'ރޭސް 3'ގައި ސަލްމާންއާ އެކު ފެނިގެންދާނީ ޑެއިޒީ ޝާހް!

ކާމިޔާބު ފިލްމު ސީރީޒް 'ރޭސް'ގެ ތިން ވަނަ އިންސްޓޯލްމަންޓުގައި ސަލްމާން ޚާންއާ އެކު ފެނިގެންދާނެ އަންހެން ލީޑު ފައިނަލް ކޮށްފި އެވެ.

ޚަބަރުތައް ބުނާ ގޮތުން 'ރޭސް 3'ގައި ސަލްމާން އާ އެކު ފެނިގެން ދާނީ ބަތަލާ ޑެއއިޒީ ޝާހް އެވެ. ޑެއިޒީ ވަނީ މީގެ ކުރިން ސަލްމާން އާއެކު 'ޖޭ ހޯ'ގައި ވެސް ފެނިގެން ގޮސްފަ އެވެ.

ސަލްމާން އާ އެކު ދެވަނަ ފިލްމެއްގެ މަސައްކަތް ކޮށްލަން ލިބުމުން ވަރަށް އުފަލުން ހުރި ކަމަށް ޑެއިޒީ ވަނީ ބުނެފަ އެވެ. ޑެއިޒީ ފިލްމީ ދާއިރާ އާއި ގުޅުނީ އެސިސްޓަންޓް ކޮރެއޯގްރާފަރެއްގެ ގޮތުގަ އެވެ.

ނަމަވެސް މިހާރު ޑެއިޒީ އަކީ ކެމެރާގެ ކުރިމަތިން ފެންނަ މޫނެކެވެ. ޑެއިޒީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2015 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ހޭޓް ސްޓޯރީ 3' އިންނެވެ. ޑެއިޒީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ 'ރާމްރަތަން' ކިޔާ ފިލްމަކުންނެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން 'ރޭސް 3'ގައި އަންހެން ތިން ލީޑު ހިމެނޭނެ އެވެ. އެގޮތުން ޑެއިޒީ އާ އެކު ދެން ފެނިގެން ދާނީ ސޮނާކްޝީ ސިންހާ ނުވަތަ ޓީވީ އެކްޓްރެސް މޯނީ ރޯއި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

'ރޭސް'ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2008 ވަނަ އަހަރު އެވެ. ދެވަނަ ފިލްމު ބެލުންތެރިންނާ ހަމައަށް އައިސްފައި ވަނީ 2013 ވަނަ އަހަރު އެވެ. ދެ ފިލްމުގައި ވެސް ލީޑު ރޯލުން ފެނިގެން ދިޔައީ ސައިފް އެވެ. އަދި ފުރަތަމަ ދެ ފިލްމު ވެސް ޑައިރެކްޓުކޮށްފައި ވަނީ މުސްތާން އާއި އައްބާސް އެވެ.

ނަމަވެސް 'ރޭސް 3' ޑައިރެކްޓު ކުރާނީ ރޭމޯ ޑިސޫޒާއެވެ. ޕްރޮޑިއުސް ކުރާނީ ރަމޭޝް ޓޯރާނީ އެވެ.

comment ކޮމެންޓް