ފާރިސްގެ ޝަރީއަތް ކެންސަލްކޮށްފި

އިއްޔެ ހައިކޯޓުގައި އޮތް އަޑު އެހުމަށްފަހު ފާރިސް އަނބުރާ މާފުށި ޖަލައް ގެންދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

‎ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަޚުސު އޮޅުވާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބާއްވަން ތާވަލު ކުރި ޝަރީއަތް ކެންސަލް ކޮށްފި އެވެ. ‎

ކްރިމިނަލް ކޯޓުގައި މިއަދު 10:30 ގައި ބޭއްވުމަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ފާރިސްގެ ފަރާތުން ހުށަހެޅި ލިޔެކިޔުންތައް ރިވިއުކުރުމަށް ދައުލަތަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ‎

ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގައި ކަމަށެވެ.

ފާރިސްގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައި ވަނީ، ފާރިސް ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ. ‎

އެ ކުށަކީ ޖިނާއަތުގެ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެ ދައުވާ ފާރިސްގެ މައްޗަށް ސާބިތުވެއްޖެނަމަ އަންނާނެ ހުކުމަކީ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

comment ކޮމެންޓް