ނާފިއުގެ ހެޓްރިކާއެކު ކުޑަހުވަދޫގެ މައްޗަށް ޓީސީން ފަސޭހަ މޮޅެއް ހޯދައިފި

މިރޭ އުރީދޫ ޕްރިމިއާ ލީގުގައި ޓީސީގެ ކުޅުންތެރިން ލަނޑެއް ކާމިޔާބުކުރުމަށް ފަހު އުފާފަޅުކުރަނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިރޭ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕްގެ އެއްވަނަ ދ. ކުޑަހުވަދޫ ވާދަކުރި މެޗު ޓީސީން ތަފާތު ބޮޑު ނަތީޖާއަކާއެކު ކާމިޔާބުކޮށްފިއެވެ.

ޓީސީން ވަނީ ކުޑަހުވަދޫ ކޮޅަށް 6 ލަނޑު ޖަހާފައެވެ. ކުޑަހުވަދުއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

މިރޭގެ މެޗުގައި ޓީސީން ގިނަ ގޯލް ތަކެއް ކާމިޔާބުކުރިއިރު ޓީސީއަށް މި ސީޒަނުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ގޯލް ނުޖެހުމުގެ މައްސަލަ ކަމަށް އެ ޓީމުގެ ކޯޗުވަނީ ބުނެފައެވެ. އެހެން ކަމުން މި ނަތީޖާއަކީ ޕްރިމިއާ ލީގުގެ ކުރީ ކޮޅު ޓީސީއަށް ދިމާވެފައިވާ ބޮޑު މައްސަލއަށް ހައްލެއް ލިބިގެންދާނެ ކަމުގެ ހެޔޮ ފާލެކެވެ.

މިރޭގެ މެޗުގައި ޓީސީއަށް ލީޑު ނަގައިދިނީ ނާއިޒް ހަސަން އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ މެޗުގެ 13 ވަނަ މިނިޓްގައެވެ.

ނާއިޒްގެ ލަނޑަށް ފަހު އަނެއްކާވެސް 17 ވަނަ މިނިޓްގައި ޓީސީން ވަނީ އިތުރު ގޯލެއްޖަހައިފައެވެ. އެ ލަނޑު ކާމިޔާބުކުރީ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓްއެވެ.

ޓީސީއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ އަބްދުﷲ ހަނީފުއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 45 ވަނަ މިނިޓްގައެވެ.

ޓީސީގެ ފަހު ތިން ލަނޑަކީވެސް އެޓީމުގެ ކެޕްޓަން އަލީ ނާފިއު ކާމިޔާބުކޮށްދިން ތިން ލަނޑެވެ. އެގޮތުން އޭނާ ވަނީ މެޗުގެ 47 ވަނަ މިނިޓް، 59 ވަނަ މިނިޓް އަދި 73 ވަނަ މިނިޓްގައި އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދީފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.

ކުޑަހުވަދޫ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 57 ވަނަ މިނިޓްގައި ކާމިޔަބުކޮށްދިނީ އާދަމް ޝަހީމްއެވެ.

މީގެކުރިން އެ މުބާރާތުގައި ޓީސީ ވަނީ ނިއުރޭޑިއަންޓް އަތުން ބަލިވެފައެވެ. އަދި މިއީ ކުޑަހުވަދޫ އެ މުބާރަތުގައި ވީ ދެވަނަ ބައްޔެވެ. އެ ޓީމު ވަނީ މާޒިޔާއަތުންވެސް 4-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

comment ކޮމެންޓް