49 ރަށެއްގެ ފެނުގެ ހިދުމަތް ރަނގަޅު ކުރަން ބޭރުގެ އެހީގެ ގޮތުގައި 23 މިލިއަން ޑޮލަރު

ފެނާއި ނަރުދަމާއާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ވޯކްޝޮޕްގައި އެންވާރަމަންޓް މިނިސްތަރު ތޯރިގު ވާހަކަ ދައްކަވަނީ--

ހަތަރު ރަށެއްގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގައި ރައްކާކުރާ ނިޒާމު ގާއިމްކޮށް ކުރުމަށް ގްރީންް ކްލައިމެޓް ފަންޑު (ޖީއެސްއެފް)އިން 23.6 މިިލިއަން ޑޮލަރު (363 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އެންވާރަމަންޓް އެންޑް އެނާޖީ މިނިސްޓްރީން ބުނެފިއެވެ.

އެންވާރަމަންޓް މިނިސްޓްރީން އެހެން ބުނެފައި ވަނީ ފެނުގެ ނިޒާމު ގާއިމްކޮށް ފެނުގެ ޚިދުމަތުގެ ދާއިރާ ތަރައްޤީ ކުރުމަށް އެކުލަވާލެވިފައިވާ މަޝްރޫޢުގެ މައުލޫމާތުު ހިއްސާ ކުރުމަށް މިއަދުު ހެނދުނު ސްޓެލްކޯގައި ބޭއްވި ބައްދަލުވުމުގައެވެ.

އެ މަޝްރޫއުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުން ރަސްމީކޮށް ފައްޓަވައި ދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހީމެވެ. މިއަދުގެ ބަައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ޔޫއެންޑީޕީގެ އިތުރުން އެ މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމު ޤާއިމު ކުރާ ރަށްތަކުގެ ކައުންސިލްތަކާއި ފެނުގެ ޚިދުމަތް ދޭ ޔުޓިލިޓީ ކުންފުނިތަކާއި ޔޫއެން އޯގަނައިޒޭޝަންތަކާއި އަދި ފެނުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި އެކިއެކި މިނިސްޓްރީތަކުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި ނަރުދަމާ އާއި ބޯފެނުގެ ނިޒާމް ގާއިމު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމު ޤާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ރ. މަޑުއްވަރީ، ށ. ފޯކައިދޫ، ބ. ދަރަވަންދޫ އަދި ހދ. ނޮޅިވަރަންފަރުގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ 45 ރަށެއްގައި ވާރޭ ފެން ނަގައި ރައްކާކުރާ ނިޒާމު ޤާއިމްކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުންޏެވެ.

ފެނުގެ ޚިދުމަތުގެ ރެގިއުލޭޓާ އާއި ޚިދުމަތް ފޯރުކޮށް ދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވުމަށާއި އެ ދާއިރާ އާއި ގުޅުން ހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް އެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް އެ މަޝްރޫއުގެ ދަށުން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެންވާރަމަންޓު މިނިސްޓްރީން އިތުރަށް ބުނީ އެ މަޝްރޫއުގެ ދަށުން ރ. މަޑުއްވަރީ، ށ. ފޯކައިދޫ، ހދ. ނޮޅިވަރަންފަރު އަދި ބ. ދަރަވަންދޫ ފެނުގެ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ސުޕަވައިޒް ކުރުމަށް ކޮންސަލްޓެންޓަކާއި ހަވާލުކުރެވިފައިވާ ކަމަށާއި އެ ހަތަރު ރަށުގެ ޑިޒައިނުގެ މަސައްކަތް މި މަހު ނިންމައި، މި އަންނަ ސެޕްޓެމްބަރު މަހު މަސައްކަތް ކޮށްދޭނެ ފަރާތެއް އިއުލާނު ކުރާނެ ކަމަށެވެ.

ޢެންވާރަމަންޓު މިނިސްޓްރީން ހާމަކުރި ގޮތުގައި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ސުޕަވައިޒް ކުރުމަށް ޑިޒައިން ކޮންސަލްޓަންޓް އަކާ ހަވާލުކޮށްފައިވާ ކަމަށާއި އަދި އެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ 4 ރަށުގެ ފެނުގެ ނިޒާމު ޤާއިމު ކުރުމާއި 45 ރަށުގައި ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ފެނުގެ ޚިދުމަތުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތް 2021ވަނަ އަހަރުގެ ނިޔަލަށް ހަމައަށް ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު ތާރިގު ވިދާޅުވީ މީގެ ކުރިން ހޫނު މޫސުމުގައި ރަށްރަށުން ވާރޭ ފެން ހުސްވުން ވަރަށް އާންމު ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި އަދި އެކަން އެއްކޮށް ހައްލުކުރާނެ ކަމަށެވެ.

comment ކޮމެންޓް