ޔެލޯ އެލާޓުގެ މުއްދަތު އިތުރުކޮށް، ސަމާލުވުމަށް އިލްތިމާސްކޮށްފި

މީގެ ކުރިން މާލޭގައި ވާރޭ ވެހި ފެންބޮޑުވެފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޭއްސުރެ މެދުރާއްޖެތެރެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ނެރުނު ޔެލޯ އެލާޓުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށް، ރައްޔިތުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ރޭ މެޓުން ވަނީ ބ. އަތޮޅާއި ލ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ޔެލޯ އެލާޓު ނެރެފައެވެ. އެއަށްފަހު މާލެ އަތޮޅާ މ. އަތޮޅާ ދެމެދަށް މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ޔެލޯ އެލާޓު ނެރުނު އިރު، މެޓުން މިހާރު ވަނީ މި އެލާޓުގެ މުއްދަތު އިތުރުކޮށްފައެވެ.

މެޓް އޮފީހުން ބުނީ މިއަދު މެންދުރާ ހަމައަށް، މާލެއާ މ. އަތޮޅާ ދެމެދު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، އެވަރޭޖުކޮށް 30 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

މެޓުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތައް ދަތުރުކުރުމުގައި ސަމާލުވެ، ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.

އަދި ކޮޅިގަނޑުގައި އަންނަ ވަޔަށް ސަމާލުވެ، އިމާރާތްތަކުގެ ފުރާޅުތައް ރަނގަޅަށް ބަލަހައްޓައި، އަދި ގެއަށް ފެންވަދެފާނެ ކަމުގައި ވާނަމަ ގޭ ބޭރުގައި ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެޔަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުމަށްވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް