"ރަން އިން އައްޑޫ"ގެ ޕާޓްނަރުންގެ ގޮތުގައި މޯލްޑިވިއަންއާއި އެމްޕީއެލް

ޓީއެފްގީ " ރަން އިން އައްޑޫ" އާ ބެހޭ ނިއުސްކޮންފަރެންސްގެ ތެރެއިން--ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓީއެފްޖީން އިސްނަގައިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން "ރަން އިން އައްޑޫ"ގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހަމަޖައްސައިފިއެވެ.

މިއަދު ޓީއެފްޖީގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެ ދެ ކުންފުންޏާއި އަދި އިތުރު ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރުމަށް ފަހު އެމްޕީއެލް އިން ބުނީ "ރަން އިން އައްޑޫ" ގައި ބައިވެރިވާން ނިންމީ އެ ކުންފުންޏަކީ އައްޑޫގައި ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏަށް ވީތީ މިފަދަ ބޮޑު ކަމެއް ކުރިއަށްދާއިރު ކޮންމެހެންވެސް އެ ކަމުގައި އެކުންފުނީގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމާ ގުޅޭ ގޮތުން މޯލްޑިވިއަންއިން ބުނީ، " ރަން އިން އައްޑޫ" އާއި ގުޅުވައިގެން އައްޑުއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފެއާއެއް ހުޅުވާނެ ކަމަށާއި މިފަދަ ކަމެއްގައި ބައިވެރިވުމަކީ މޯލްޑިވިއަނަށް ލިބިގެން ދިޔަ ހިތް ހަމަޖެހުމެއް ކަމަށެވެ.

މި ދެ ކުންފުނީގެ އިތުރުން މިއަދުވަނީ އެ ހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި ގަން އިންޓަރ ނޭޝަނަލް އެއާޕޯޓް، ސޮނީ ސްޕޯޓްސް، މިހާރު އަދި ޕްރިންޓް ލެބް ހަމަޖައްސާފައެވެ.

"ރަން އިން އައްޑޫ"ގެ ނަމުގައި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ޓީއެފްޖީގެ ސީއީއޯ ޒިނާން ވިދާޅުވީ، މިއީ މިފަދަ ބޮޑު ދުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށާއި ދުވުމުގައި ދުވުމުގެ ބައިވެރީން 42 ކިލޯ މީޓަރުގެ ސަރަހައްދަކަށް ދުވާނެ ކަމަށެވެ.

ޖުމުލަ ހަތަރު ބައެއް ހިމެނޭ ދުވުން އައްޑޫގައި ކުރިއަށްގެންދާއިރު އެ ދުވުމުގެ ތެރެއިން އައްޑޫގެ ރީތިކަމާއި އައްޑޫގެ ސަގާފަތް އެންމެ ފުރިހަމައަށް ފެންނާނެހެން ގިނަ ކަންތަތައް ތަކެއް ކުރުމަށް ރާވާފައިވާކަމަށް ޒިނާން ވިދާޅުވިއެވެ. އެ ގޮތުން އައްޑޫ ސިޓީގެ އެންމެ ފުރިހަމަ ބިނާ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު ކައިރިން މި ރޭސް ފެށުމަށް ހަމަޖެހިފައިވާއިރު ރޭސް ނިންމަން ހަމަޖެހިފައިވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދަށެވެ.

އައްޑޫގައި ކުރިއަށްގެންދާ ރޭހުގައި ޖުމުލަ 300 ބައިވެރިން ބައިވެރިވާނެ ކަަމަށް ޓީއެފްޖީއިން މައުލޫމާތު ދެއެވެ.

ރޭހާ ގުޅުވައިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހާއްސަ އެކްސްޕޯއެއްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދުވުމުގެ ހަވާސާގެ ތެރެއިން އިސް ރަށްވެހިންނަށް ހާއްސަ ހިނގާލުމެއްގެ އިތުރުން 10 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ދުވުމެއްވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް