ކީޕަރު އިމްރާން އަނިޔާގައި ހުންނަތާ މަހަކަށް ވުރެ ގިނަ ދުވަސް!

ނިއުގެ ކެޕްޓަނަކަށް ހަމަޖެއްސި ކީޕަރު އިމްރާން(ވ)އާ ޗެއާމަން ކާނަލް ޒިޔާދު ބޭންޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭ ލީގުގައި ޖުލައި މަހުގެ 9 ވަނަ ދުވަހު ވިކްޓަރީއާ ދެކޮޅަށް ނިއުރޭޑިއަންޓް ކުޅުނު މެޗުގައި އެޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދަށް އަނިޔާވެފައިވާއިރު އަދިވެސް އެ އަނިޔާ މުޅިން ރަނގަޅު ނުވާކަމަށް ނިއުގެ ކޯޗް އޮސްކާ ބުްރްޒޯން ބުނެފިއެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ނިއުރޭޑިއަންޓްގެ ކެޕްޓަން އަދި ކީޕަރު އިމްރާން މުހައްމަދަށް އަނިޔާވީ ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކުވެސް އިމްރާން ގިނަ އިރުތަކެއް ވަންދެން ދަނޑު މަތީގައި ހުއްޓެވެ. އޭނާ ބަދަލުކޮށްފައި ވަނީ ދެވަނަ ހާފުގައެވެ.

މާޒިޔާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އޮސްކާ ބުނީ އިމްރާންގެ އަނިޔާ އަދިވެސް ރަނގަޅު ނުވާކަމަށާއި އަނިޔާއިން މުޅިން ރަނގަޅުވާން އަދިވެސް ވަގުތު ބޭނުންވާ ކަމަށެވެ.

މީގެ ކުރިން އިމްރާންގެ އަނިޔާ ދެ ހަފްތާތެރޭގައި ރަނގަޅުވާނެ ކަމަށް ބެލެވުނު ނަމަވެސް، ސަން ސްޕޯޓްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދިވެސް އަނިޔާއިން މުޅިން ރަނގަޅުވެ އިމްރާން އެނބުރި ދަނޑަށް ނުކުތުމަށް ވަގުތު ނަގާނެއެވެ.

ނިއުރޭޑިއަންޓްގެ އޮފިޝަލަކު މިއަދު ސަންއަށް ބުނީ، އިމްރާނަށް އެނބުރި ކުޅެން ނުކުމެވޭނެ ދުވަހެއް ސީދާ ބުނަން ނޭނގޭ ކަމަށާއި ނަމަވެސް އަވަށްޓެރި ސްރީލަންކާއިން އޭނާ ފަރުވާ ހޯދާފައިވާކަމަށެވެ.

މާލޭ ލީގުގައި އިމްރާނަށް ވީ އަނިޔާއާ ގުޅިގެން ނިއުގެ ގޯލް ބަލަހައްޓާފައިވަނީ ބަދަލު ކީޕަރު ޒިޔަޒަންއެވެ. އަދި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއުގެ ގޯލް ބަލަހައްޓަމުންދަނީ ދާދި ފަހުން ވެލެންސިއާއިން ނިއުއަށް ބަދަލުވި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލްއެވެ.

comment ކޮމެންޓް