އެސްޓީއޯގެ ނަމުގައި ރީލޯޑާއި ރާސްޓަސް ފޮނުވުމަށް އެދޭތީ ސަމާލުވާން އިލްތިމާސްކޮށްފި

އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެސްޓީއޯގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި ވަކި ނަމްބަރަކަށް ރީލޯޑާއި ރާސްޓަސް ފޮނުވަން އެދޭތީ އެކަމާ މެދު ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި ބައެއް ފަރާތްތަކަށް ގުޅައި ރީލޯޑާއި ރާސްޓަސް ކުރުމަށް އެދޭ މައްސަލަތަކެއް ވަނީ އެ ކުންފުންޏަށް ލިބިފައެވެ. އަދި އެކަމަށް އެދެނީ އެ ކުންފުނިން ހިންގާ ޕްރޮމޯޝަނެއްގައި ބައިވެރިވުމުގެ ގޮތުން ކަމުގައި ބުނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

"ކަސްޓަމަރުން ރީލޯޑު ކޮށްގެން އިނާމު ލިބޭ ފަދަ ޕްރޮމޯޝަނެއް އެއްވެސް އިރެއްގައި އެސްޓީއޯއިން ނުހިންގަ. ވީމާ މިފަދަ ފޯންކޯލްތަކަށް އާންމުން ސަމާލުވުމަށް މިކުންފުނިން އިލްތިމާސްކުރަމެވެ،" އެސްޓީއޯއިން ބުންޏެވެ.

މީގެ ކުރިންވެސް އެކި ކުންފުނިތަކުގެ ނަމުގައި އާންމުންނަށް ގުޅައި ރީލޯޑާއި ރާސްޓަސް ހޯދުމަށް ބައެއް ފަރާތްތަކުން އެދިފައިވެއެވެ. އެކަންކަމާ ގުޅިގެން އެކުންފުނިތަކުންވެސް އެފަދަ ކަންކަމާ ގުޅިގެން ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

comment ކޮމެންޓް