ރައީސް ޔާމީން ވެރިކަމުން ބޭރުކުރަން ގޮވާލުމުން މުސްފަތާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

މުސްތަފާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުން ބޭރުކުރުމަށް ގޮވާލާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.

މުސްތަފާ އަށް ފުލުސް އޮފީހުން ފޮނުވި ޗިޓްގައިވާގޮތުން އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަނީ މާދަމާ ހަވީރު 4:00 އަށެވެ. މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ ފުލުހުންެ އިދާރާ އަށް ހާޒިރުވާން މީގެކުރިން ޗިޓް ފޮނުވުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ.

އެ ޗިޓްގައިވާގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކޮށް، ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭގޮތަށް ވާހަކަދެއްކެވި ކަމަށް ތުހުމަތު މައްސަލައެވެ.

މުސްފަތާ ހާޒިރުކުރަނީ އެ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށާއި ކޯޓު އަމުރެއްގެ ދަށުން ސާމްޕަލް ނެގުމަށް ކަމަށް ވެސް އެ އަމުރުގައިވެއެވެ.

comment ކޮމެންޓް