ކާޖޮލް އާއި ދަނުޝްގެ 'ވީއައިޕީ 2' އަށް ވެސް ތަރުހީބު ބޮޑު!

ކްރިޓިކްސްގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ދަނުޝް އާއި ކާޖޮލްގެ ތަމިލް-ތެލުގޫ ކޮމެޑީ ޑްރާމާ، 'ވީއައިޕީ 2' އަށް ބެލުންތެރިންގެ މެދުގައި ރަނގަޅު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

މިދިޔަ ހުކުރު ދުވަހު ފިލްމު ރިލީޒް ކޮށްފައި ވާއިރު، ފުރަތަމަ ދުވަހު ވެސް ސިނަމާތަކުގެ އޮކިއުޕެންސީ ރޭޓް އުޅެނީ 80 ޕަސެންޓުގަ އެވެ. އަދި ފިލްމު ރިލީޒް ކުރި ދުވަހު ވެސް ފިލްމަށް 4.25 ކުރޯރު ލިބިފައިވާ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ހާމަކޮށްފަ އެވެ.

އަދި ކުރިއަށް އޮތް ހަފްތާގައި ފިލްމަށް ލިބެމުން އަންނަ ތަރުހީބު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ފިލްމުގެ ވާހަކައިން އާ ކަމެއް ނުފެނުނު ނަމަވެސް، ދަނުޝްގެ އެކްޓިންގް އަށް ކްރިޓިކުން ވެސް ވަނީ ތައުރީފު ކޮށްފަ އެވެ. އަދި ފިލްމުގެ ޑައިލޮގުތައް ވެސް ފާހަގަކޮށްލެވެ އެވެ. ފިލްމުގެ ވާހަކަ ލިޔެ ސްކަރިޕްޓު ވެސް ތައްޔާރުކޮށްފައި ވަނީ ދަނުޝް އެވެ.

އެ ފިލްމަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ސުޕަހިޓް ފިލްމު 'ވީއައިޕީ'ގެ ސީކުއެލް އެވެ. ފުރަތަމަ ފިލްމުގައި ދަނުޝް އާއެކު ފެނިގެން ދިޔައީ މަލަޔާލަމް އަދި ތަމިލް އެކްޓަރު އަމަލާ ޕޯލް އެވެ.

'ވީއައިޕީ 2' އަކީ 19 އަހަރަށް ފަހު ތަމިލް ފިލްމަކުން ކާޖޮލް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. ތަމިލް ފިލްމަކުން ކާޖޮލް ފުރަތަމަ ފެނިގެން ގޮސްފައި ވަނީ 1997 ވަނަ އަހަރު ރިލީޒް ކުރި 'މިނަސާރާ' އިން ޕްރަބޫ ދޭވާ އަދި އަރްވިންދު ސްވާމީ އާ އެކު އެވެ.

ދަނުޝް ބުނީ 'ވީއައިޕީ 3' ވެސް ހެދުމަށް ނިންމާފައިވާ ކަމަށާއި، އެ ފިލްމުން ވެސް ކާޖޮލް ފެނިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް