ކޮރަޕްޝަންގެ ތުހުމަތާ އެކު، ލަންކާގެ ފޮރިން މިނިސްޓަރުކަމުން ރަވީ އިސްތިއުފާ ދެއްވައިފި

ރާއްޖޭގައި އޮތް ޖަލްސާއެއްގައި ސްރީލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރިމަތިވެފައިވާ، ސްރީލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނާނަޔަކަ އިސްތިއުފާ ދެއްވައިފިއެވެ.

ލަންކާގެ ފޮރިން މިނިސްޓަރުކަމުގައި ރަވީ ކުރިން ހުންނެވި އިރު، އެގައުމުގެ މަރުކަޒީ ބޭންކުން ވިއްކި ބޮންޑެއްގެ މައްސަލައެއްގައި ރަވީގެ މައްޗަށް ތުހުމަތުތަކެއް ކުރެވިގެން ދިޔައެވެ.

ރަވީ މިއަދު ވިދާޅުވީ އޭނާއާ މެދު ކުރާ ތުހުމަތުތަކުގައި ހަގީގަތެއް ނުވާ ކަމަށެވެ.

އެހެން ނަމަވެސް ކެބިނެޓުން އޭނާ އިސްތިއުފާ ދެއްވަން ނިންމީ، ލަންކާގައި ގާއިމުކޮށްފައިވާ އެއްބައިވަންތަކަމުގެ ސަރުކާރަށް ލޮޅުމެއް އެރުމުގެ ފުރުސަތު ނުދިނުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

ދެހާސް ފަނަރަވަނަ އަހަރު މަރުކަޒީ ބޭންކުން ބޮންޑު ވިއްކީ، އެ އިދާރާގެ ގަވަރުނަރު އަރުޖުނާ މަހެންދްރަންގެ ދަނބިދަރި އަރުޖުން އަލޮއިސިއަސްއަށެވެ. ބައެއް މީހުން ބުނެފައިވާ ގޮތުން، 2016 ވަނަ އަހަރު ރަވީއާއި އޭނާގެ އާއިލާ ދިރިއުޅެމުން އައި ޕެންޓްހައުސްގެ ކުލި ދައްކައިދިނީ އަލޮއިސިއަސްއެވެ.

މި މައްސަލަ ފެންމަތިވި އިރު، ރަވީ ވަނީ އޭނާގެ ޕެންޓްހައުސްގެ ކުލި ދެއްކީ އަލޮއިސިއަސްގެ ކުންފުންޏަކުންކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ރަވީގެ އާއިލާއާ އެ ކުންފުންޏާ ވިޔަފާރީގެ ޑީލްތަކެއް މީގެ ކުރިން ކުރިޔަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ރަވީއަށް ދާދި ފަހުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އިރު، މިދިޔަ ހަފްތަގައި ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާވެސް ވަނީ، ސަރުކާރާއި އެމަނިކުފާނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް ގަބޫލުކުރެވޭތީ، ރަވީ އިސްތިއުފާ ދެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އުމުރުފުޅުން 54 އަހަރުގެ ރަވީއަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. އޭނާއަކީ އަދިވެސް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ކޮލޮމްބޯ ޑިސްޓްރިކްޓް ތަމްސީލުކުރައްވާ މެމްބަރެކެވެ.

comment ކޮމެންޓް