އަހަރެންގެ ހިތް އަނބުރާދީ

އެންމެން ސަމާސާކުރަން ތިބިއިރު ލަވަކިޔުން އޮތެވެ. އެމީހަކު ހިތަށް އެރި ރާގަކަށް ލަވަ ކިޔާ ސަކަރާތްޖެހިއިރު ޒައިތޫންގެ ދަތްތައް ފެނިނުލާ އެންމެ ހިދުކޮޅެއްވެސް ނާދެއެވެ. އެހުރިހާ ސަމާސާތަކަކާއި ވަރަށް ގަޔާވެ ބައިވެރިވިއެވެ. މާއިޒް ލަވަކިޔާލިއިރު އަސަރުގަދަކަމުން ގައިން ހީބިހިހަލުވާލާ ވަރުވިއެވެ. އެންމެ އަސަރުކުރީ އާޒީންއަށެވެ. މާއިޒް މިހާ ރީތިކޮށް ލަވަކިޔާކަމެއް އޭނައަކަށް އެނގިފައެއްނެތެވެ. މާއިޒް ލަވަކިޔަން ފެށުމުން ޒައިތޫންގެ މޫނުމައްޗަށް ތަފާތު ކުލައެއް ވެރިވިއެވެ. އަބުދުލްއަޒީޒުގެ އަތުގައި ބާރަށް ހިފާލެވުނެވެ. މާޒީގެ ކޮންމެވެސް ކަމެއް ހަނދާންވިފަދައެވެ. ހައިކަލްވެސް އިސްޖަހައިލިއެވެ.

މާއިޒްގެ ލަވައާއިއެކު މިއުޒިކްވެސް އެއްކޮށް ކެނޑި ތަނަށް ހިމޭންކަމެއް ވެރިވިއެވެ. އެހިމޭންކަން މުގުރައިލީ އެންމެންގެ އަތްތިލަބަޑީގެ އަޑުންނެވެ. މާއިޒްއަށް އެންމެންގެ ސަމާލުކަން ހުއްޓިފައިވަނިކޮށް ކޮންމެވެސް މީހަކު ގުޅުމުން އޭނަ ފޯނުނެގިއެވެ.

"އިރުކޮޅަކުން ދާނަން...."

"ހަމަޖެހިބަލަ ޖާން. މިދަނީ........" މާއިޒްގެ އެ ޖުމްލައާއިއެކު އަނދަ އަނދާހުރި އާޒީންގެ ސިކުނޑި ހަމައިން ނައްޓާލައިފިއެވެ. އެދިޔަ ބާރުމިނުގައި މާއިޒްގެ ކޯތާފަތަށް އެތިފަހަރެއް ވީއްލާލައިފިއެވެ. މާއިޒްއަށް އެކަން ހުއްޓުވާނެ ފުރުސަތު ލިބިފައިވެސް އޭނަ ހުރީ އާޒީންއަށް ދޫކޮށްގެންނެވެ. މާއިޒް ދެއަތް ޖިންސްގެ ޖީބަށް ކޮށްޕާލައިފިއެވެ.

"އަހަންނަށް ދައްކަން ކޮންމެހެން އެ އަންހެނާއަށް ގުޅާނެކަމެއް ނެތް މާއިޒް."

"މޮޔަވީތަ އާޒް. މިތާގައި އެހެން މީހުންވެސް އެބަތިއްބޭ. މީހާ ނިކަން ހަމަޖެހިބަލަ. އަހަރެންގެ ޕޭޝަންޓަކާއޭ މި ވާހަކަދެއްކީ.........." މާއިޒް ފާޑަކަށް ރަކިވެފައި މޫނުވެސް ރަތްވެއްޖެއެވެ. ލަދަކީ ދުނިޔޭގައި ލައްވާފައިވާ އިހުސާސެއްކަން މާއިޒްއަށް އެންމެ ރަގަޅަށް އެނގުނީ އެވަގުތުއެވެ. މާއިޒް ހީކުރީ އޭނަގެ ޖުމްލައިން އާޒީންއަށް ހޭވެރިކަންވާނެ ކަމުގައެވެ. ފަހުން ހިތާމަކުރާނެ ވަރުގެ ކަމެއް ނުކޮށް ދޫކޮށްލާނެކަމުގައެވެ. ވީ އެހެނެއްނޫނެވެ. އާޒީންގެ ލޭ އިތުރަށް ހޫނުވުން ނޫންކަމެއް ނުވިއެވެ.

"މާއިޒް އަހަންނަށް ދައްކަންވެގެންނޭ މީހަކަށް ގުޅައިގެން އުޅެނީ. އަހަރެން މާއިޒްއާއިހެދި އުޅޭކަން އެނގުނީމަ. ހަނދާން ކުރައްޗޭ ތިކަން ކާމިޔާބެއްނުވާނެ..." އާޒީން ބާރުބާރަށް ބުނެލިއެވެ. އޭރު ރައުދާވެސް ހާސްވެފައި އާޒީން ހުއްޓުވަން ދާން އުޅެގަތެވެ. ކައިރިވެލާފައި އާޒީންއަށް ގޮވާލަމުން އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. ހައިކަލް ކުރިއަށް އެޅި ފިޔަވަޅުވެސް ބިންމަތީގައި ތަތްލިއެވެ.

