ގައުމީ ޒުވާން ޓީމް ލަންކާއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ

16 އަހަރުން ދަށުގެ ގައުމީ ޓީމް ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ފޮޓޯ އަކަށް ހުއްޓިގެން--ފޮޓޯ/ އެފްއޭއެމް

ސޯޅަ އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕުގައި ވާދަ ކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމު މުބާރަތުގެ ކުރިން ސްރީލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެއެވެ.

މިއަދު ކުޅުނު އެ މެޗުން ރާއްޖޭގެ ގައުމީ ޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އިސްމާއިލް މިމްރާހްއެވެ. ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ސަމާހު އެވެ.

މި މަހުގެ 18-27 އަށް ބާއްވާ އެ މުބާރަތުގައި ރާއްޖެއިން ވާދަކުރާއިރު ގައުމީ ޓީމު މުބާރަތަށް ތައްޔާރުވުމަށް މާލޭގައި ވެސް ވަނީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި އަހަރު 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕު ބާއްވަން ހަމަޖައްސާފައި ވަނީ ނޭޕާލުގައެވެ.

މި ފަހަރުގެ މުބާރަތުގައި ރާއްޖެ ތަމްސިލުކުރާ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ކޯޗު މުހައްމަދު ޝާޒްލީއެވެ.

މުބާރަތުގައި ރާއްޖެ ލައްވާލާފައި ވަނީ މުބާރަތް ބާއްވާ ނޭޕާލާއި އިންޑިއާއެކު ގްރޫޕް ބީ ގައެވެ. ގުރޫޕް އޭ ގައި އޮތީ ބަންގްލަދޭޝާއި ބޫޓާނާ އަދި ސްރީ ލަންކާ އެވެ.

ލަންކާގައި ކޭމްޕް ކުރުމަށް ޒުވާން ޓީމު ފުރާފައިވާއިރު އެ ގައުމުގައި ފަސް ދުވަސް ހޭދަ ކުރާނެއެވެ.

comment ކޮމެންޓް