ވޮލީގެ ދުޝްމަނާ ދުރަށްދިޔުމަށް ވޮލީ އެސޯސިއޭޝަންގެ ރައީސް ގޮވާލައްވައިފި

އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ފައިނަލްގައި ކޮށްދިއްޕަރާއި ބަނޑޮސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކޮށްދިއްޕަރު މޮޅުވީ ސީދާ ތިން ސެޓުން --- ފޮޓޯ/ ވީއޭއެމް

ވޮލީ ކުޅެން ޝައުގުވެރިވާ ކޮންމެ ކުޅުންތެރިއަކުވެސް އަދި މިހާރު ވޮލީ ކުޅޭ ކޮންމެ ކުޅުންތެރިއަކުވެސް އެ ކުޅިވަރުގެ ދުޝްމަން ކަމުގައިވާ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރަށް ދިޔުމަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

މިހާރުކުރިއަށްދާ 18 ވަނަ އިންޓަރ ރިސޯޓް ވޮލީ މުބާރާތުގެ ޒޯން 2 ގެ ފައިނަލް މެޗަށްފަހު މުބާރަތުގެ ބައިވެރިންނާއ ވާހަކަދައްކަމުން ލަތީފް ވިދާޅުވީ ވޮލީގެ ހަގީގީ ދުޝްމަނަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިއަކުވެސް ވޮލީގެ ތެރެއިން ރަނގަޅު ހިސާބަކަށް ދާން ބޭނުންނަމަ އެކަމާ ދުރުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވޮލީ ކުޅޭ ކޮންމެ ކުޅުންތެރިއަކުވެސް ވާންވާނީ އަޚްލާގު ރަނގަޅު ކުޅުންތެރިއަކަށް. ދުންފަތަކީ ވޮލީ ކުޅުންތެރިންގެ ދުޝްމަނެއް. ވޮލީ ކުޅެން ބޭނުންނަމަ ދުންފަތާ ދުރުވޭ،" މީގެ ކުރިން އެކި ފެންވެރުގައި ވޮލީ ކުޅެފައިވާ ލަތީފް ވިދާޅުވިއެވެ.

ދުންފަތުގެ އަސަރު ވޮލީ އާއިލާއަށް ފޯރާފައިވާ މިންވަރު ބަޔާންކޮށްދެއްވަމުން ލަތީފް ވިދާޅުވީ މިހާރު ވޮލީ ކުޅޭ ކުދިންގެ 70 ޕަސެންޓަކީ ދުންފަތުގެ އިސްތިއުމާލުކުރާ ކުދިން ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

ވީއޭއެމްގެ ރައީސް ލަތީފް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރިސޯޓް ވޮލީ ބޯޅަ މުބާރާތާ ގުޅޭ ގޮތުން ލަތީފް ވިދާޅުވީ އެމުބާރާތް މިހާ ފުރިހަމަ ކޮށް ކުރިއަސްގެންދެވެނީ އަދުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވޮލީ ބޯޅަ ކުރިއަރުވަން ދެއްވާ އަހައްމިއްޔަތުގެ ސަބަބުން ކަމަށެވެ. އަދި އެކަމަށްޓަކައި އޭނާ ވަނީ ރައީސް ޔާމީނަށް ޝުކުރު ދަންނަވާފައެވެ.

ފަސް ޒޯނެއްގައި ރިސޯޓް މުބާރަތް ކުރިއަށްދާއިރު އެފަދަ ބޮޑު ކަމެއް އެހާ ފުރިހަމަ އަށް ކުރެވެމުންދަނީ ޓޫރިޒަމް މިނިސްޓަރު މުސާ ޒަމީރުގެ ޚާއްސަ އެހީތެރިކަމާ އެކު ކަމަށެވެ. އެހެންކަމުން މިނިސްޓަރު ޒަމީރަށް ވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ލަތީފް ވިދާޅުވިގޮތުގައި މިއީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އެއް އިންޓަރ ރިސޯޓް ވޮލީ މުބާރާތެވެ.

comment ކޮމެންޓް