"މި ފެމިލީ އެންމެނަށް މާއިޒް އެނގިފައިވަނީ އަހަރެންގެ ބޭބެގެ ގޮތުގައި. ނަމަވެސް ދަ ބިޓަ ޓްރުތް އިޒް މާއިޒްއަކީ ޑޭޑް އެޑޮޕްޓްކޮށްފައިވާ ދަރިއެއް. މި ފެމިލީއާއި އެއްވެސް ގުޅުމެއްނެތް . މާއިޒް ރީޒަންއަކަށް ދެއްކީ ބައްޕައަށް ހާޓްވާނެ ވާހަކަ. އެހެންވެ މި ލޯބި ގަބޫލުކުރެވެން ނެތްވާހަކަ. އެޓްލީސްޓް މާއިޒް އެހެނޭ ކިޔާފައި ހިމޭނުން ހުރިނަމަ ހިތް ހަލާކުވިޔަސް މަޑުން ހުންނާނީ. އެކަމަކު މިހާރު އަންހެނަކު ގެނެސް ކޮޓަރިއަށް ވައްދަން ފެށީމަ އެންމެނަށް މިކަން ހާމަކުރަން މަޖުބޫރުވީ. މާއިޒްއަކަށް ނޭގޭތަ؟ މިއީ މާއިޒްގެ ގެއެއްނޫނޭ..........." އާޒީންގެ ވާހަކަތަކުން އެންމެން ތިބީ ޝޮކެއްގައެވެ. އަޒަލްވެސް ހުރީ ލޯ ބޮޑުވެފައެވެ. އާޒީން އެކަހަލަ ވާހަކައެއް މިފަދަ ތަނެއްގައި ބުނުމުން އާޒީން މާއިޒްއަށްޓަކާ ވާވަރު ހާމަވެއްޖެއެވެ. ބައްޕަގެ ހިތަށް ކޮށްފާނެ އަސަރަކާއިމެދުވެސް އާޒީން ވިސްނައެއް ނުލިއެވެ. އަޒަލްއަށް ނުރޮވުނީވެސް ކިރިޔާއެވެ. މާއިޒްއަކީ އަމިއްލަ ބޭބެކަމުގައި ނުވިޔަސް ކުޑައިރުއްސުރެ އެދަރަޖަ ދެވިފައިވާ ކުއްޖެކެވެ. އާޒީން މިކުރީ ކީއްހެއްޔެވެ؟ އެތައް ބަޔަކަށް ސިހުން ގެނުވާ ހިތްތައް ހަލާކުކޮށްލައިފިއެވެ.

"ދަރިފުޅާ އާޒީން. ތިގޮތަށް ބައްޕަގެ އެހާ ބޮޑު ސިއްރެއް އެންމެނަށް ބޭޒާރުނުކުރިޔަސް ވެދާނެއްނު....." ރައުދާގެ އެޖުމްލަވެސް ވީ އެވާހަކައިގެ ހެއްކަކަށެވެ. ހުރިހާ އެންމެނަށް އާޒީންގެ އެ ވާހަކައިގާ ވި ހަގީގަތް ހާމަވިއެވެ. ހައިކަލްއަށް އެއީ ދޮގެކޭ ބުނެވޭކަށްވެސް ނެތެވެ. އެންމެން ހައިކަލްއާއި ވަގުތުން ސުވާލުކުރިއެވެ. ހައިކަލްއަށް ޖެހުނީ އެކަން ޔަގީންކޮށްދޭށެވެ. ތެދެކެވެ. މާއިޒްއަކީ ހައިކަލްގެ އަމިއްލަ ދަރިއެއްނޫނެވެ. ނަމަވެސް އަމިއްލަ ފިރިހެންދަރިއަކު ހުރިނަމަވެސް މާއިޒްދެކެ އޭނަ އެވާ ލޯބި ވެވޭނެކަމެއް ނޭގެއެވެ. މާއިޒް ވެފައިވަނީ އެހާވެސް ޚާއްސަކުއްޖެއް ކަމުގައެވެ. ހައިކަލް ހުރީ މާއިޒް އެހާ ޚާއްސަވި ސަބަބު ބުނަން ތައްޔާރަކަށް ނޫނެވެ. ހައިކަލްގެ ދުލުން މާއިޒް ޚާއްސަވަރު އެނގުމުން އަދި ވަކިން ބޮޑަށް މާއިޒްއަށް އަސަރުކުރިއެވެ. އެވަގުތު އޭނަ ހުރީ ހަތަރު އުދަރެސްފެނުޖެހިފައެވެ. ލަދުންގޮސް އިސްއުފުލާ މީހެއްގެ މޫނަށް ބަލައިލާނެ ހިތްވަރެއްވެސް ނެތެވެ.

މާއިޒްއަށް ހުރިހާ ލޯތައް އެވަގުތު ހުއްޓުނީ ތަފާތުކޮށެވެ.

ދުވަހަކު ނުކުރެވޭހާ ނުބައި އިހުސާސްތަކެއް މާއިޒްއަށް ކުރެވުނެވެ. ހިތާމައާއި ލަދުގެ އިތުރުން ބުނެދޭން ނޭގޭފަދަ ނުބައި ގޮތެއްވެ އެންމެންގެ ކުރިމަތީގައި ބޭޒާރުވިހެން ހީވިއެވެ. ދެލޯ ފެންކަޅިވުމާއިއެކު މާއިޒް ބާރުބާރަށް ހިނގާފައި ދާން ފެށުމުން ހައިކަލް ގޮވަންވެގެން މާއިޒްގެ ފަހަތުން ދާން ޖެހިލުން ނުވި މީހަކީ ހަމައެކަނި ވިޝާމްއެވެ. ދެމީހުން ނުކުތުމުންވެސް ހަފްލާއަށް އަލުން ދިރުމެއް ނައެވެ.

ކުރެވުނު ކުށް އިހުސާސްވުމާއިއެކު ދުއްވައިގަތް ގޮތަށް ކޮޓަރިއަށްވަދެ ތަޅުލައިގެން އާޒީން ރޮމުންގޮސް ދެލޯ ފާރުވާވަރުވިއެވެ. ޖަޒުބާތުގައި ޖެހިގެން މިކުރެވުނީ އަމިއްލަ ނަފުސަށް ދުވަހަކު މާފު ނުދެވޭވަރުގެ ކުށެކެވެ. އޭނަގެ ކެތްތެރިކަން މިރޭ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ އޭނަގެ ސަބަބުން ދެރަކޮށްލެވުނީ އެކަނި މާއިޒެއް ނޫނެވެ. އެންމެ ލޯބިވާ ބައްޕަގެ ހިތްވެސް ހަލާކުކޮށްލެވިއްޖެއެވެ. އަމިއްލަ އެދުން ބޮޑުކަމުގެ އިންތިހާއެވެ.

