ކުޑަހުވަދުއާ ދެކޮޅަށް ނުކުންނައިރު އެ މެޗުވެގެންދާނީ ޗެލެންޖަކަށް: ނިޒާމްބެ

5 އޮގަސްޓް 2017: ދިވެހި ޕްރިމިއާ ލީގުގައި ނިއުއާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިރޭ އުރީދޫ ދިވެހި ޕްރިމިއާލީގުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންޓީމް ކުޑަހުވަދުއާ ދެކޮޅަށް ކުޅޭ މެޗަކީ ޗެލެންޖެއް ކަމަށާއި މެޗު ފަސޭހަ ކޮށްނުލާނެ ކަމަށް ޓީސީ ގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ އަތޮޅު ތެރެއިން އަންނަ ޓީމު ތަކަކީ ތަފާތު އަދި ހުނަރުން ފުރިގެންވާ ޓީމު ތަކެއް ކަަމަށެވެ. އޭނާ ބުނީ އެ ޓީމު ތަކުގައި ތިބި ކުޅުން ތެރިންނަށް ވަރަށް ރަނގަޅަށް ފާރަވެރިވާން ޖެހޭނެ ކަމަށެވެ. އެހެން ނޫނީ ލަނޑު ދޭނެ ކަމަށްވެސް ނިޒާމްބެ ވަނީ ބުނެފައެވެ.

"މިނިވަން ޗެމްޕިއަންޝިޕް އިން މި އައި ހަތަރު ޓީމަށް ފަރުވާތެރިކަމާ އެކު ބަލަން ޖެހޭނެ. އެމީހުންގެ ހުނަރު ތަފާތުވާނެ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ އޭނާ މަސައްކަތް ކުރާނީ މިއަދުގެ މެޗުގައި ތިން ޕޮއިންޓް ހޯދަން ކަމަށާއި މެޗުގެ ފުރތަމަ މިނިޓުން ފެށިގެން މެޗު ނިމެންދެންވެސް އެންމެ ސިކުންތަކުވެސް މެޗު ފަސޭހަ ކޮށް ނުލާނެ ކަމަށެވެ.

"އުންމީދަކީ މި މެޗުން މޮޅެއް ހޯދުން،" ނިޒާމްބެ ބުންޏެވެ.

ޕްރިމިއާ ލީގުގައި އެޓީމް ކުޅުނު ފުރަތަމަ މެޗުން ވަނީ ނިއުރޭޑިއަންޓް އަތުން 3-1 ނަތީޖާއަކުން ބަލިވެފައެވެ.

ޓީސީ އަށް ލަނޑު ނުޖެހުމުގެ މައްސަލަ ވަރަަށް ބޮޑަށް ކުރިމަތިވެފައިވާކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ބުންޏެވެ.

ޓީސީ އަދި ކުޑަހުވަދޫ ބައްދަލުކުރާ މެޗު މިރޭ 21:00 ގައި ގައުމީ ފުޓުބޯޅަ ދަނޑުގައި ފަށާއިރު ކުޑަހުވަދޫވެސް ވަނީ މީގެ ކުރިން މާޒިޔާއަތުން ބަލިވެފައެވެ.

comment ކޮމެންޓް