ވެެނަޒުއޭލާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާފާނެ ކަމުގެ އިންޒާރާއެކު ޓްރަމްޕަށް ފާޑުކިޔުން

ވެނެޒުއޭލާގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (އޮގަސްޓް 13): ވެނަޒުއޭލާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަކީ ނެތް ކަަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން ދެކުނު އެމެރިކާގެ ގައުމުތަކުން ޓްރަމްޕަށް ފާޑުކިޔައިފިއެވެ.

އާޖެންޓީނާ، ބްރެޒިލް، ޕެރެގުއޭ އަދި އުރުގުއޭ ހިމެނޭ ވިޔަފާރީގެ އެލައަންސް މާކޮސާ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ވެނަޒުއޭލާގައި ޑިމޮކްރަސީ ކުރި އެރުވޭނީ އަސްކަރީ ފިޔަވަޅު އެޅުމުގެ ބަދަލުގައި ގައުމުތަކުން ވާހަކަދައްކައި މަޝްވަރާކޮށްގެންނެވެ.

އަދި ރައީސް ޓްރަމްޕްގެ އިންޒާރަކީ އދގެ ގަވާއިދުތަކާ ހިލާފަށް ދިން އިންޒާރެއް ކަމަށް ވެސް މެކްސިކޯ، ކޮލަމްބިއާ އަދި ޕެރޫ އިން ފާހަގަ ކުރިއެވެ.

ވެނަޒުއޭލާގެ ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުންގެ ނުރުހުމުގައި ދާދި ފަހުން މަޖިލިސް އިންތިހާބެއް ބާއްވައި މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފައެވެ. އޭގެ ސަބަބުން އެގައުމުގައި ކުރިއަށްދާ މުޒާހަރާތަކުގައި 120ށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ނަމަވެސް ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ އިންތިހާބު ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފައެވެ. އަދި އެގައުމުގެ ފޮރިން މިނިސްޓަރު ވަނީ ޓްރަމްޕްގެ ވާހަކަފުޅުގެ ސަބަބުން ދެކުނު އެމެރިކާގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ސަބަބުން ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވާ އިރު މިދިޔަ ހަފްތާ ތެރޭގައި މާކޮސާއިން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އެއެލައަންސުން ވެނަޒުއޭލާ ވަކިކޮށްފައެވެ. (ބީބީސީ)

comment ކޮމެންޓް