އަދުލުވެރިކަން ނެތް މުޖްތަމައުއެއްގައި ހެޔޮކަމެއް ނޯންނާނެ: ހުތުބާ

ރަނގަޅު މުޖުތަމައެއް ބިނާކުރެވޭނީ، އެންމެންގެ މެދުގައި ހަމަހަމަކަމާއި އިންސާފު ގާއިމުކުރެވިގެން -- ފޮޓޯ: ޑެއިލީޓައިމްސް.ޕީކޭ

އަދުލުވެރިކަން ނެތް މުޖްތަމައުއެއްގައި ހެޔޮކަމެއް ނޯއްނާނެ ކަމަށާއި އަދި އިންސާފާއި ހަމަހަމަކަން ނެތް މުޖްތަމައެއްގައި ސުލްހަވެރިކަމެއްވެސް ނޯންނާނެ ކަަމަށް މިއަދުގެ ހުކުރު ހުރުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ޚުތުބާގައި ބުނެފައިވަނީ ރާއްޖޭގައި މިއަދު މިވަނީ ހެޔޮލަފާ މުޖްތަމައުއެއް ބިނާކުރަން ޖެހިފައި ކަމަށާއި ތަރައްގީއާ ތަހުޒީބަށް ވާސިލް ވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

އަދި އެ މަސައްކަތް ކުރެވޭނީ އަދުލުވެރިކަމާއި، އިންސާފް ގާއިމުކުރުމާއި ހެޔޮކަންތައްތަކަށް ގޮވާލައި ނުބައި ކަންތައްތައް ނަހީކޮށްގެން ކަމަށް ޚުތުބާގައި ބުނެއެވެ. އަދި އެ ރުކުންތައް ފުރިހަމަ ނުވާނަމަ ހެޔޮލަފާ މުޖްތަމައެއް ގާއިމު ނުކުރެވޭނެ ކަަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މިއަދުގެ ޚުތުބާގައި ބުނެފައިވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާ ކުރުމުގައި ޒުވާނުންގެ ދައުރު ބޮޑު ކަމަށާއި އިސްލާމް ދީނަކީ ޒުވާނުންނަށް ހުޅުވާލެވިފައިވާ އެންމެ މާތް ދީން ކަމަށެވެ. އެގޮތުން ޒުވާނުން ބާރުވެރި ކުރުވުމަށް އިސްލާމް ދީނުގައި ކަންތައްތަކެއް ވާކަމަށާއި އިސްލާމީ އުސޫލުތަކުގެ ތެރޭގައި އުފާފާޅުކުރުމާއި ކުޅިވަރުކުޅުމާއި ހަފްލާތައް ބޭއްވުމަށް ދީން ތަންދޭ ކަމަށްވެސް ޚުތުބާގައި ވެއެވެ.

ރަސޫލާ صلى الله عليه وسلمގެ ހަޔާތްޕުޅުން މިސާލު ޖަހަމުން ޚުތުބާގައި ބުނެފައިވަނީ ދީނީ ގިއުގަނޑުގެ ތެރެއިން ރަސޫލާވެސް އުފާފަޅުކުރެއްވި ކަމަށާއި އަދި ކުޅިވަރުވެސް ބައްލަވައި ހެއްދެވިކަމަށެވެ. އަދި އެއިން ކޮންމެ ކަމެއްވެސް އެކަލޭގެފާނު ކުރެއްވީ މުންކަރާތްތަކަށް އޮތް ދޮރު ބަންދުކުރައްވައިގެން ކަމަށާއި އެފަދަ ކަމަކަށް ފުރުޞަތު ނުދެއްވާކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ބުނެފައިވަނީ ޒުވާނަކަށް ކުށަށް އަރައިގަނެވިދާނެ ކަމަށާއި ނަމަވެސް އެ ކުށްކުރި ޒުވާނާއަށް މަލާމާތްކޮށް ފުރައްސާރަ ކުރުމުގެ ބަދަލުގައި އޭނާއަށް އެހީތެރިވެދީ ހެޔޮގޮތް ބުނެދީ ހެދުމަށް އިސްލާމްދީން ބާރު އަޅާކަމަށެވެ. އަދި އެގޮތުގެ މަތިން ހެޔޮލަފާ މުޖަތަމައެއް ބިނާކުރުމަށް މުހިންމު ބިންގަލެއް އެޅިގެންދާނެކަމަށް ވަނީ ބުނެފައެވެ.

މިއަދުގެ ޚުތުބާގައި، ހެޔޮލަފާ މުޖުތަމައުއެއް ބިނާކުރުމަށް ޒުވާނުންގެ ދައުރު ވަރަށް ބޮޑަށް އޮޅުންފިލުވާދީފައި ވެއެވެ. އަދި އަދުލުވެރިކަމާއި އިންސާފު ނެތް މުޖުތަމައުއެއްގެ ހާލަތު ބަޔާންކޮށްދީ، ޒުވާނުންނަށް މުޖުތަމައު ހަމަމަގަށް އެޅުވުމަށް ކުރެވިދާނެ ކަންތައްތައް ވަނީ ކިޔައިދީފައެވެ.

މީގެ އިތުރުން މައިންބަފައިނަށްވެސް ވަނީ އެމީހުންގެ ދަރިން، މުޖްތަމައުއަށް ފައިދާ ވާނެ ގޮތަކަށް ތަރުބިއްޔަތު ކުރުމަށް ބާރުއަޅައި ހަނދާންކޮށްދީފައެވެ.

comment ކޮމެންޓް