ދައުލަތުން އުޅެނީ ޕީޕީއެމްގެ ހައްގު ހިމާޔަތް ކުރަން، ވައްޑޭ ހުށަހެޅި ފޯމަށް ވީގޮތެއް ބުނެނުދެވޭ: ވަކީލު

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް --- ސަން ފޮޓޯ މުހައްމަދު އަފްރާހް

އަބަދުވެސް އަޑުއިވެނީ ދައުލަތުގެ ފަރާތުން ޕީޕީއެމްގެ ހައްގުތައް ހިމާޔަތްކުރާ ވާހަކަ ދައްކާ އަޑު ކަމަށާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ޕީޕީއެމްގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި ހުށަހެޅި ސިޓީތަކާއި ފޯމްތަކަށް ވީގޮތެއް ކިޔައިނުދެވޭ ކަމަށް ވައްޑޭގެ ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ވައްޑޭގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައާ ގުޅިގެން ހިންގި ޝަރީއަތުގެ ފަހު އަޑުއެހުމުގައި ހިސާން އެހެން ވިދާޅުވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ވައްޑޭ ޕީޕީއެމް އިން ވަކިކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމިތާ ހަތަރު މަސްވީއިރުވެސް ޕާޓީގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި އޭނާ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިނުވާ ކަމަށެވެ. ނަމަވެސް މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރުމާ އެކު ޕާޓީގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި ވައްޑޭ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ވައްޑޭގެ ވަކީލާ ހިސާން ވިދާޅުވީ ޕާޓީއަކަށް ވަނުމުގެ މިނިވަންކަން އޮންނަ ފަދައިން ޕާޓީން ވަކިވާން ބޭނުންވީމަ ވަކިވެވެންޖެހޭނެ ކަމަށެވެ. ގަދަބާރުން ޕާޓީގައި ބެހެއްޓުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ވައްޑޭގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށްފައިވާ ހުކުމުގައިވާ ޑިއު ޕްރޮސެސް ފުރިހަމަނުކޮށް ކަމަށް ހިސާން ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއީލް އަބްދުލް ހަމީދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައިވާގޮތުން ވެސް ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހިސާން ވިދާޅުވިގޮތުގައި ވައްޑޭގެ ގޮނޑި ގެއްލިއްޖެ ކަމަށް ދައުލަތުން ދެކޭނަމަ އެގޮތަށް ކަނޑައަޅައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭނެއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ވައްޑޭގެ ގޮނޑި ގެއްލިއްޖެ ކަމާ މެދު ދައުލަތަށް އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށާއި އެހެންކަމުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަމާލައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.

comment ކޮމެންޓް