ތިނަދޫ ޓީމްގައި މޮޅުވުމުގެ ރޫހު އެބައޮތް، އަމާޒަކީ ތިން ޕޮއިންޓް: މާޓީނޭޒް

އޮގަސްޓް 6، 2017: އުރީދު ދިވެހި ޕްރިމާރ ލީގުގައި މާޅޮސް އާއި ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ގްރީން ސްޓްރީޓާ ދެކޮޅަށް ނުކުންނައިރު ގދ. ތިނަދޫ ޓީމް އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި އުންމީދަކީ ތިން ޕޮއިންޓް ހޯދުން ކަމަށް އެ ޓީމުގެ ކޯޗް މާޓިނޭޒް ހުއާން ބުނެފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ އޭނާގެ ޓީމުގައި މޮޅުވުމުގެ ރޫހް ކިތަންމެ ވަރަކަށްވެސް އެބައޮތް ކަމަށާއި ހުރިހާ ކުޅުންތެރިންވެސް މޮޅެއް ހޯދަން ބޭނުންވާ ކަމަށެވެ.

މާޓިނޭޒް އިތުރަށް ބުނީ އޭނާގެ އަތުގައި އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް ކަމަށާއި ފުރތަމަ 11 ޔަގީން ކުރަން ކޮންމެ ކުޅުންތެރިއަކުވެސް ބަރާބަރަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ވާދަވެރިކަމުގެ ތެރެއިން ކްލަބަށް ފައިދާވާނެ ކަމަށް ސްޕެއިން އަށް އުފަން ތަޖުރިބާކާރު ކޯޗް ބުންޏެވެ.

" ފުރަތަމަ 11 ހޯދަން ކޮންމެ ކުޅުންތެރިއަކުވެސް މި އަންނަނީ ޕްރެކްޓިސް އަށް. ކޮންމެ ދުވަހަކުވެސް އެ ކުޅުންތެރިން ވަރަށް މަސައްކަތް ކުރޭ. އެއީ އަހަންނަށް ވަރަށް ބޮޑު އިތުބާރެއް މުބާރާތުގައި ކުރިއަށްދާން،" މާޓިނޭޒް ބުންޏެވެ.

ތިނަދޫ ކޯޗް ބުނީ އޭނާ ގްރީން ސްޓްރީޓް ދަންނަ ކަމަށާއި އެޓީމު ކުޅޭ ގޮތްވެސް އެނގޭ ކަމަށެވެ. އަދި ބުނީ ގްރީން އަކީ ވަރަށް މަސައްކަތް ކުރާ ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށެވެ.

" ގްރީން ވަރަށް މޮޅު. އަހަރެން އެމީހުންގެ ޓްރެއިނިންގ ބެލިން. މޮޅެތި ކުޅުންތެރިން އެބަތިބި. އެކަމަކު އަހަރަމެން އެންމެ ތަންކޮޅެއްވެސް ދުލެއް ނުދޭނަނަށް."

މާޓިނޭޒް ބުނީ އޭނާގެ ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޕްރިމިއާ ލީގަށް ތައްޔަރު ވުމަށް އެކަށިގެންވާ ވަގުތު ނުލިބުން ކަމަށާއި ފުރަތަމަ މެޗުންވެސް އެކަން ފެނިގެން ދިޔަ ކަމަށެވެ.

ތިނަދޫން އެ މުބާރަތުގައި މެޗެއް ކުޅެފައިވާއިރު އެ ޓީމްވަނީ އއ. މާޅޮހުގެ މައްޗަށް ކުރި ހޯދާފައެވެ.

ގްރީން އަދި ތިނަދޫ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 21:00 ގައެވެ.

comment ކޮމެންޓް