވެ. އެގޮތުން ރެއާލްގެ ސުޕަރ ސްޓާރަށް ވަނީ ފަސްމެޗުގެ ސަސްޕެންޝަނެއް ދީފައެވެ.

"ފުރަތަމަ ކަމަކަށް ރެއާލް މެޑްރިޑްގެ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ދެ ރީނދޫ ކާޑާ ގުޅިގެން އޭނާއަށް ވަނީ އެއް މެޗުގެ ސަސްޕެންޑުކޮށްފައި. ފުރަތަމަ ކާޑަކީ ލަނޑުޖެހުމަށް ފަހު ޖާޒީ ބޭލުމުން، އަދި ދެވަނަ ކާޑަކީ ވެއްޓުނުކަމަށް ސިފަވާގޮތަށް އަމަލުކުރުން. މީގެ އިތުރުން ކްލަބު 350 ޔޫރޯއިން ޖޫރިމަނާކޮށް ކުޅުންތެރިޔާ ވަނީ 800 ޔޫރޯއިން ޖޫރިމަނާކޮށްފައި،" ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަންގެ ބަޔާނުގައި ވެއެވެ.

"ދެވަނަ ކަމަކީ، ޑިސިޕްލިނަރީ ކޯޑުގެ 96 ވަނަ މާއްދާއާ ޚިލާފްވެފައި ވާތީ އެކަމުގެ އަދަބެއްގެ ގޮތުގައި ރޮނާލްޑޯ ވަނީ ހަތަރު މެޗަށް ސަސްޕެންޑުކޮށްފައި. އަދި ކްލަބު 1400 ޔޫރޯއިން ޖޫރިމަނާކޮށް، ކުޅުންތެރިޔާ ވަނީ 3005 ޔޫރޯއިން ޖޫރިމަނާ ކޮށްފައި."

ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ރަތްކާޑާ ގުޅިގެން އޭނާ ވަނީ ފަސް މެޗަށް ސަސްޕެންޑުކޮށްފައި -- ފޮޓޯ: ގެޓީ

މި ސަސްޕެންޝަންތަކާ ގުޅިގެން މިހާރު އޮތްގޮތުން، ރެއާލްގެ ދަނޑުގައި ބުދަ ދުވަހު ކުޅޭ ސުޕަރ ކަޕްގެ ރިޓާން ލެގުގައި ރޮނާލްޑޯއަކަށް ނުކުޅެވޭނެއެވެ. އަދި ލަ ލީގާގައި ޑިޕޯޓިވޯ ލަ ކޮރޫނާ، ވެލެންސިއާ، ލެވަންޓޭ އަދި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ރެއާލް ކުޅޭ މެޗުތައްވެސް އޭނާއަށް ގެއްލޭނެއެވެ.

ސަސްޕެންޝަންގެ މައްސަލަ އިސްތިއުނާފް ކުރުމަށް ރޮނާލްޑޯއަށް 10 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

comment ކޮމެންޓް