"އެހެން މީހަކާއި ކުރިމަތިލާނެ ހިތްވަރެއްވެސް ނެތް. މިއަށްވުރެ މާ ރަގަޅުވާނެ މިނުލަފާ އަންހެންކުއްޖާ މަރުވިޔަސް...." އާޒީން އަމިއްލަ ނަފުސާއި ރުޅިވިއެވެ. އެންމެ ލޯބިވާ މީހުންނަށް މިދެވުނީ ކޮންފަދަ ބޮޑު ހިތާމައެއްކަމާއި ބަހެއް ބުނަން ޖެހޭނީ އެތައް ވަރަށް ވިސްނާފައިކަން އެނގުނީ މިހާރުއެވެ. އޭނަގެ ލޯބިވާ މާއިޒް ބުނިފަދައިން އޭނަ ކުރީ ފަހުން ހިތާމަކުރަން ޖެހޭވަރުގެ ކަމެކެވެ. މުޅި އާއިލާގެ އެންމެން އެއްވެފައިވަނިކޮށް އޭނަވަނީ އެންމެނަށް ސިހުން ގެނުވާފައެވެ. މާއިޒްއާއި ދިމާލަށް ހާދަ އެއްޗިއްސެއް ގޮވާލެވިއްޖެއެވެ.

"ޑޭޑް ޕްލީސް ފޮގިވް މީ. އައިމް ސޮރީ. ސޯ ސޮރީ ޑޭޑް.." އާޒީން މެސެޖްކުރިއެވެ.

އަޒަލްވެސް އޮތީ ނުނިދިފައެވެ. މިރޭ ވިޝާމްވެސް އަންނާނެހެން ހިޔެއްނުވެއެވެ. ވިޝާމް ހުންނާނީ މާއިޒް ހުރި ތަނެއްގައެވެ. އެދެމީހުންގެ ދޭތެރޭގައި އޮތް ގާތް ގުޅުމާއިމެދު މިރޭ އަޒަލް އުފާކުރިއެވެ. އަޒަލް އެތައް އިރެއްވާންދެން އެކި އެއްޗެހިތަކެއް ލިޔަން އެނދުމަތީގައި އިށީދެލައިގެން އިނެވެ. ދެލޯ ބަރުވެ ނިދި އަންނަގޮތްވުމުން އަޒަލް އޭނަ ގެންގުޅުނު އެއްޗެހި އަލަމާރިއަށްލާފައި ނިދަން މަސައްކަތްކުރިއެވެ. ވަރުބަލިވިޔަސް ނިންޖެއް ނައެވެ. ދެބަދޭތެރޭގައި ކަހަލަ ގޮތަކަށް އޮވެފައި ފެނުނު ހުވަފެނަކުން ސިހިފައި ހޭލެވުނުއިރު މުޅި ހަށިގަނޑު ފިނިވެ ލޮލަށް ފުސްވެ ރަގަޅަށް ނުވެސް ފެނެއެވެ. ތެދުވެ ބަލައިލިއިރު ވިޝާމް ކައުޗްގައި ނިދާލާފައި އޮތްތަން ފެނިފައި ގޮސް އެތާކައިރީގައި ދޫލަމަތީގައި އިށީދެވުނެވެ. ކައިރިން ވިޝާމްގެ މޫނަށް ބަލަން އިދެވުނެވެ. ތުނބުޅި ތުނިކޮށް ފަޅާފައިވާއިރު އިސްތަށިގަނޑުވެސް އޮތީ ހޭވިގެން ނިތުމައްޗަށް ފައިބާފައެވެ. އަޒަލްއަށް އެ އިސްތަށިގަނޑުގައި އަތް ޖައްސާލެވުނެވެ.

ކުއްލިއަކަށް ވިޝާމް އެ ދިގު އެސްފިޔަތައް ހުޅުވައިލިގޮތަށް އަޒަލްގެ އަތުގައި ހިފަހައްޓާ އެކަން މަނާކުރިއެވެ. އަޒަލް ސިހޭގޮތްވިއެވެ.

"އަޒަލް އާ ޔޫ އޯކޭ؟ " ވިޝާމް ސުވާލުކުރިއެވެ.

"ކިހިނެއް އޯކޭ ވާނީ ތިގޮތަށް ދެރަކުރާއިރު؟ އަހަރެން ބަލިމީހަކަށްވީމަ ވިޝާމްވެސް އަހަރެންދެކެ ލޯތްބެއްނުވާނީ ތަ؟ ހާދަ ދެރައެއްވެއޭ. ތިހާ އަނިޔާވެރިވާކަށްނުވާނެ. މީހުން ދެރަކޮށްލެވުނީމަ ވިޝާމް އުފާވަނީކަންނޭގޭ...." އަޒަލް ހިތާހިތުން ވާހަކަދެއްކިޔަސް ދުލާއި ހަމަޔަކަށް ނުފޯރިއެވެ. އެހެން ބުނާކަށް ނުކެރުނެވެ. އޭނައަކީ ހާދަ ލަދުކުޑަކުއްޖެކޭވެސް ހިތަށް އަރާފާނެއެވެ. ވިޝާމް ކައިވެނިކުރިއިރުވަނީ އޭނަގެ ނިޔަތް ސާފުކޮށްދީފައެވެ.

"ނައިޓްމެއާއެއް ފެނުނީ..." އަޒަލް ބުނެލިއެވެ.

"ޑޭމިޓް އައި ލަވް ޔޫ ވިޝާމް. އެވަރު ނޭގޭތަ؟" އަޒަލްގެ ހިތުން ދެއްކުނީ އެހެން ވާހަކައެކެވެ.

"ކޮންކަހަލަ ނައިޓްމެއާއެއް؟ " ވިޝާމް އަޒަލް އަތުން ދޫކޮށްލުމުން އަޒަލް ދުރަށް ޖެހިލިއެވެ.

"އަނދިރި ހިޔަނިގަނޑެއް އައިގޮތަށް އަހަރެން ކާލީ........" އަޒަލް ސަމާސާގޮތަކަށް ހީގަނެފައި ބުނެލިއެވެ.

ލޯބިވެރިއެއް ނޫނީ ފިރިމީހާނަމަ އެކަހަލަ ވަގުތެއްގައި ބައްދާލާފައި ކައިރީގައި ބާއްވައިގެން އޮންނާނެކަން ގައިމެވެ. ނަމަވެސް އޭނައަކީ އެހާ ނަސީބު ރަގަޅުކުއްޖަކަށް ނުވިއެވެ. ހުރިހާ ހިތާމަތަކެއްވެސް އޭނަ ފޮރުވަނީ ހިނިތުންވުންތަކުގެ ނިވަލުގައެވެ. އެހިތަށް ލިބޭ ހިތްދަތިކަމާއި ހިތާމަތައް ފޮރުވުމުގައި އަޒަލް ކުޅަދާނައެވެ.

