ޑެމްބެލޭގެ ސޮއި ހޯދަން ރެއާލުން ބާސާއާ ކުރިމަތިލަނީ!

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އޮސްމާނޭ ޑެމްބެލޭ -- ފޮޓޯ: ދަސަން

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އޮސްމާނޭ ޑެމްބެލޭގެ ސޮއި ހޯދުމަށް ސްޕެއިންގެ ބާސެލޯނާއިން މަސައްކަތް ފަށާފައި ވާއިރު، އެ ރޭހުގައި ވާދަކުރުމަށް ވާދަވެރި ރެއާލް މެޑްރިޑުންވެސް ތައްޔާރުވެއްޖެއެވެ.

ކެޓަލަންގެ ބްރޯޑްކާސްޓަރ އާރްއޭސީ 1 އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ރެއާލުން ބޭނުންވަނީ، އުމުރުން 20 އަހަރުގެ ފްރާންސް ތަރި، ބާސާއަށް ދިއުން ހުއްޓުވުމަށެވެ.

ޑެމްބެލޭ ބާސާއާ ގުޅެން އުޅޭ އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި، ބުރާސްފަތި ދުވަހު ޑޯޓްމަންޑުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ޑެމްބެލޭ ބައިވެރިވެފައި ނުވާތީ އެ ކްލަބުން ވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން، ޑެމްބެލޭ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ބާސާއަށް ބަދަލުވާށެވެ. އެހެން ނަމަވެސް، ރެއާލްގެ ޕްރެޒިޑެންޓް ފްލޮރެންޓީނޯ ޕެރޭޒް ވަނީ، އޭނާ އެހެން ކްލަބަކަށް ބަދަލުވާނަމަ އެކަން އެންމެ ފުރަތަމަ ރެއާލަށް އަންގައި ދިނުމަށް ޑޯޓްމަންޑުގެ ރައީސް ރީންހާޑް ރައުބަލްއަށް އަންގާފައިކަމަށް ވެއެވެ.

ބާސާގެ ބްރެޒިލް ތަރި ނޭމާ 222 މިލިއަން ޔޫރޯގެ ދުނިޔޭގެ ރެކޯޑް ފީއަކަށް ޕީއެސްޖީއަށް ބަދަލުވުމާ ގުޅިގެން ނޭމާގެ ބަދަލުގައި ކުޅުންތެރިއެއް ހޯދުމަށް އެ ކްބަލުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑެމްބެލޭގެ އިތުރުން ލިވަޕޫލްގެ ފިލިއްޕޭ ކުޓީނިއޯ ގެންނަންވެސް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ.

ބާސާއިން އެއްފަހަރު ޑެމްބެލޭއަށް ބިޑްކޮށްފައި ވާއިރު ޑޯޓްމަންޑުން ވަނީ އެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ. އެހެންކަމުން ޑޯޓްމަންޑުން ޑެމްބެލޭ ރިލީޒްކުރުމަށް ހުށަހަޅާފައިވާ އަގުކަމަށްވާ 120 މިލިއަން ޔޫރޯއާއި 150 މިލިއަން ޔޫރޯއާ ދެމެދުގެ އަގެއް ހުށަހެޅުމަށް މިހާރު ބާސާއިން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް