130 މިލިއަން ޑޮލަރު ހޯދަން ވިލާއާ ދެކޮޅަށް މިރާ އިން ދައުވާ ކޮށްފި

ގާސިމް އިބްރާހިމް --- ސަން ފޮޓޯ: ފަޔުާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާގެ ތިން ކުންފުންޏެއްގެ އަތުން ޖުމްލަ 130.78 މިލިއަން ޑޮލަރު ހޯދަން ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ އިން ދައުވާ ކޮށްފި އެވެ.

ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ވިލާ ހޮލިޓޭސް އަށް ހދ. ހަނިމާދޫން ދޫކޮށްފައިވާ ބިމުގެ ކުއްޔާއި ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 35.66 މިލިއަން ޑޮލަރު ހޯދުމަށް މީރާ އިން ވަނީ ދައުވާ ކޮށްފަ އެވެ.

ހަނިމާދޫން ދޫކޮށްފައިވާ ބިމަކީ 2007 ވަނަ އަހަރު ގާސިމްގެ ދަރިކަނބަލެއް ކަމަށްވާ ފާތިމަތު ތަސްލީމާ އަށް ދޫކޮށްފައިވާ ބިމެކެވެ. ފަހުން އެ ބިމުގެ ހައްގުތައް ވިލާ ހޮލިޑޭސް އަށް ބަދަލުކުރީ އެވެ.

ދެން މީރާ އިން ދައުވާ ކުރީ ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ވިލާގެ ކުންފުންޏެއް ކަމަށްވާ ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ގދ. ގަޒީރާގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 17.31 މިލިއަން ޑޮލަރު ހޯދުމަށެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވިލާގެ ކުންފުންޏެއް ކަމަށްވާ މާނެންފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ރ. މާނެންފުށީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 77.82 މިލިއަން ޑޮލަރު ހޯދުމަށް ވެސް މީރާ އިން ވަނީ ދައުވާ ކޮށްފަ އެވެ. އެ ތިން ތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އަރަނީ ޖުމްލަ 130.78 މިލިއަން ޑޮލަރެވެ.

މީގެ ކުރިން މީރާ އިން ވަނީ 37.57 މިލިއަން ޑޮލަރު ހޯދުމަށް ވެސް ވިލާއާ ދެކޮޅަށް ދައުވާކޮށްފަ އެވެ. އެއީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވިލާ ޝިޕިން އަށް ދޫކޮށްފައިވާ ތ. އެލާގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 18.92 މިލިއަން ޑޮލަރާއި އަދި ލ. އަތޮޅުން ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އަށް ދޫކޮށްފައިވާ ދެ ފަޅެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހެ 18.65 މިލިއަން ޑޮލަރު ހޯދުމަށް ކުރި ދައުވާތަކުގެ ޖުމްލަ އަދަދެެވެ.

comment ކޮމެންޓް