"އެހެންދޯ....." ވިޝާމް ހުރީ ސަމާސާ ކުރާކަހަލަ މޫޑެއްގައެއް ނޫނެވެ. ނަމަވެސް އޭނަ އަޒަލް ދެރަވެދާނެ ކަހަލަ އެއްޗެއް ބުނާކަށް ނޫޅުނެވެ. ވަރަށް ނިދި އަންނަކަމުގެ ބަހަނާ ދައްކާފައި އަނެއް ފަރާތަށް އެނބުރުމުން އަޒަލް ގަސްތުކުރީ ވައި ޖައްސާލަން ބޭރަށް ނުކުމެލާށެވެ. އޭނަގެ ހިތް ނުތަނަވަސްވަނީއެވެ. ނިދާހިތެއްވެސް ނުވެއެވެ. ހިގާލުމުން ފަހަރެއްގައި ހިތަށް ހަމަޖެހުމެއްވެސް ލިބިދާނެއެވެ.

ހައިކަލް އެރޭގޮސް އާޒީންއާއި ވާހަކަދެއްކިއެވެ. އެކަމާއި ހައިކަލް އެއްގޮތަކަށްވެސް އާޒީންދެކެ ރުޅި ނާންނަކަމަށާއި ލަސްވުމުގެ ކުރިން ހަގީގަތް އެނގުނުކަމާއިމެދު އުފާކުރާކަމުގައި ހައިކަލް ބުނެލިއެވެ. އޭނަގެ ސަބަބުން އަމިއްލަ ދަރިފުޅު ލޯބި ގުރުބާންކުރާތަން ދެކުމަކީ ހައިކަލްއަށް ކުޅަދާނަ ކަމެއްނޫނެވެ. އާޒީންގެ ކަރުނަތައް ހުއްޓާލުން ހައިކަލްއަށް ފަސޭހައެއްނުވިއެވެ. ސަބަބަކީ މިހިނގި ކަންތައްތަކުން މާއިޒްގެ މާފު ލިބުން ދުރުކަމުގައި އާޒީން ދެކޭތީއެވެ.

ހައިކަލް ކާކޮޓަރިއަށް ވަނުމުން އަޒަލް އިނީ ފާޑަކަށް ބަލަހައްޓައިގެންނެވެ. ކާކުކަން ނޭގިގެން ނޫނީ ރަގަޅަށް ނުފެނިގެން ލޯ ކުޑަކޮށްލައިގެންނެވެ. ފަނޑު އައްޔެއްވެރިވެފައި އޮތަސް އަޒަލްގެ މޫނަށް ވެރިވީ ކުލަވަރު ހައިކަލްއަށް ރަގަޅަށް ފެނުނެވެ.

"ކާކު؟ " އަޒަލް ބިރުގަތްކަހަލައެވެ.

"ޒެލް............" ހައިކަލް ގޮވާލިއެވެ.

"ޑޭޑް. އަނދިރިކަމުން ވަކިކުރާކަށްވެސް ނޭގުނު. ހީކުރީ ވިޝާމްކަމަށް. ނުނިދިގެން މިލްކްތަށްޓެއް ބޯލަން މިއައީ...................." އަޒަލް އަވަސް އަވަހަށް ނިދާހެދުމުގެ އަތުކުރިން ދެލޯ ފޮހެލިއެވެ. ހީވާގޮތުން އަޒަލް އެހެރީ ވަރަށް ރޮއިފައެވެ. ހައިކަލް ސުވާލުކުރުމުން ވަގުތުން ދޭނެ ޖަވާބެއް އަޒަލްގެ ޚިޔާލަށް އައެވެ. މާއިޒްއާއި ބެހޭގޮތުން އާޒްދެއްކި ވާހަކައަކުން އޭނަ ދެރަވީއެވެ. މާއިޒްގެ ހިތަށް ކުރާނެ އަސަރު އިހުސާސްކުރެވުނީއެވެ. މާއިޒް މިގެއަށް ދުވަހަކު ދެން ނާންނާނީހެއްޔޭވެސް އަޒަލް އަހައިލިއެވެ. ހައިކަލް ބުނީ މިއީ މާއިޒްގެވެސް ގެ ކަމަށާއި މާއިޒް އެނބުރި އަންނާނެ ކަމުގައެވެ. މާއިޒްއަށް ވަގުތު ދޭންވެގެން އޭނަ އަޅާނުލާ ހުއްޓަސް މާއިޒް އަބަދުވެސް ވާނީ މިއާއިލާގެ މެމްބަރަކަށް ކަމުގައި ހައިކަލް ބުނެލީ ސާބިތުކަމާއިއެކުގައެވެ.

ހެދުނު ހައިކަލް ޑިއުޓީއަށް ގޮސްފައި ބަލިމީހުން ބަލާ ކޮޓަރިއަށް ވަންތަނާހެން ރައުދާ އެތަނަށް ވަނެވެ. މޭޒުމަތީގައި ބޭއްވީ ވާހަކަ ފޮތެކެވެ. ބޭރުގަނޑުގައި އޮތް ނަމަށް ހައިކަލް ނަޒަރު ހުއްޓާލީ ފަރުވާކުޑަގޮތަކަށެވެ. ރޮބިންކުކްގެ ޓޮކްސިން ކިޔާ ވާހަކައެކެވެ.

"މިއީ ހަގީގަތެއްނޫން. ވާހަކައެއް. އަމިއްލަ ދަރިފުޅު މަރުވެގެން ދިޔައީ މީގައި ހުރި ޑޮކްޓަރުގެ ފަރުވާކުޑަކަމުން. އެ ދަރިފުޅު ކެއީ ބާގާއެއް. ބަލިޖެހިފައިވާ ގެރިއެއްގެ މަހުން ހަދާފައި އޮތް އެއްޗެއް ނޭގި ކެވިގެން އީކޮލައި ބެކްޓީރިއާއިން އިންފެކްޓްވެގެން ބޭރަށް ހިނގަންފެށީ. މީގައި ހުރި ޑޮކްޓަރު އަމިއްލަ ދަރިފުޅު އެހާ ބޮޑަށް ބަލިވީއިރުވެސް ފަރުވާކުޑަކޮށްލާފައި ހުރީ........" ރައުދާ މަޑުމަޑުން ވާހަކަދެއްކިއެވެ.

