ނޭމާއަށް ޕީއެސްޖީގައި ފުރަތަމަ ފަހަރަށް ކުޅުމަށް މިހާރު ހުރަހެއް ނެތް

ދުނިޔޭގެ ރެކޯޑް ޓްރާންސްފަރ ފީއަކަށް، (222 މިލިއަން ޔޫރޯ އަށް) ޕީއެސްޖީއާ ގުޅުނު ބްރެޒިލް ތަރި ނޭމާ -- ފޮޓޯ: ގެޓީ

ދުނިޔޭގެ ރެކޯޑް ޓްރާންސްފަރ އަކަށް ސްޕެއިންގެ ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ބްރެޒިލް ތަރި ނޭމާ ޖޫނިއަރގެ ޓްރާންސްފަރ ސެޓްފިކެޓް ބާސާއިން އެންމެފަހުން ދޫކޮށްފިއެވެ.

ބާސާއިން 222 މިލިއަން ޔޫރޯގެ އަގަކަށް ޕީއެސްޖީއާ ގުޅުނު ބްރެޒިލް ފޯވާޑަށް، މިސީޒަންގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި ބައިވެރި ނުވެވުނީ ސްޕެއިންގެ ފުޓްބޯޅަ ފެޑަރެޝަނުން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ފޮނުވަން ޖެހޭ ލިޔުމެއްގެ މައްސަލައިގައެވެ.

ފްރެންޗް ފުޓްބޯޅަ ފެޑެރޭޝަނުން ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، "ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު ވަނީ ނޭމާގެ ޓްރާންސްފަރ ރިސިޓް ފޮނުވާފައި" ކަމަށެވެ.

އަމިއްލަ ދަނޑުގައި އެމިއެންސް އަތުން 2-0ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗު ބަލަން ދަނޑުން ބޭރުގައި ހުންނަން ޖެހުނު ނަމަވެސް، ޓްރާންސްފަރ ލިޔެކިޔުންތައް ހަމަވުމާއެކު، މާދަމާ ރޭ ފްރާންސް ލީގުގައި ގެއިންގަމްޕްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މިހާރު ނޭމާއަށް ކުޅެވޭނެއެވެ.

ޕީއެސްޖީން ބުނީ، ފްރެންޗް ޗެމްޕިއަންޝިޕްގައި އާދީއްތަ ދުވަހުގެ ރޭ ގުއިންގެމްޕް އާ ދެކޮޅަށް، ކޯޗް އުނައި އެމެރީ ނަގާފައިވާ ޕީއެސްޖީގެ ސްކޮޑްގައި ނޭމާ ހިމެނޭ ކަމަށެވެ.

ބާސާއިން ނޭމާގެ ޓްރާންސްފަރ ރިސީޓް ޕީއެސްޖީއަށް ނުދީ ހިފެހެއްޓީ، ޕީއެސްޖީން އެ ކްލަބަށް ދޭންޖެހޭ ފައިސާ، ދިމާވި މައްސަލައަކާ ގުޅިގެން ބާސާގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާތީކަމަށް އެ ކްލަބުން ބުނެއެވެ. އެހެން ނަމަވެސް ފައިސާ އެކައުންޓަށް ޖަމާވުމާއެކު، އިއްޔެގެ ވަގުތެއްގައި ވަނީ ޓްރާންސްފަރ ރިސީޓް ހަވާލުކޮށްފައެވެ.

comment ކޮމެންޓް