ގޮނޑި ގެއްލުނު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެމްބަރުން -- މަޖިލިސް ފައިލް ފޮޓޯ

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ހަތަރު މެމްބަރުން ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލައިފި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ، އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފު މުހައްމަދު ހުށަހެޅި ދުސްތޫރީ މައްސަލައެވެ.

މިއަދު ހެނދުނު ބާއްވާފައި ވަނީ، ވައްޑޭގެ މައްސަލައާއި، ސައުދުގެ މައްސަލަ އެވެ. އަދި މެންދުރުފަހު ބާއްވާފައި ވަނީ ލަތީފާއި އަމީތުގެ މައްސަލައިގެ އަޑުއެހުމެވެ.

މިއަދުގެ އަޑުއެހުންތަކުގައި ދައުވާ ކުރާ ފަރާތަށާއި، ދައުލަތަށް ވަނީ އެ މައްސަލާގައި ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމަށް ފަހު ފުރުސަތު ދީފަ އެވެ.

އެ މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް އެ ކޯޓުން ކުރި ހުކުމުގެ ކުރިން އެ މެމްބަރުން ޕީޕީއެމުން ވަކިވެފައިވާ ކަމަށެވެ. އެހެން ކަމުން އެ މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެ ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

ފަސް ފަނޑިޔާރުންގެ ބެންޗުން ބައްލަވާ އެ މައްސަލަތަކުގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް