ބާސާއަށް ޕައުލީނިއޯ ގެންނަނީ!

ޗައިނާގެ ފުޓްބޯޅަ ޖަޔަންޓް ގުއަންޒޫ އެވަގްރާންޑޭއަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯ -- ފޮޓޯ/ ގެޓީ

ޗައިނާގެ ސުޕަ ލީގު ލީޑަރު ގުއަންޒޫ އެވަގްރާންޑޭއަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯ، ގާތްގަނޑަކަށް 36 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއަކަށް ގެނައުމަށް ބާސެލޯނާ ތައްޔާރުވެއްޖެއެވެ.

މިފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ފެށުމާއެކު ބާސާއިން ވަނީ، ޕައުލީނިއޯ ހޯދުމަށް 17 މިލިއަން ޕައުންޑުގެ އަގެއް ހުށަހަޅައިފައެވެ. އެހެންނަމަވެސް އޭރު ގުއަންޒޫގެ ޗެއާމަން ޒޫޖިއަޔިން ވިދާޅުވެފައި ވަނީ އެވަރުގެ އަގަކަށް އޭނާ ދޫކޮށްލައިފި ނަމަ އެ ކްލަބަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނޭ ކަމަށެވެ.

ޕައުލީނިއޯ ހޯދަން ބާސާއިން ފުރަތަމަ ހުށަހެޅި އަގަށް ވުރެ ދެގުނަ ބޮޑު އަގެއް ހުށަހަޅަން އެ ކްލަބަށް މަޖުބޫރުވީ، ފީއެސްޖީން ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ބްރެޒިލް ތަރި ނޭމާ ގެންދިއުމުން އެތަން ފޫބައްދަން ބުރަ މަސައްކަތްތަކެއް ކުރާން ޖެހުމުންނެވެ.

ބާސާއިން ނޭމާގެ ބަދަލުގައި ކުޅުންތެރިއަކު ހޯދަން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ހިމެނެއެވެ. އެހެން ނަމަވެސް ލިވަޕޫލުން އެ ކުޅުންތެރިއާ ދޫކޮށްލަން ބޭނުން ނުވާތީ، ބާސާ ވަނީ އެ ފެންވަރުގެ ކުޅުންތެރިއަކު ހޯދުމަށް ކެތްމަދުވެފައެވެ.

"ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރީންގެ މައްޗަށް އެކުލެވޭ، ދުނިޔޭގެ އެންމެ މޮޅު ކްލަބު ކަމަށްވާ ބާސެލޯނާއަށް ކުޅެން ލިބިއްޖެ ނަމަ އެއީ އަހަންނަށް ލިބޭނޭ ރަނުގެ ފުރުސަތެއް،" މިދިޔަ ޖުލައި މަހު ބާސާއަށް ބަދަލުވުމާ ގުޅޭގޮތުން އުމުރުން 29 އަހަރުގެ ޕައުލީނިއޯ ބުނެފައިވެއެވެ.

އަހަރެން މިދަނީ އަހަރެމެންގެ ކްލަބުގެ ޕްރެޒިޑެންޓާ މަޝްވަރާކުރަމުން. އަހަންނަށް މި ހުށަހެޅުން ލިބުނު ފަހުން، އެކަމާ ނުވިސްނޭ އެންމެ ހިނދުކޮޅެއްވެސް ނުދޭ. އުންމީދަކީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ޓްރާންސްފަރ ހަމަޖެހުން."

ޕައުލީނިއޯ އަކީ އެވަގްރާންޑޭގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ފިލިޕޭ ސްކޯލާރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓީމުން ޗައިނާ ސުޕަރ ލީގުގެ އެއްވަނައިގައި ހިފަހައްޓަމުން އަންނައިރު، އެ ޓީމު ވަނީ އޭޝިއަން ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފައެވެ.

comment ކޮމެންޓް