"ކީކޭ ބުނަން ތިއުޅެނީ؟ "ހައިކަލް ސުވާލުކުރިއެވެ.

"އަޒަލް ބަލި. ރަގަޅު ޗެކަޕެއް ހައްދުވަން ފެނޭ......" ރައުދާ ބުނެލިއެވެ. ހައިކަލް ޖަވާބެއް ނުދީ ހިމޭނުން އިންނަން ފެށުމުން ރައުދާ ކޮންމެވެސް ވަރަކަށް ރަކިވިއެވެ.

"އެއީ ހަމައެކަނި ހައިކަލްގެ ދަރިއެއްނޫން. އެހެންވެ އުދަގޫވޭ. އަޒަލް އެހާ ފަސޭހައެއްކޮށް ނާންނާނެ މިތާކަށް. އެކަން ކުރެވޭނީ ހައިކަލްއަށް. ޕްލީޒް ޑޯންޓް އިގްނޯ. ހިތާމަކުރާވަރުގެ ހާދިސާއެއް ހިގުމުގެ ކުރިން އެކަމަށް ފިޔަވަޅުވެސް އަޅަންވާނެ. ހަމަ ހިތަށް އަރަނީ އަޒަލް ބަލިއޭ. ނޫނީ އަޒަލް ކޮންމެވެސް ކަމަކާ ޑިޕްރެސްވެފައޭ. ދެން ހުރީ އާޒް. އާޒްގެ ހިތް ހަލާކުވުމުގެ ޒިންމާވެސް ހައިކަލް އުފުލަންޖެހޭނެ. ހޭވް އެ ގުޑް ޑޭ ޑޮކްޓަރ ހައިކަލް......" ރައުދާ ހިތްކަތިލާފަދަ ހިނިތުންވުމެއް ހަދިޔާކޮށްލާފައި ދާން ހިގައިގަތުމުން ހައިކަލް ދެލޯ މަރާލިއެވެ.

އޭރު މުޅިތަނުގައި ހިފާލާފައިވަނީ ނިކަން އަންހެން ވަންތަ ސެންޓެކެވެ. ރައުދާގެ ރީތިކަމާއިއެކު އެހެރެ ޝަޚުސިއްޔަތުގެ ވަރުގަދަކަމުން ޅަ ޒުވާނުންގެ ހިތްތައްވެސް އަތުލައިގަންނާނެއެވެ. ނަމަވެސް އޭނަގެ ހިތާއި ހަމަޔަށް ފޯރުން އެހާ ފަސޭހައެއްނުވާނެއެވެ. ހައިކަލް އެފޮތަށް ބަލާލާފައި މެދުތެރެއިން ސަފުހާއެއް ހުޅުވާލައިފިއެވެ.

އެދުވަހު އަރީންއާއި ދިމާވިއެވެ. އެދުވަހުވެސް އަރީން އެދުނީ މެހެރީނާގެ ކައިވެންޏަށެވެ. އަދި ހައިކަލްއަށް އެހެން ޚަބަރެއްވެސް ދިނެވެ. މާއިޒް މެހެރީނާ އެޕާޓްމެންޓަކަށް ބަދަލުކޮށްގެން ލީނާ ބަލަހައްޓަން ނަރުހަކުވެސް ހޯދައިފިކަމުގައި ބުނުމުން ހައިކަލް އެޑްރެސް ހޯދިއެވެ. މާއިޒްއަށް ލިބޭ މުސާރައިގެ އިތުރުން ޔަގީނުންވެސް ބޭންކް އެކައުންޓްގައި ކިތަންމެ ފައިސާއެއްވެސް ހުންނާނެއެވެ. މާއިޒްއަށް އެހެންމީހުންގެ އެހީތެރިކަން ނެތި ކިތަންމެ ދުވަހެއްވާންދެންވެސް އެކަނި އުޅެވިދާނެހާ ފައިސާ ހައިކަލްވަނީ ޖަމާކޮށްދީފައެވެ.

ވިޝާމް ކުރިން އެހެން އުޅުނަސް އަޒަލްގެ ހިތަކަށް އެއްޗެއް ނާރައެވެ. އަމިއްލައަށް ހެދުންތައް ދޮވެ އިސްތިރިކުރާތަން ފެނުނަސް އަޒަލް އެއީ މާބޮޑުކަމަކަށް ނަހަދައެވެ. ވިޝާމް ބުނާގޮތުން ކުޑައިރުއްސުރެން އެކަންތައް އަމިއްލައަށް ކޮށް އުޅޭތީ އެހެންމީހަކު ލައްވާ ކުރުވުން މުހިމެއްވެސް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް ވިޝާމްގެ ކޮންމެ ކަމެއް އަޒަލް ކޮށްދޭހިތްވިއެވެ. ވިޝާމް ނުފެނިގެން އިންތިޒާރުކުރެވެއެވެ. އޭނަ ފެންނައިރަށް ހިތް އަވަސްވެ ފިނިވާގޮތްވެއެވެ. އެރީތި މޫނާއި ހިނިތުންވުމުން ހިތަށް ފިނިކަން ލިބެއެވެ. ކިރިޔާ އޮޅިގެން ބީހިލިޔަސް ހަށިގަނޑަށް ކަރަންޓު އާދެއެވެ. ވިޝާމްގެ ހެދުންތައް ދޮވެ އިސްތިރިކޮށްދިނުމަކީ އޭނަ ކުރަންޖެހޭ ކަމެއްކަމަށްވެސް ގަބޫލުކުރެވުނެވެ. ނަމަވެސް އެންމެ ކައިރީގައި ހުއްޓަސް ވިޝާމްވަނީ ހަގީގަތުގައި އަތްނުފޯރާ ފަށުގައެވެ. އެހެން ހިތަށް އަރާފައި އަޒަލްގެ ހިތް ހަލާކުވެ ރޮވޭވަރުވެއެވެ. އެންމެން ގެތެރޭގައި ހީހީފައި އުޅެފައިވެސް އެކަނިވުމުން ކަރުނައިން ދެލޯ ފުރާލައެވެ. ވިޝާމްއަށްޓަކާ އެހިތުގައިވަނީ ކޯނޗެއްބާވައޭ އަމިއްލަ ނަފުސާއި ސުވާލުކުރެވެއެވެ. އުޅެއުޅެވެސް ވިޝާމް އޭނަގެ ފަރާތަށް ނުލެބޭތާގައި އޭނައާއި ދިމާލަށް ރުހުމުގެ ލޮލަކުން ބަލައިލަނީއެއްވެސް ނޫނެވެ. އަދި މިފަހަކަށް އައިސް ހުންނަނީ މޫޑީވެފައެވެ.

