ޕީއެސްޖީއަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ނޭމާގެ ފަރާތުން ލަނޑަކާއި އެސިސްޓެއް!

ފްރާންސް ލީގުގައި ގުއިންގަމްޕާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ތެރޭން. މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ލަނޑުން -- ފޮޓޯ: ގެޓީ

ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފަރގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ބްރެޒިލް ތަރި ނޭމާ، އޭނާގެ އާ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ލަނޑެއް ކާމިޔާބުކޮށް، އިތުރު ލަނޑެއް ޖެހުމުގައި އެހީތެރިވެދީފިއެވެ.

ގުއިންގޭމްޕް އާ ދެކޮޅަށް ރޭ ޕީއެސްޖީ ކުޅުނު މެޗުން އެޓީމު މޮޅުވީ 3-0 ލަނޑުންނެވެ.

މިދިޔަ ހަފްތާގައި ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯގެ އަގަކަށް ބާސެލޯނާއިން ޕީއެސްޖީއާ ގުޅުނު އުމުރުން 25 އަހަރުގެ ބްރެޒިލް ފޯވާޑަށް، ފްރާންސް ލީގުގައި އެމިއެންސް އަތުން 3-0 ލަނޑުން ޕީއެސްޖީ މޮޅުވި މެޗުގައި ބައިވެރި ނުވެވުނީ، އޭނާގެ ޓްރާންސްފަރ ލިޔެކިޔުންތައް ލަ ލީގާއިން ފްރާންސް ލީގަށް ފޮނުވުމުގައި ލަސްތަކެއްކުރިމަތި ވުމުންނެވެ.

ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި ނުކުޅެވުނު ކަމުގައި ވީނަމަވެސް، އެޓީމު ކުޅުނު ދެވަނަ މެޗުގައި ނޭމާ ވަނީ، އެޑިސަން ކަވާނީ އާއި އަންހެލް ޑި މަރިއާ އާއެކު، ޕީއެސްޖީގެ ފޯވަޑް ލައިންގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ފްރާންސް ލީގުގައި ގުއިންގަމްޕާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ތެރޭން. މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ލަނޑުން -- ފޮޓޯ: ގެޓީ

ގުއިންގަމްޕްގެ ދަނޑުގައި އެޓީމާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އެ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް އުނައި އެމެރީގެ ޓީމުން ވަނީ ދެވަނަ ހާފްގައި އެ ޓީމުގެ ފެންވަރު ދައްކާލައި ގުއިންގަމްޕްގެ ކޮޅަށް ތިން ލަނޑު ވައްދާލައިފައެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑަކީ، ކަވާނީއަށް ނޭމާ ދިން ތްރޫ ޕާހެއް، އޭނާއަށް ލިބުމުގެ ކުރީން ގުއިންގަމްޕްގެ ޑިފެންޑަރު ޖޯޑަން އިކޯކޯ ހޯދުމަށްފަހު ގޯލްކީޕަރު ކާލް-ޔޯހާން ޖޯންސަންއަށް ޖައްސާލި ބޯޅަ ކީޕަރަށް ނުލިބި ގޮސް ގޯލްތެރެއަށް ވަން ލަނޑެކެވެ.

ބްރެޒިލް ތަރި ނޭމާގެ އެހީތެރި ކަމާއެކު ޕީއެސްޖީގެ ދެވަނަ ލަނޑު ކަވާނީ ކާމިޔާބުކޮށް ދިންއިރު، ޕީއެސްޖީގެ ޖާޒީގައި ނޭމާ ކާމިޔާބުކުރީ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ކަވާނީގެ އެހީތެރިކަމާއެކުއެވެ.

comment ކޮމެންޓް