ތައި އެއާ އޭޝިއާއިން މާލެއަށް ދަތުރުތައް ފަށައިފި

މިއަދު ރާއްޖެއަށް ދަތުރުތައް ފެށި ތައި އެއާ އޭޝިއާގެ ފުރަތަމަ ފްލައިޓު ވެލާނާ އެއާޕޯޓުގައި ---- ފޮޓޯ/ އެމްއޭސީއެލް

ލޯ ކޮސްޓް އެއާލައިނެއް ކަމަށްވާ ތައި އެއާ އޭޝިއާއިން ބެންގްކޮކާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ. ތައި އެއާ އޭޝިއާގެ ފުރަތަމަ ފްލައިޓު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ޖައްސައިފައެވެ.

ސަތޭކަ ހަތްދިހަ ފަސިންޖަރުންނާ އެކު، ތައި އެއާ އޭޝިއާގެ ފުރަތަމަ ފްލައިޓު ވެލާނާ އެއަޕޯޓަށް މިއަދު ޖެއްސީ ހެނދުނު 11:35 ހާއިރުއެވެ.

ތައި އެއާ އޭޝިއާއިން ރާއްޖެއާ ތައިލެންޑާ ދެމެދު، ދުވާލަކު އެއް ފްލައިޓު ބާއްވާނެއެވެ. މި ދަތުރުކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެއްގައެވެ. ތައި އެއާ އޭޝިއާއިން ދަތުރުކުރާނީ ބެންގްކޮކްގެ ކުރީގެ މައި އެއާޕޯޓު، ޑޮން މުއާންގް އެއާޕޯޓަށެވެ.

ތައި އެއާ އޭޝިއާއިން ރާއްޖެއަށް ދަތުރު ފެށުމުން، ރާއްޖެއާ ތައިލެންޑާ ދެމެދު ދަތުރުކުރާ އެއާލައިންތަކުގެ އަދަދު ތިނަކަށް އަރާނެ އެވެ. އިތުރު އެއާލައިންތަކަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނާއި، ބެންގްކޮކް އެއާވޭޒްއިންނެވެ. އެހެން ނަމަވެސް މި ދެ އެއާލައިން ދަތުރުކުރަނީ ބެންގްކޮކްގެ އާ ރަސްމީ އެއާޕޯޓު، ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ތައިލެންޑަކީ ޗުއްޓީއަށާއި ބޭސްފަރުވާއަށް އަދި ބާޒާރުކުރުމަށް ދިވެހީންގެ މެދުގައި ވެސް މަގުބޫލު މަންޒިލެކެވެ.

comment ކޮމެންޓް