ވިޝާމް ޑިއުޓީ ނިންމާލާފައި އަންނާނެ އިރަކަށް އިންތިޒާރުގައި އަޒަލް ބެލްކަނީގައި ހުއްޓެވެ. ފަހެއްޖަހަން އުޅެނިކޮށް ފައިމަގުގައި ހިގާފައި އައިސް ދޮރާށިން ވަންތަން ފެނުނެވެ. ކަޅުފެހިކުލައިގެ އަތްދިގު ގަމީހަކާއި ފަޓުލޫނެއްގައި ފެންނަލެއް ހާދަ ހިތްގައިމެވެ. އަޒަލްގެ ހިތް ތެޅިލިއެވެ. ރީތިވެލާ މޭކަޕްކޮށް ނަލަ ހެދުން އެޅެނީވެސް ވިޝާމްގެ ސަމާލުކަން ހޯދުމަށެވެ. އެ "ސެކްސީ" ހެދުންތަކުން ވިޝާމްއަށް އަސަރެއްނުކުރެއެވެ. އެންމެން އޭނަގެ އިސްތަށިގަނޑު ރީތިވެގެން އުޅޭއިރު ވިޝާމް ދުވަހަކު ތައުރީފުގެ އެންމެ ބަހެއްވެސް ނުބުނެއެވެ. ވާހަކަދައްކާ ހިތުން ނުހުރެވިގެން އަވަހަށް ނުކުމެވުނީ ވިޝާމްގެ ކުރިމައްޗަށެވެ.

"ހައި......" އަޒަލް ހިނިތުންވެލިއެވެ.

ވިޝާމް ހީލިއެވެ.

"މާޒް ދެކުނިންތަ؟ " އަޒަލް އަހައިލިއެވެ.

"އާނ ޑިއުޓީއަށް ދިޔަ. ލީނާ ކިޔާ ޕޭޝަންޓެއް އޭނަގެ ހުރޭ. މާޒް އެ ޕޭޝަންޓް ޓޫ ރޫމް އެޕާޓްމެންޓަކަށް ބަދަލުކޮށްގެން އެތާ އުޅެނީ........"ވިޝާމް ބުނެދިނެވެ. ވިޝާމްއާއިއެކު އަޒަލްވެސް ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

"ގާލްފްރެންޑްތަ؟ " އަޒަލް ދެލޯ ކުޑަކޮށްލިއެވެ.

"ނޮޕް. މާޒްގެ މަންމަގެ އުމުރުމީހެއް. ޝީ އިޒް މެންޓަލީ އިލް އެހެންވެ މާޒް ވަރަށް ޚާއްސަކޮށްގެން އެ ޕޭޝަންޓް ގެންގުޅެނީ...." ވިޝާމް ކޮޓަރިއަށް ވަދެ ޓައީއަށް ދޫކޮށްލިއެވެ.

"ބައިދަވޭ މިއަދު ފެނުނު އަޒަލްގެ މަންމަ ޑޮކްޓަރ ހައިކަލްގެ ރޫމަށްވަން ތަން. އިރުކޮޅެއްވާންދެން އެރޫމްގައި ހުރެފައި ރައުދާ ނުކުމެގެން ދިޔައީ. އެކަޕްލް ވަރަށް ގުޅޭ. އެކަކު އަނެކަކަށްޓަކާ ހައްދަވާފައިވާފަދަ. އަޒަލް މަންމައާއި ބައްޕަ ގުޅެން ބޭނުމެއްނުވޭތަ؟ އެއްވެސް ކުއްޖަކަށް ފެއާ ގޮތެއްނޫން ޕޭރެންޓުން ވަކިވުމަކީ. މޭބީ ޔޫ ޝުޑް ޑޫ ސަމްތިން ޒެލް......" ވިޝާމްގެ އެ ރީތި ދެލޮލުން ކަންނެތްގޮތަކަށް ބަލައިލުމުން އަޒަލްއަށް ހަމަ ގެއްލިގައި ހުރެވުނީއެވެ.

"އާތު ޓު ޒެލް...." ވިޝާމް ހީލިއެވެ. އަޒަލްއަށްވީވަރު އޭނައަށްވެސް އިހުސާސްކުރެވުނެވެ. އަންހެންކުދިން އޭނައާއިހެދި އެވަރުވާއިރު ސަލްވާއަށް އެފަދަ ގޮތެއްނުވަނީ ކީއްވެހެއްޔެވެ؟ ހުރިހާ އަންހެންކުދިން އޭނައާއިހެދި އުޅުނަސް އުފަލެއް ލިބޭނީ ކޮންގޮތަކުން ހެއްޔެވެ؟ ބޭނުންވި އަންހެންކުއްޖާ ލިބޭނެ ގޮތެއްނެތެވެ. އެކުއްޖާ ދަނީ ދުވަހަކަށް ދުވަހަކަށް ދުރުވަމުންނެވެ. ގަދަކަމުންވެސް ހާސިލުކުރަން ހިތް މަޝްވަރާ ދެނީއެވެ.

އަޒަލް ރަކިވުމުން އެކަން ފޮރުވަން ހީލިއެވެ. އަދި ގޮސް ބެލްކަނީގެ ދޮރު ހުޅުވާލައިފިއެވެ.

"އަހަރެން ސުވާލެއްކުރިޔަސް ރުޅި ނާންނައްޗޭ......." އަޒަލް ބޭނުންވީ ވިޝާމްއަތުގައި ސަލްވާގެ ފޮޓޯއެއް އޮތް ސަބަބެއް އޮޅުން ފިލުވުމެވެ.

