އީރާނު އަދި އޮސްޓްރޭލިއާ އަތުން ވެސް އަންހެން ވޮލީ ޓީމު ބަލިވެއްޖެ

އޭޝިއަން ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތެރެއިން -- ފޮޓޯ/ ވީއޭއެމް

އޭޝިއަން ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމު، އީރާނާއި ދެކޮޅަށް ކުޅުނު މެޗު އަދި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެއްޖެއެވެ.

ފިލިޕީންސްގެ މެނީލާގައި ކުރިއަށްދާ އެ މުބާރާތުގައި ގައުމީ އަންހެން ޓީމު ވަނީ މީގެ ކުރިން ތައިލެންޑް އަދި ޗައިނީސް ޓައިޕޭ އަތުން ބަލިވެފައެވެ.

މި މަހުގެ 11 ވަނަ ދުވަހު އީރާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް އީރާނުން ގެންދިޔައީ ‎4-25 ،13-25 އަދި 14-25 އިންނެވެ. މިއީ މި އަހަރު މާލޭގައި ކުޅުނު ސެންޓްރަލް ޒޯން މުބާރާތުގައި އީރާންއާ ދެކޮޅަށް ނެރުނު ނަތިޖާއަށްވުރެ ވެސް ދަށް ނަތީޖާއެކެވެ.

އޭޝިއަން ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ތެރެއިން -- ފޮޓޯ/ ވީއޭއެމް

މިއަދު އޮސްޓްރޭލިއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ގައުމީ އަންހެން ޓީމު ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ދެ ސެޓުގައި ދިހަ ޕޮއިންޓް ނުހޯދުނު ނަމަވެސް ފަހު ސެޓްގައި ގައުމީ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް 19 ޕޮއިންޓް ހޯދައިފައެވެ.

އެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗާއި ދެވަނަ މެޗުން ވެސް ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ތައިލެންޑާ ދެކޮޅަށް ނުކުތްއިރު، އެ މެޗުގެ ސެޓުތައް ތައިލެންޑުން ގެންދިޔައީ 5-25، 12-25 އަދި 9-25 އިންނެވެ. ދެވަނަ މެޗުގައި ޗައިނީސް ޓައިޕޭއާ ދެކޮޅަށް ނުކުތްއިރު، ޓައިޕޭ އިން ސެޓުތައް ގެންދިޔައީ 25-9، 25-8 އަދި 25-10 އިންނެވެ.

ގައުމީ އަންހެން ޓީމަށް ފުރަތަމަ ދެ މެޗު ގެއްލުމާއެކު އެ ޓީމު މިހާރު ވަނީ މުބާރާތުން ކަޓައިފައެވެ. ނަމަވެސް ކުރިއަށްއޮތް މެޗުތަކުން މޮޅުވެގެން ރާއްޖޭގެ ރޭންކިން ކުރިއަށް ޖައްސާލުމުގެ ފުރުސަތު އޮންނާނެއެވެ.

comment ކޮމެންޓް