ރާއްޖޭގެ ހަތަރު ކޮލެޖަކުން ކިޔަވަން އެމްއައިބީން ފައިނޭންސްކޮށްދޭނެ

ރާއްޖޭގެ އިސްލާމިކް ބޭންކުން މީހުން ހިދުމަތް ހޯދަނީ: އެ ބޭންކުން ލޯން ނަގައިގެން ހަތަރު ކޮލެޖަކުން ކިޔެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި --- ފޮޓޯ/ އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފައިނޭންސް ކުރާގޮތަށް، ރާއްޖޭގެ ހަތަރު ކޮލެޖެއްގައި ކިޔެވޭނެ ފައިނޭންޝަލް ސްކީމެއް ތައާރަފް ކޮށްފި އެވެ.

އެމްއައިބީގެ ފައިނޭންޝަލް ސްކީމުގެ ދަށުން މަތީ ތައުލީމު ހާސިލްކުރެވޭނެ ގޮތް ހަދާފައި ވަނީ ސައިރެކްސް ކޮލެޖް، މަންދު ކޮލެޖް، އެވިޑް ކޮލެޖް އަދި އެމްއައި ކޮލެޖުގައެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި ހަތަރު ކޮލެޖާއެކު އެމްއައިބީ އިން ވަނީ އިއްޔެ ސޮއިކޮށްފަ އެވެ.

އެމްއައިބީގެ އެ ސްކީމުގެ ދަށުން ފައިސާގެ އެހީ ލިބޭނީ ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތަކަށެވެ. އެ ސްކީމުގެ ދަށުން އެންމެ މަދު ވެގެން ދޫކުރާނީ 30000 ރުފިޔާއެވެ. އަދި އެންމެ ގިނަވެގެން ދިނުމަށް ހަމަޖެހިފައި ވަނީ 250000 ރުފިޔާ އެވެ.

އިސްލާމިކް ބޭންކުން ހަމަޖައްސާ އުސޫލުތަކެއްގެ ދަށުން އެ ސްކީމުގެ ދަށުން އަނބުރާ ފައިސާ ދައްކާ ހަލާސް ކުރަން ޖެހޭނީ ހަ އަހަދުގެ ތެރޭގައެވެ. ސްކީމަށް ފައިސާ ކެނޑޭނީ ދަރިވަރުންގެ މުސާރައިންނެވެ.

އިސްލާމިކް ބޭންކުން ބުނީ، އެ ސްކީމުގައި ބައިވެރިވެވޭނީ އެ ބޭންކާއެކު އެއްބަސްވުމެއް ހަދާފައިވާ ތަނެއްގައި ވަޒީފާ އަދާކުރާ އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.

އެ މީހަކަށް މަހު މުސާރައިގެ ގޮތުގައި މަދުވެގެން މަހަކު 4000 ރުފިޔާ ލިބެންޖެހޭއިރު، އެ އަދަދަށް މުސާރަ ނުލިބޭނަމަ، އެހެން ފަރާތެއް ބައިވެރިކޮށްގެން ވެސް ސްކީމުގައި ބައިވެރިވެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

އެމްއައިބީގެ ސްކީމުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅަންޖެހޭނީ އެ ދަރިވަރަކު ކިޔަވާ ކޮލެޖަކަށެވެ. އަދި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް އެ ސްކީމުގައި ބައިވެރިވެވޭނެ އެވެ.

އެމްއައިބީން ތައާރަފްކުރި އެ ތައުލީމީ ފައިނޭންސިން ސްކީމް ފުރަތަމަ ތައާރަފުކުރީ ވިލާ ކޮލެޖުގައެވެ. އަދި އެ ސްކީމުގެ ދަށުން އިސްލާމީ ޝަރީއާ ހުއްދަކުރާ އުސޫލުގެ ދަށުން ކޯހަށް ދައްކަންޖެހޭ ފައިސާ އިން ބޭންކަށް ފައިދާއެއް ނަގާނެ އެވެ.

comment ކޮމެންޓް