"މިހާރު މިހިރީ ރިޕްލައި ކުރާ ކަހަލަ މޫޑެއްގައެއްނޫން އިނގޭ. ވަރަށް ހައިވެފައި....ކޮފީއެއް ނުބޮންޏާ ސިކުނޑި ގޮވާފާނެ............" ވިޝާމް އަޒަލް ދައްކަފާނެ ވާހަކައަކުން ދުރުވާންވެގެން ގަސްތުގައި އެހެން ބުނެލީބާވައޭ އަޒަލްގެ ހިތަށް އެރިއެވެ. އޭނަ ނުބުނަނީސް ހިތުގައިވާ އެއްޗެއް އެފިރިހެނާ ދެނެގަތީ ނޫންހެއްޔެވެ؟ ވިޝާމް ހަގީގަތުގައިވެސް މޫޑުގޯސްވެއްޖެއެވެ. މިހާރު މޫނުމަތިން އެހިނިތުންވުންތައް ފެންނާކަށް ނެތެވެ. އަޒަލްގެ އެސްފިޔަތަކުގެ ފުރަގަހުގެ ނިވަލުގައި ހުރި ކަރުނަތައް ދެންމެ ދެންމެ އޮހިގެންފާނެހެން ހީވިއެވެ. ހިތްއެދެނީ ރުއިމަށެވެ. ހިތަށް ހަމަޖެހުމެއްލިބި އުދާސްތައް ބޭރުވާނެ އެހެން ގޮތެއްނެތެވެ.

ކުރީކޮޅު ހަމައެކަނި ވަރުބަލިވެ އަނބުރާކަހަލަ ގޮތެއްވިނަމަވެސް ފަހުން ހޮޑުލެވެން ފެށުމުން ސަލްވާގެ ގައިގާ ތެދުވާނެ ވަރެއްވެސް ނެތެވެ. ހޮޑުނައިސް އަރުތެރެއަށް އެއްޗެއް ލެވޭ ކަމަކަށްނުވިއެވެ. އެދުވަހު މާ ގަދަޔަށް ހޮޑުލެވި މޫނަށް އަނދިރިވާގޮތް ވުމުން ހައިކަލް ގަސްތުކުރީ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ދައްކާލަން ގެންދިޔުމަށެވެ. އޭނަ ދަންނަ ޑޮކްޓަރެއްކަމަށްވާ ޝަފަގުއަށް ދައްކާލާ ސްކޭން ހަދަންވެސް އެޕޮއިންޓްމެންޓް ހެއްދިއެވެ. ސަލްވާ ހެދުން ލައްވާ ތައްޔާރުކޮށްލަދިނީވެސް ހައިކަލްއެވެ. ކާރުތެރޭގައިވެސް އޯކަށް ދެމޭގޮތްވިޔަސް ހޮޑަށް އަންނާނެ އެއްޗެއްވެސް ނެތެވެ. ސަލްވާ ވަރުބަލިކަމުން ޑޮކްޓަރ ލަފާދިނީ ދެދުވަހަށް ނަމަވެސް އެޑްމިޓްކުރުމަށެވެ. އެއްޗެއް ނުކެވި އެހާ ހޮޑުލެވެންޏާ މާ ބޮޑަށް ހަކަތަ ހުސްވެ ހާލުބޮޑުވެދާނެއެވެ. ޓެސްޓްހެދިއިރު ކީޓޯންސް އިނީ މަތިވެފައެވެ.

ސްކޭން ހަދާފައި ހައިކަލްއަތަށް ޕްރިންޓްކޮޅު ދިނުމުން ހައިކަލްގެ ހިތަށް ލިބުނު އުފާވެރިކަން ބަޔާންކޮށެއް ނުދެވޭނެއެވެ. ޓްވިންސްއިން ލިބުނު ދުވަހުވެސް ކުރެވުނީ އެފަދަ އިހުސާސްއެކެވެ. ހައިކަލް ސަލްވާއަށް ބަލާލި ގޮތާއި ހިނިތުންވެލިގޮތުން ޚުދު ސަލްވާގެ ހިތްވެސް އުފަލުން ފުރުނެވެ.

ކޮޓަރީގައި އެކަނިވުމުން ސަލްވާ އޮތީ ހައިކަލްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެއަތުން ދޫކޮށްލާހިތް ނުވެފައެވެ. އުފާވާވަރަށް ކަންބޮޑުވެސް ވިއެވެ. އަޒަލްމެންނަށް އެނގުމުން އުފާވާނެތޯވެސް އަހާލެވުނެވެ. އަޒަލްމެން ކައިރީ ބުނަންވީހެއްޔޭވެސް އެހިއެވެ. އަންހެންކުއްޖަކަށް ވެއްޖެއްޔާ އަޒަލްމެން މާ އުފާވާނެއޭވެސް ބުނެލިއިރު އެއީ އޭނަގެ ވެސް ހުވަފެނެވެ. ތިއްތިކުރެވޭނީ އަންހެންކުއްޖެއް ލިބުނިއްޔާއެވެ. ނަމެއް ސާޗް ކުރަން މިހާރުއްސުރެ ސަލްވާ ބޭނުންވިއެވެ. ސަލްވާގެ ވާހަކަހުރިގޮތުން އެކަމާއި އިންތިހާއަށް އުފާވެ ދަރިފުޅު ބޭނުންވެފައިވާ ވަރު ހައިކަލްއަށްވެސް އިހުސާސްކުރެވުނެވެ. އުމުރުގެ ހަގުކަމުން ތަޖުރިބާ މަދުކަމާއިއެކު މޮޔަ ސުވާލުތައްވެސް އެވަރަށް ކުރިއެވެ.

"ބޭބީ އަދި ޑޮޓެއްހާ ކުޑަކޮށް ސްކޭން އިން ފެނުނީ. އިޒް އިޓް އޯކޭ؟ މާ ކުޑަހެން ހީވޭ. ވަރަށް ބިރުގަނޭ.........." ސަލްވާގެ އަތުން ކުޑަކޮށް ދާހިއްލާލުމުން ވަކިން ފިނިވެ މަޑުކަމުގެ އިހުސާސް ހައިކަލްއަށް ކުރެވުނެވެ.

"އަދި ޓޫ މަންތްސް ނުވާތީ އެހާ ކުޑައީ. އެކަމަކު ހާދަ ކުޑަކޮށްލީ. ޑޮޓެއް ވިއްޔާ ލޮލަށްވެސް ނުފެންނާނެއްނު ހެހެ. ދެން ބުނެބަލަ. ކީއްވެ ބިރުގަންނަނީ؟ "

"ބޭބީއަށް ކަމެއް ވެދާނެތީ........"

