ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސް ތަރި އަނީސް އިސްތިއުފާދީފި

ކުޅިވަރުގެ ގައުމީ މަޖިލީހުން އިސްތިއުފާ ދިން އަނީސް(ކ): އިސްތިއުފާ ދިނީ އެކަށީގެންވާ ވަގުތު ކައުންސިލަށް ނުދެވޭތީ ކަމަށް އޭނާ ވިދާޅުވޭ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުޅިވަރުގެ ގައުމީ މަޖިލިސް (ސްޕޯޓްސް ކައުންސިލް)ގެ ނައިބު ރައީސް މުހައްމަދު އަނީސް (ތަރި އަނީސް)، އެ ކައުންސިލުން އިސްތިއުފާ ދީފިއެވެ.

ކުޅިވަރު ކައުންސިލްގެ އިންތިހާބީ ނައިބު ރައީސް ތަރި އަނީސް، އިސްތިއުފާ ދީފައިވާކަން އޭނާ ވަނީ ސަން ސްޕޯޓްސްއަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ކުރީގެ ވޮލީބޯޅަ ކޯޗު ތަރި އަނީސް ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ކުޅިވަރު ކައުންސިލުން އިސްތިއުފާދިނީ އެކަށީގެންވާ ވަގުތު ނުދެވޭތީއާއެކު ކައުންސިލަށް ވަގުތުދެވޭ ގާބީލް ބޭފުޅަކަށް އެ ފުރުސަތު ދިނުމުގެ މަގްސަދުގައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވޮލީބޯޅަ ގައުމީ ޓީމުތައް މޮނީޓާކުރުމަށް ވޮލީބޯޅަ އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުޅިވަރު ކައުންސިލުން ތަރި އަނީސް އިސްތިއުފާ ދިނުމާއެކު ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ވަނީ ހުސްވެފައެވެ. އެ ކައުންސިލްގެ ރައީސްކަމުގެ މަގާމު އަދާކުރަމުން ދަނީ ކުޅިވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިބްރާހިމް އިސްމާއީލެވެ.

ސްޕޯޓްސް ކައުންސިލް އެކުލެވެނީ 11 މެންބަރުންގެ މައްޗަށެވެ. ކައުންސިލްގައި ހިމެނެނީ ކުޅިވަރާބެހޭ ވުޒާރާއިން މިނިސްޓަރު އައްޔަންކުރައްވާ ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ އަންހެން ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ ގާނޫނީ ވަކީލަކާއި، އެޑިޔުކޭޝަން މިނިސްޓްރީ ތަމްސީލް ކުރުމަށް އެ ވުޒާރާގެ ވަޒީރު އައްޔަންކުރައްވާ މެންބަރަކާއި، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުންނާއި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.

ސްޕޯޓްސް ކައުންސިލްގެ މައިގަނޑު މަސައްކަތަކީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭ ކަންކަން ބެލެހެއްޓުމާއި އެތުލީޓުން ކުރިއަރުވައި ތަރައްގީކުރަން މަސައްކަތް ކުރުމެވެ.

comment ކޮމެންޓް