ދެވަނަ ދުވަހު ރޭގެ މެޗުތައް އެވިޑް، ކްލިކް، އެފްއެޗްޓީއެސް އަދި މައި ކޮލެޖަށް

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގައި ރޭ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި މައި ކޮލެޖް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަންފޮޓޯ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ގުރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން އެވިޑް، ކްލިކް އެފްއެޗްޓީއެސް އަދި މައި ކޮލެޖް މޮޅުވެއްޖެއެވެ.

ރޭގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި މައި ކޮލެޖެވެ. އެ މެޗު މައި ކޮލެޖުން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މައި ކޮލެޖުގެ އަހްމަދު އައިހަމްއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ކްލިކް ކޮލެޖް އާއި ފެކަލްޓީ އޮފް ސައިންސްއެވެ. އެ މެޗުގެ 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކްލިކް ކޮލެޖެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކްލިކް ކޮލެޖްގެ ހަސަން ސައީދެވެ.

ރޭ ކުޅުނު ތިންވަނަ މެޗުގައި ވާދަކުރީ އެވިޑް ކޮލެޖާއި ފެކަލްޓީ އޮފް އާޓްސްއެވެ. އެ މެޗު އެވިޑް އިން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެވިޑްގެ މުހައްމަދު ޝާހުއެވެ.

ރޭގެ އެންމެ ފަހު މެޗުގައި ވާދަކޮށްފައިވަނީ ވިލާ ކޮލެޖާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް (އެފްއެޗްޓީއެސް) އެވެ. އެ މެޗު ނިމުނީ 3-4 ވިލާ ކޮލެޖް ބަލިވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެފްއެޗްޓީއެސްގެ ހަސަން ރަޝާދެވެ.

މާފަންނު ވެލިދަނޑުގައި ކުރިއަށްދާ އެ މުބާރަތުގެ ކުޅުން މިއަދު ހަވީރާއި މިރޭ ވެސް ކުރިއަށްދާނެއެވެ.

comment ކޮމެންޓް