"ހެއްދެވި ފަރާތަށް އިތުބާރުކުރީމަ ހުރިހާ ކަމެއް ދާނީ ރަގަޅަށޭ ސަލްވާ ބުނަމެއްނު. ހުރިހާ ކަމެއް އޯކޭވާނެ އިނގޭ. ޓްރަސްޓް މީ ލަވް. ދުޢާކުރީމަ ދެރަގޮތެއް މެދުވެރި ނުކުރައްވާނެ. އަނެއްހެން ބުނަންޏާ ޕްލޭންކޮށްގެން ހޯދި ބޭބީއެއްވެސް ނޫން. ސަލްވާވެސް އެހާ އަވަހަށް ބޭނުމެއްވެސް ނުވެއެއްނު. އެކަމަކު ލިބުނީމަ ދެން އޭގެ ހިކުމަތެއްވެސް އޮންނާނެ. ބީ ޕޮޒިޓިވް.............." ހައިކަލްގެ ޖުމްލައާއިއެކު ސަލްވާގެ ހުދުވެފައިވާ މޫނަށް ލޭ ޖަމާވިއެވެ. ދެކޯތާފަތަށް ރަތްކުލަ ވެރިވީ ހައިކަލް ބަލަހައްޓައިގެން އިންގޮތުންނާއިއެކު އެދިން ނަމަކުންނެވެ. މުޅިގައިގާ ވިހާ ލޯލިތައްވެސް ކޮޅަށް ޖެހުނެވެ.

ހައިކަލް ހީލަމުން އެ އަތްތިލައިގާ ތުންފަތް ޖައްސާލީ ލުއިކޮށެވެ. ކިރިޔާ ބީހިލިކަމެވެ. ސަލްވާގެ ހިތް އުދުއްސައިގަތެވެ. ހައިކަލް ހަމަ ރަގަޅަށްވެސް "ލޯބި" އޭ ކިޔާގައި އޭނައާއި މުޚާތަބުކޮށްފިހެއްޔެވެ؟ އަޑު އިވުނީ ހަމަ ރަގަޅަށެވެ. އުފަލަކަށްފަހު އުފަލެއް ހިތަށް ލިބެމުންގޮސް ހިތް ފުރިގެން ބަންޑުންވާ ވަރުވެއްޖެއެވެ. އެވަރުންވެސް އޭނައަށް ފުދިއްޖެއެވެ. ލޯބިވާ ވާހަކަ ނުބުންޏަސް ހައިކަލް އަޅާލާވަރު މިހާރު ސާބިތުކޮށްދީފިއެވެ. މިހާ ރަގަޅު އަޅާލާ ފިރިޔެއް އޭނައަށް ލިބުނީ ކުރެވުނު ކޮންފަދަ ރަގަޅުކަމަކުން ބާވައެވެ. ހިތުން ހަމްދުކުރެވުނު އަދަދެއްވެސް ނޭގެއެވެ. އެތަނަށް ގެނައި ފަހުން ހޮޑެއް ނުލެވެއެވެ. އަރާމުކޮށް ނިދާލެވުނެވެ.

ވިޝާމް ސަލްވާގެ އިންޕޭޝަންޓް ފޯލްޑާ ބަލައިލާފާ ބުއްދިވެސް ލުހިގެން ދިޔަހެން ހީވިއެވެ. ސިކުނޑިއާއި ހިތް ފަޅިފަޅިވެ ކުދިކުދިވީފަދަ އިހުސާސެއްކުރެވުނެވެ. ދެތިންފަހަރު އޭގައި ހުރި ނޯޓްކޮޅު ކިޔާލެވުނީ ހިތަށް ބަރުވެ ނުކުޅަދާނަވާ ހާލުގައެވެ. ގަބޫލުކުރަން ހިތް ދެކޮޅުހެދިޔަސް މިއީ ހަގީގަތެވެ. މީގައި މިވަނީ ސަލްވާގެ ނަމެވެ. މި ޕްރައިވެޓް ރޫމްގައި އެޑްމިޓްކޮށްފައިވަނީ ސަލްވާއެވެ. އޭނަގެ ސަލްވާއެވެ. އެހެންމީހެއްގެ ހައްގެއްކަން މިހާރު ކަށަވަރުވެއްޖެއެވެ. ސަލްވާއިނީ ހައިކަލްގެ ދަރިއަކަށް ބަލިވެއެވެ.

"ނޫން ނޫން. މިއީ ހުވަފެނެއް. މިހެނެއް ނުވާނެ...ޝީޒް ޖަސްޓް އެ ކިޑް...................." ވިޝާމްއަށް ކަރުނަތައް ނުހިފެހެއްޓުނެވެ.

ޑޮކްޓަރުންނަށް ޚާއްސަކޮށްފައިވާ ރޫމްގައި އެގަޑީގައި އެކަކުވެސް ނެތެވެ. ވިޝާމް ސޯފާއަށް ތިރިވިގޮތަށް ކަކުލުގައި މޫނު ޖައްސައިލިއެވެ. ހިމޭން ކަރުނަތައް އޮއްސަން އެހެން އިންދާ އެތަން އަނދިރިވަމުންގޮސް ހެކަނޭގޭ ވަރުވެއްޖެއެވެ. ވިޝާމްގެ ހިތާމައާއި ހިތްދަތިކަން ރުޅީގެ ސިފަ ޚިޔާރުކުރަން މާ ގިނައިރުތަކެއް ނުނެގިއެވެ. ފާޚާނާއަށްވަދެ މޫނު ދޮވެލިޔަސް އެދެލޮލުގެ ރަތްކަމެއް ނުފިލިއެވެ. އެކިކަހަލަ ޚިޔާލުތައް ފަރާތްފަރާތުން އޭނަގެ ސިކުނޑީގައި ޖެހި ބޮލުގައި ރިއްސާލައިފިއެވެ. ސަލްވާއޮތް ކޮޓަރިއާއި ހަމަޔަށް ގޮސްފައި ދޮރުގެ ތަޅުގައި ހިފާލިއިރު ވިޝާމް ހުރީ ނިކަން ހަމަޖެހިލާފައެވެ.

(ނުނިމޭ)

comment ކޮމެންޓް