މާޒިޔާއަކީ އެންމެ ބޮޑު ވާދަވެރިޔާ، ދޫދެވޭކަށް ނެތް: އޮސްކާ

މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި މާޒިޔާ ބައްދަލުކުރާ މެޗުގެ ތެރެއިން ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް

މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގައި ވަރުގަދައަށް ފައި ހަމަކުރަމުން އަންނަ، މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ކްލަބަކީ އެތައް އަހަރެއްގެ ތާރީހު އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށާއި އެކަމަށް ސަމާލުވާނެ ކަމަށް އެޓީމުގެ ކޯޗް އޮސްކާ ބްރުޒޮން ބުނެފިއެވެ.

މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ނިއު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން އޮސްކާ ބުނީ އޭނާގެ ޓީމުގެ ފޯވަޑް ލައިން ވަރުގަދަ ކަން ހުދު އޭނާ ވެސް ގަބޫލުކުރާ ކަމަށާއި ނަމަވެސް ޓީމްގެ ހުރިހާ ޑިޕާޓްމަންޓެއް މަސައްކަތް ނުކުރާނަމަ މޮޅު ފޯވަޑް ލައިނަކީ އެއްވެސް އެއްޗަކަށް ނުވާނެ ކަމަށެވެ.

" އަހަރަމެން ޓީމުގައި އެބަތިބި މޮޅެތި ކުޅުންތެރިން. ނަމަވެސް ހަގީގަތުގައި ޓީމް އެއްކޮށް ޓީމެއްގެ ގޮތުގައި މަސައްކަތް ނުކުރާނަމަ އެއީ އެއްވެސް ފައިދާ ހުރި ކަމަކަށް ނުވާނެ،" އޮސްކާ ބުންޏެވެ.

އޮސްކާ އިތުރަށްބުނީ ލީގުގެ ކުރީ ކޮޅު ނަތީޖާ ނެރެވޭފަދަ މެޗެއް ކުޅެން ނުޖެހުނަސް ހަގީގަތަކީ މާޒިއާ ދެކޮޅަށް ކުޅޭ އިރު ނިއުރޭޑިއަންޓުން އަބަދުވެސް ސަމާލުވާނެ ކަމަށެވެ. އަދި މާޒިޔާއަކީ ނިއުގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށާއި ނިއުއަށް އެންމެ ކުޅެން އުނދަގުލީވެސް މާޒިޔާއާ ދެކޮޅަށް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މާޒިޔާއަށް މެޗުގެ ކުރީ ކޮޅުގައި ލަނޑެއް ޖެހުމުގެ ފުރުޞަތު ލިބުމަކީ މުޅި މެޗްގެ ނަތީޖާ އެކޮޅަށް އެނބުރުން ފަދަ ކަމެއް ކަމަށާއި އެހެން ކަމުން އެއީ އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަން ކަމަށެވެ.

މާޒިޔާ އަދި ނިއުރޭޑިއަންޓް ބައްދަލުކުރާ މެޗު ކުޅޭނީ މިއަދު ހަވީރު 16:00ގައެވެ.

comment ކޮމެންޓް