18 ޓީމާއެކު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ މާދަމާ ފަށަނީ

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ސްޕޮންސަރުންނާއެކު ސޮއިކުރުމާއި، މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ މަތީ ތައުލީމު ދޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ މި ފުޓްސަލް މުބާރާތުގައި މިފަހަރު، ގައުމީ ޔުނިވަރސިޓީގެ ނުވަ ފެކަލްޓީއަކަށް ނިސްބަތްވާ ނުވަ ޓީމަކާއި އަދި ގައުމީ ޔުނިވަރސިޓީގެ އިތުރުން، ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެކި ތަންތަނަށް ނިސްބަތްވާ ނުވަ ޓީމަކާއެކު ޖުމުލަ 18 ޓީމު ވާދަކުރާނެއެވެ.

ކޮލެޖްތަކާއި ޔުނިވާސިޓީތައް އަދި ހައި ސްކޫލްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވެފައިވާއިރު، މުބާރާތުގެ ސްޕޮންސަރުންނާއެކު ސޮއިކުރުމާއި ގުރުނެގުން ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރޭގެ އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ރިފާއުގެ އިތުރުން ގައުމީ ޔުނިވަރސިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ސްޕޮންސަރުންނާއެކު ސޮއިކުރުމާއި، މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޓައިޓަލް ސްޕޮންސަރަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހަމަޖައްސާފައިވާ މިމުބާރާތަށް، ސަރުކާރުގެ ބޮޑެތި ހުރިހާ ކުންފުނިތަކަކުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މުބާރާތުގެ ވަނަތަކަށް އަންނަ ފަރާތްތަކަށް ފައިސާގެ ބޮޑެތި އިނާމުތަކެއް ވެސް ހަމަޖައްސާފައިވެއެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ކޯޑިނޭޓަރު އަރްޝަދު އަޝްރަފް ވިދާޅުވީ، މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ފެއަރޕްލޭ ޓީމަށް 6،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނޭ ކަމަށެވެ. އަދި މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަކަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖިފައި ވަނީ ހުކުރު ދުވަހުގެ ރޭ 20:00ގައެވެ. އެހެން ނަމަވެސް މުބާރާތުގެ މެޗުތައް މާދަމާ ހަވީރު 16:00ގައި ފަށާނެއެވެ.

comment ކޮމެންޓް