އިންޑިއާގެ ހޮސްޕިޓަލެއްގައި ފަސް ދުވަސް ތެރޭ 60 ކުޑަކުދިން މަރުވެއްޖެ

އިންޑިއާގެ ބާބާ ރާގަވް ދަސް ހޮސްޕިޓަލުން ފާއިތުވި ފަސް ދުވަސްތެރޭ 60 ކުޑަކުދިން މަރުވި --- ފޮޓޯ: އޭއެފްޕީ

ދިއްލީ (އޮގަސްޓް 13): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއްގައި ފާއިތުވި ފަސް ދުވަސް ތެރޭ 60 ކުޑަކުދިން މަރުވެއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ބާބާ ރާގަވް ދަސް ހޮސްޕިޓަލުގައި މަރުވި ގިނަ ކުދިންނަކީ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ކުދިންނެވެ. އަދި އޭގެ ތެރެއިން 30 ކުއްޖަކު މަރުވީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގައެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެކުދިން މަރުވީ ހޮސްޕިޓަލުގެ އޮކްސިޖެން ސަޕްލައި މަދުވުމުންނެވެ. އަދި ހޮސްޕިޓަލަށް އޮކްސިޖެން ސަޕްލައި ފޯރުކޮށްދޭ ފަރާތަށް ފައިސާ ދެއްކުމުގައި މައްސަލައެއް އުޅުނު ނަމަވެސް ކުޑަކުދިން މަރުވީ އޮކްސިޖެން ނުލިބިގެން ނޫން ކަމަށް ޑިސްޓްރިކްޓް އޮފިޝަލް އަނިލް ކުމާރު ވިދާޅުވި އެވެ.

އަނިލް ވިދާޅުވި ގޮތުގައި އެ 60 ކުދިން ހޮސްޕިޓަލަށް ގެނައި އިރުވެސް އެކުދިންގެ ހާލު "ސީރިއަސްވެފައި" ވުމުން އެކުދިން މަރުވީ ގުދުރަތީ ސަބަބުތަކާ ހެދި ކަމަށް ވެދާނެއެވެ.

އުއްތަރަ ޕްރަދޭޝްގެ އޮފިޝަލުން އެ ހާދިސާ ތަހުގީގު ކުރަމުންދާ އިރު، އެކުދިން މަރުވި ސަބަބާ ބެހޭ ގޮތުން ބާބާ ރާގަވް ދަސް ހޮސްޕިޓަލުން ވަކި އެއްޗެކޭ ބުނެފައި ނުވެއެވެ. ނަމަވެސް ފާއިތުވި ދުވަސް ތަކުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ލިކުއިޑް އޮކްސިޖެން ސަޕްލައިގެ ޕްރެޝަރު ދަށްވިކަމަށާއި އޭގެ ސަބަބުން އެމާޖެންސީ ސިލިންޑަރުތައް ބޭނުން ކުރި ކަމަށް ހޮސްޕިޓަލުން ފާހަގަކުރިއެވެ.

މީގެ އިތުރުން އުއްތަރަ ޕްރަދޭޝްގެ ހެލްތް މިނިސްޓަރު ވެސް ވަނީ ކުޑަކުދިން މަރުވީ އޮކްސިޖެން ނުލިބިގެން ކަމަށް ބުނާ ރިޕޯޓުތައް ދޮގުކުރައްވައިފައެވެ. އަދި ފާއިތުވި ތިން އަހަރުގެ އޮގަސްޓް މަހު އެހޮސްޕިޓަލުން ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު 19 އާއި 22ހާ ދެމެދުގެ އަދަދަކަށް އަރާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެމައްސަލަ ވަރަށް ގާތުން ބައްލަވަމުންދާ ކަމަށް ވިދާޅުވެފައެވެ. (ބީބީސީ)

comment ކޮމެންޓް