ރައީސްގެ ތަސައްވުރަކީ އިސްލާމިކް ޔުނިވާސިޓީ މިސަރަހަައްދުގެ އެންމެ ވަރުގަދަ ތަނަށް ހެދުން: އަޒްލީން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކާމިޔާބީތައް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވާހަކަދައްކަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައީސުލްޖުމަހޫރިއްޔާ އަބްދުﷲ ޔާމީންގެ ތަސައްވުރަކީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ޔުނިވާސިޓީ އަށް ހެދުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

އައިޔޫއެމްގެ ކާމިޔާބީތައް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އަޒްލީން ވިދާޅުވީ ބައިނަލަގްވާމީ ގޮތުން ގަބޫލުކުރާ މިންގަޑުތަކަށް ފައްތައި އަދި އިތުރު ވަރުގަދަ ޔުނިވާސިޓީތަކާ ގުޅިގެން ކުރިއަށް ގެންދެވިއްޖަނަމަ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީއާ އައިޔޫއެމް އެއްފަދަ ވެގެން ދާނެކަމަށެވެ. އަދި ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުންވެސް އިސްލާމިކް ޔުނިވާސިޓީގައި ކިޔަވުމަށް ރާއްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ރައީސްލުޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވިޝަނަރީ ވިސްނުންފުޅުގައި މިޔުނިވާސިޓީ އަކީ ހަމައެކަނި ދިވެހިރާއްޖޭގައެއް ނޫން މުޅި މިސަރަހައްދުގައި ގާއިމުކުރެވޭ އެންމެ ވަރުގަދަ ޔުނިވާސިޓީ އަށް ވެގެން ދިޔުމަކީ އެމަނިކުފާނުގެ ތަސައްވަރުކަމަށް ވިދާޅުވި،" އަޒްލީން ވިދާޅުވިއެވެ.

މަތީ ތައުލީމް ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ދާ ދިވެހި ދަރިވަރުންނާއި އަދި ރާއްޖެއިން ބޭރުވާ ފައިސާ މީގެ ކުރިން ވަަރަށް ގިނަ ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގައި ޔުނިވާސިޓީތަކާއި ކޮލެޖުތައް ގާއިމުކުރެވިފައިވުމުގެ ސަބަބުން މަތީ ތައުލީމު ހޯދުމަށް ރާއްޖެއިން ބޭރުވެގެންދާ ފައިސާގެ 70 ޕަސެންޓް ދަށްވެފައިވާ ކަމަށް އަޒްލީން ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ކާމިޔާބީތައް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން--ސަން ފޮޓޯ : ފަޔާޒު މޫސާ

އިސްލާމިކް ޔުނިވާސިޓީގެ ޚިދުމަތް މިހާރު މާލެއިން އެކަނި ލިބުނުކަމުގައި ވިޔަސް ރައީސް ޔާމިީންގެ ވިސްނުންފުޅުހުރީ މުސްތަގުބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އެޔުނިވާސިޓީގެ ގޮފިތައް ގާއިމުކުރުން ކަމަށް އަޒްލީން ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ކާމިޔާބީއް ފާހަގަކުރުމަށް ރޭ ބޭއްވި ހާފުލާގައި ނެރެފައިވާ ބައެއް ފޮތްތައް--ސަން ފޮޓޯ؛ ފަޔާޒު މޫސާ

ރޭގެ ހަފްލާގައި ވަނީ އައިޔޫއެމްގެ ވެބްސައިޓް ރިބްރޭންޑް ކޮށް އަލުން ލޯންޗްކޮށްފައެވެ. ހަމައެހެންމެ އައިޔޫއެމްގެ އިދާރީ އަދި އެކަޑަމިކް އުސޫލުތަކާއި ގަވާއިދުތަކާއި، މުވައްޒަފުންނާއި ދަރިވަރުންގެ ސުލޫކީ މިންގަނޑާއި އައިޔޫއެމް ޕްރޮސްޕެކްޓަސް އާއި ރިސާޗް ސްކިލްސް ޑައިރީ އަދި ޕާސަނަލް ޑިވަލަޕްމަންޓް ޕްލޭނަރާއި ގްރާންޓްސް އަދި ފަންޑިންގ ސްކީމްގެ އަތްމަތީފޮތާއި އިލްމީ ދިރާސާއާއި ރިސާލާ ލިޔުމުގެ އިރުޝާދު އަދި ދަސްވެނިވާ ދަރިވަރުންގެ އަތްމަތީ ފޮތް ނެރެފައެވެ.

އައިޔޫއެމް ވުޖޫދަށް އައިތާ މިވީ ދެއަހަރު ތެރޭގައި، ގުނާ އަދަދު ނުކުރެވޭހާ ގިނަ ކާމިޔާބީތައް އަންނަނީ ހާސިލްކުރަމުންނެވެ. ރާއްޖޭގައި އިސްމާލީ ތައުލީމް ފުޅާކުރުމަށްޓަކައި އައިޔޫއެމް އިން ގެންދަނީ މި ސަރަހައްދުގެ ގައުމުތަކާއި އެހެނިހެން ގައުމުތަކުގެ އިސްލާމީ ޔުނިވަރސިޓީތަކާ ގުޅިގެން ތަފާތު ޕޮރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ޑިޕްލޮމާ، ޑިގްރީ، މާސްޓާސް ފެންވަރުގެ ކޯސްތައް ތައާރަފްކުރުމުގެ އިތުރުން ޕީއެޗްޑީ ކޯސްތައް ވެސް މިހާރު ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް