ފެނުގެ ކާރިސާއަށް ދިމާވެގެން އުޅޭ ސްޓޭޓަކަށް ބުރޫނޯ މާސް އެއް މިލިއަން ޑޮލަރު ދެނީ

ބްރޫނޯ މާސް

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިޗިގަންގެ އެންމެ ބޮޑު ސިޓީ، ފްލިންޓަށް ކުރިމަތިވެފައިވާ ފެނުގެ ކާރިސާއަށް އެހީވުމަށް އެއް މިލިއަން ޑޮލަރު ހަދިޔާ ކުރަން މަޝްހޫރު ލަވަކިޔުންތެރިޔާ ބްރޫނޯ މާސް ނިންމައިފިއެވެ.

ގްރެމީ އެވޯޑް ހާސިލް ކޮށްފައިވާ ހަވާއީއަށް އުފަން ލަވަކިޔުންތެރިޔާ އެކަން އިއުލާންކުރީ އޭނާގެ އެންމެ ފަހުގެ އަލްބަމް "24ކޭ" ޕްރޮމޯޓް ކުރުމަށް އެމެރިކާގެ ސްޓޭޓް ތަކަށް މިހާރު ފަށައިގެން އުޅޭ ވޯލްޑް ޓުއާގައި މިޗިގަންގައި ރޭ ބޭއްވި ކޮންސެޓެއްގައެވެ.

ބްރޫނޯ ބުނީ، މިޗިގަންގެ އައުބާން ހިލްސްގައި އޭނާ ދޭ ޝޯ އިން ލިބޭ ފައިސާ، ފްލިންޓުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކޮމިއުނިޓީ ފައުންޑޭޝަން އޮފް ގްރޭޓާ ފްލިންޓަށް ހަދިޔާކުރަން އޭނާއާ ޓުއާ ޕްރޮމޯޓަރުން ނިންމާފައިވާ ކަމަށެވެ.

ކޮމިއުނިޓީ ފައުންޑޭޝަން އޮފް ގްރޭޓާ ފްލިންޓަކީ 2014 ވަނަ އަހަރުން ފެށިގެން ފްލިންޓަށް ދިމާވެފައިވާ ފެނުކުގެ ކާރިސާގައި އެ ސިޓީގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޗެރިޓީއެކެވެ.

"އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް ފްލިންޓުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް އަދިވެސް އެބައޮތް. މި ކާރިސާގެ އަސަރުކުރި އަހަރެމެންގެ ބޭބެއިންނާއި ދައްތަމެންގެ މަތިން ހަނދާން ނުނެތުމަކީ ވަރަށް މުހިއްމު ކަމެއް،" ބްރޫނޯ ބުނެފައިވެއެވެ.

ފްލިންޓުގެ ރައްޔިތުން ބޯން ބޭނުންކުރާ ފެނާއި އެ ސިޓީގައި އޮންނަ ކޯރު ފެން ގުޅި، ދިމާވި ފެނުގެ ކާރިސާގެ ސަބަބުން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅި، ބޯން ބޭނުންކުރާ ފެނަށް ވަނީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ކެމިކަލް މާއްދާއެއް އެކުވެފައެވެ.

ފެނުގެ އަސަރު ފްލިންޓު ސިޓީގެ އެއް ލައްކައަށް ވުރެ ގިނަ މީހުންނަށް ކޮށް 12 މީހުން ވަނީ މަރުވެފައެވެ. އަދި އެކަމާ ގުޅިގެން 2016 ވަނަ އަހަރު އެ ސިޓީގައި ކުއްލި ހާލަތު އިއުލާންކުރިއިރު، ފްލިންޓުގެ ރައްޔިތުން އަދިވެސް ބޯން ބޭނުން ކުރަނީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނެވެ.

ފްލިންޓަށް ދިމާވެފައިވާ ފެނުގެ ކާރިސާ ހައްލުކުރުމަށް ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާއިރު، އެންމެ ލަސްވެގެން ވެސް 2020 ވަނަ އަހަރުގެ ކުރިން އެކަން ހައްލު ނުކުރެވޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު