Sun Online
ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންގެ ކޮންޓްރެކްޓް އެ ކްލަބުން ވަނީ އާކޮށްފައި -- ފޮޓޯ: ގެޓީ
ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންގެ ކޮންޓްރެކްޓް އެ ކްލަބުން ވަނީ އާކޮށްފައި -- ފޮޓޯ: ގެޓީ
ރެއާލް މެޑްރިޑް

ރެއާލުން ޒިދާންގެ ކޮންޓްރެކްޓް ތިން އަހަރަށް އާކޮށްފި

އަޙްމަދު މުޖްތަބާ
ލިޔުނީއަޙްމަދު މުޖްތަބާ

ރެއާލް މެޑްރިޑުން އެ ކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާން (ޒިޒޫ)ގެ ކޮންޓްރެކްޓް އާކޮށް ތިން އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްފިއެވެ.

އާ ކޮންޓްރެކްޓާއެކު ރެއާލްގައި 2020 ވަނަ އަހަރާ ހަމައަށް ޒިދާން މަޑުކުރާން ޖެހޭއިރު، އެ ކްލަބުން ވަނީ އޭނާއަށް ލިބެމުން ދިޔަ މުސާރަ ވެސް ދެގުނައަށް ބޮޑުކޮށްފައެވެ. އެގޮތުން މިހާރު ޒިދާނަށް އަހަރަކު ގާތްގަނޑަކަށް 8 މިލިއަން ޔޫރޯ ލިބޭނެއެވެ. މީގެ އިތުރުން މުބާރާތެއް ކާމިޔާބުކޮށްފި ނަމަ އޭނާއަށް ލިބޭ ބޯނަސް ވެސް ދެގުނަ އިތުރުވާނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަ ލީގާ ޗެމްޕިއަނުން އެ ކްލަބުގެ ކޯޗަށް އާ ކޮންޓްރެކްޓެއް ދީފައި މިވަނީ، ޒިޒޫގެ އިރުޝާދުގެ ދަށުން ވޭތުވެ ދިޔަ ދުވަސްތަކުގައި ރެއާލް ހޯދާފައިވާ އާދަޔާ ޚިލާފް ކާމިޔާބުތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ޖޫން ތިން ވަނަ ދުވަހު، ކާޑިފްގައި 4-1 ލަނޑުން ޔުވެންޓަސްގެ މައްޗަށް ކާމިޔާބު ހޯދައި، ޒިދާން ވަނީ، ފަހުގެ ތާރީޚެއްގައި ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ދެ ފަހަރު ހޯދި ފުރަތަމަ ކްލަބުގެ ޝަރަފް ހޯދައިދީފައެވެ.

މީގެ އިތުރުން ޒިދާން ވަނީ، ވާދަވެރި ބާސެލޯނާ ފަހަތަށް ޖައްސާލައި މިދިޔަ ސީޒަންގެ ސްޕެނިޝް ލީގުވެސް ރެއާލަށް ހޯދައިދީފައެވެ.

"އަހަރެންނާ ރެއާލް މެޑްރިޑާ ދެމެދު އޮންނަނީ ކޮންޓްރެކްޓާއި ސޮޔަށްވުރެ މާ ފުން ގުޅުމެއް،" ހޮނިހިރު ދުވަހު ޒިދާންގެ އާ ކޮންޓްރެކްޓް އިއުލާނުކުރުމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލެއްގެ ޖަވާބުގައި ޒިދާން ބުންޏެވެ.

"އަހަރެން ވަރަށް އުފާވޭ ރެއާލުން އަހަންނަށް ކުރާ އިތުބާރުގެ ސަބަބުން. އަހަރެންގެ ސްޓާފުންނާއެކު މިހާ ރަނގަޅަށް މަސައްކަތްކުރެވޭތީ ވަރަށް ހިތްހަމަޖެހޭ. އަހަރެންގެ އަމާޒަށް އަދިވެސް ބަދަލެއް ނުވޭ. އަމާޒަކީ ކުޅޭ ކޮންމެ މެޗަކުން ވެސް މޮޅުވުން. އަދި ހުރިހާ މުބާރާތެއް ކާމިޔާބުކުރުން. އަހަރެން މި މަގާމުގައި ހުރީ ވަރަށް އުފަލުން."

ރެއާލްގެ ކޯޗުކަމަށް ޒިދާން ހަމަޖެއްސީ، ރަފާ ބެނިޓޭޒް އެ މަގާމުން ދުރުކުރުމަށް ފަހު 2016 ވަނަ އަހަރުގެ ޖެނުއަރީގައެވެ. އޭނާ ވަނީ މަގާމާ ހަވާލުވުމަށް ފަހު އެ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ޒިދާން ވަނީ، ކްލަބް ވޯލްޑް ކަޕަކާ، ޔޫއެފާ ސުޕަރ ކަޕްގެ ދެ މުބާރާތް ރެއާލަށް ކާމިޔާބުކޮށްދީފައެވެ.

×
DB released.