ތިނަދޫ އަތުން ހޯދި ތިން ޕޮއިންޓާއެކު ގްރީން ގޮވައިގެން ސޮބާ ކުރިއަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްއާއި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭ ލީގުގައި މިރޭ ކުޅުނު މެޗުގައި ގދ. ތިނަދޫ އަދި ގްރީން ސްޓްރީޓް ބައްދަލުކުރިއިރު އެ މެޗުން ގްރީން ސްޓްރީޓް ކުރި ހޯދައިފިއެވެ.

ގްރީން ސްޓްރީޓް ތިނަދޫގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ތިނަދޫ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ގްރީން ސްޓްރީޓުންވަނީ އެ ޓީމުގެ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ކޮށްފައެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ގްރީން ސްޓްރީޓުންނެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާލޭ ލީގުގައި މޮޅު ކުޅުމެއް ދެއްކި ބިދޭސީ ކުޅުންތެރިއާ އިލިއާއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ މެޗުގެ 32 ވަނަ މިނިޓްގައެވެ.

ގްރީން މެޗުގެ ލީޑު ދަމަހައްޓަނިކޮށް ގދ. ތިނަދޫ އިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 46 ވަނަ މިނިޓްގައެވެ. އެ ލަނޑު އެޓިމަށް ކާމިޔަބުކޮށްދިނީ ބިދޭސީ ކުޅުންތެރިއާ ހެނާންޑޭޒްއެވެ.

ގްރީން އިން ތިން ޕޮއިންޓް ޔަގީން ކުރި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 87 ވަނަ މިނިޓްގައެވެ. އެ ލަނޑު ކާމިޔާބުކުރީ ދާދި ފަހުން ވެލެންސިއާ އިން ގްރީންއާ ގުޅުނު ޝާފިއު އަހްމަދެވެ.

މީގެ ކުރިން ގްރީން ސްޓްރީޓްވަނީ އެ މުބާރަތުގައި މިލަންދޫ 2-1 ގެ ނަތީއަކުން ބަލިކޮށްފައެވެ. އަދި ތިނަދޫ މީގެ ކުރިން ކުޅުނު މެޗުން އެ ޓީމް ވަނީ އއ. މާޅޮހުގެ މައްޗަށް ކުރި ހޯދާފައެވެ.

comment ކޮމެންޓް