ޝުހާދު މަރާލުމުގެ ކުށުގައި ފަރީދަށް އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

ޙަސަން ފަރީދު ކޯޓުން ނެރެގެން ގެންދަނީ --- ސަން ފައިލް ފޮޓޯ

ޏ. ފުވައްމުލަށް ދޫޑިގަމް، އާސްމާންގޭ އަބްދުﷲ ޝުހާދު މަރާލުމުގެ ކުށުގައި އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ފަރީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު ފަރީދު އިތުރު ބަޔަކާ އެކު ފުވައްމުލައް ދޫޑިގަން ބޮޑުފަންނު މަގާ ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް އޭނާގެ ކަނާތުގައި އޮތް ވަޅި އެއްފަހަރު ހަރާލާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ޝުހާދު މަރުވެފައި ވަނީ، ވަޅިހަރާލުމުން ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާ ކުރަމުންދަނިކޮށް 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ހެކީންގެ ބަޔާންތަކަށް ބަލާއިރު، ޝުހާދުގެ ގަޔަށް ފަރީދު ވަޅިހެރި މަންޒަރު ފެނުނު ކަމަށް ހަތް މީހަކު ހެކިބަސްދެމުން ބުނެފައިވާކަން އެނގޭ ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓާއި އޭނާގެ މަރު ސާބިތުކުރި ލިޔުމާ މެދު ފަރީދު ސުވާލު އުފައްދާފައިނުވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

ހާދިސާ ހިނގިތަނަށް ފަރީދު ދިޔަ ގޮތާއި ވަޅި ހެރީ ކޮން އަތަކުންކަން ބައެއް ހެކީންނަށް ބުނެދެވިފައިނެތްނަމަވެސް ތަހުގީގަށް ދިން ބަޔާނުގައި ތަފްސީލުކޮށް ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައިވާނެ ކަމަށް އެމީހުން ބުނެފައިވުމަކީ، ޝުހާދު ގަޔަށް ފަރީދު ވަޅިހެރިތަން ދުށްކަމަށް އެމީހުން ބުނާބުނުން ނަފީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެއެވެ.

އެ މައްސަލާގައި ހެކިބަސްދީފައިވާ އެކަކީ މާރާމާރީގައި އަނިޔާ ލިބުނު މީހަކު ކަމުގައިވާއިރު، މަރުވި ޝުހާދުގެ ތިމާގެ މީހަކުވެސް ހެކިބަސްދީފައިވާ ކަމަށާއި އެހެންކަމުން އެ ދެ މީހުންގެ ހެކިބަހުގައި އަދުލުވެރިކަން ގެއްލިފައިވާ ކަމަށް ފަރީދު ވަނީ ހައިކޯޓުގައި ބުނެފައެވެ.

ނަމަވެސް ހައިކޯޓުގެ ހުކުމްގައި ވަނީ އޭނާ އަށް މަރުގެ ހުކުމް އިއްވީ ހަމައެކަނި އެ ދެ މީހުންގެ ހެކިބަހަށް ރިއާޔަތްކޮށްގެން ނޫން ކަމަށާއި ޖުމްލަ ހަތް މީހަކު އޭނައާ ދެކޮޅަށް ހެކިބަސްދީފައިވާއިރު، އެ ހެކިބަހާ ގުޅޭ ގަރީނާތައް ވެސް ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ.

comment ކޮމެންޓް