އަޅުގަނޑުގެ އިނާޔަތް ކަނޑާލިކަން އެއްވެސް އިދާރާއަކުން އަންގާފައެއްނުވޭ: ލަތީފް

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބޭ އެއްވެސް އިނާޔަތެއް ކަނޑާލި ކަން އެއްވެސް އިދާރާއަކުން އަންގާފައިނުވާ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ލަތީފް މިއަދު "ސަން" އަށް ވިދާޅުވީ އޭނާ އާއި އިތުރު ބައެއް މަޖިލިސް މެމްބަރުންގެ އިނާޔަތްތައް ކަނޑާލިކަމަށް ނޫސްތަކުގައި ރިޕޯޓު ކުރިނަމަވެސް އެފަދަ އެއްވެސް އެންގުމެއް އެއްވެސް އިދާރާއަކުން އަންގާފައިނުވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަކުން ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވެސް ލިޔުމުން ވެސް އަނގަބަހުން ވެސް އަޅުގަނޑަކަށް ނެތް އަންގާފަ އިނާޔަތްތައް ކަނޑާލި ކަމަށް،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ކަމަށް ބުނާއިރު، އެ ކޮމިޝަންގެ ރައީސް ސޮއިކުރައްވައި އެފަދަ ނިންމުމެއް ނިންމިކަން އެއްވެސް އިދާރާއަކަށް ވެސް އަންގާފައިނުވާ ކަމަށެވެ. އަދި އޭނާގެ ގޮނޑި ގެއްލިފައިވާކަން އޭނާ އަށް ވެސް އަންގާފައިނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމައަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.

ލަތީފްގެ އިތުރުން ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅި އެހެންް މެމްބަރުންގެ އިނާޔަތްތައް ކަނޑާލި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރިނަމަވެސް މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ފޯނު ނުނަންގަވާތީ މިކަމާ ގުޅޭގޮތުން މަޖިލީހުގެ ބަހެއް އަދި ވަނި ލިބޭގޮތް ނުވެފައެވެ.

ލަތީފްގެ އިތުރުން ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ އިތުރުން މައްޗަން ގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންއެވެ.

comment ކޮމެންޓް