ޗެމްޕިއަން ޗެލްސީ، ބާންލީ އަތް ދަށުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ޖެހުމަށްފަހު ބާންލީގެ ކުޅުްންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ ބީބީސީ

އިނގިރޭސީ ޕްރިމިއާ ލީގުގެ މިދިޔަ ސީޒަނުގެ ޗެމްޕިއަން ޗެލްސީ، އާ ސީޒަންގެ ފުރަތަމަ މެޗުގައި ބާންލީ އަތުން ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާންލީ އަތުން ޗެލްސީ ބަލިވީ 2-3 ލަނޑުގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ފޯރިގަދަ އަދި މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ 14 ވަނަ މިނެޓުގައި ޗެލްސީގެ ގެރީ ކޭހިލްއަށް ވަނީ ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

އެއް ކުޅުންތެރިއަކު މަދުން ކުޅުނު ޗެލްސީއަށް އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 24 ވަނަ މިނެޓްގައި ބާންލީން ލީޑު ނެގުމާއެކުއެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޭމް ވޮކްސްއެވެ. އޭނާ އެ ލަނޑު ޖެހީ މެތިއު ލޯޓަންގެ އެހީތެރިކަމާއެކުއެވެ.

ޗެލްސީން ޕްރެޝަރުން ރަނގަޅަށް އަރައި ނުގަނެވި އުޅެނިކޮށް ބާންލީން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ލަނޑު މެޗުގެ 39 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްޓެފަން ވާޑްއެވެ.

މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ބާންލީން ވަނީ އަނެއްކާ ވެސް ލަނޑެއް ކާމިޔާބުކޮށް ޗެމްޕިއަނުންގެ ކުރިމަތީގައި އެމީހުންގެ ފެންވަރު ދައްކާލައިފައެވެ. ބާންލީއަށް އެ ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސޭމް ވޮކްސްއެވެ.

ދެވަނަ ހާފުގައި ޗެލްސީން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ފުރތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ލުއިޒްއެވެ.

ރޭގެ މެޗުގައި ޗެލްސީގެ ސެސް ފެބްރިގާސްއަށް ވެސް ވަނީ ރެފްރީ ރަތް ކާޑު ދައްކައިފައެވެ. އޭނާ ފުރަތަމަ ހާފުގައި ކުރި ފައުލަކާ ގުޅިގެން ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް އަނެއްކާވެސް އޭނާ ކުރި ފައުލަކާ ގުޅިގެން ވަނީ ރީނދޫ ކަޑެއް ދައްކާ ރަތް ކާޑަކާއެކު ދަނޑުން ފޮނުވާލައިފައެވެ.

comment ކޮމެންޓް