ދެކުނު އެފްރިކާގެ ރައީސް މަގާމުން ދުރުކުރުމަށް ނެގި ސިއްރު ވޯޓުވެސް ނާކާމިޔާބުވެއްޖެ

ދެކުނު އެފްރިކާގެ ރައީސް ޖެކަބް ޒޫމާއާ ދެކޮޅަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓު ނާކާމިޔާބުވުމުގެ އުފާ ފާޅު ކުރަނީ -- ފޮޓޯ: ރޮއިޓާސް

ކޭޕް ޓައުން (އޮގަސްޓް 9): ދެކުނު އެފްރިކާގެ ރައީސް ޖެކަބް ޒޫމާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ސިއްރު ވޯޓު ވެސް ނާކާމިޔާބުވެއްޖެ އެވެ.

ޒޫމާ މަގާމުން ދުރުކުރުމަށް މަޖިލީހުގެ އިދިކޮޅު މެމްބަރުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް އެކަންވީ ނާކާމިޔާބެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަނީ ވެރިކަން ކުރާ އޭއެންސީއަށެވެ.

އެހެންކަމުން އިދިކޮޅު ފަރާތްތަކުން އުއްމީދު ކުރީ އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރު ކުރުމުން އޭއެންސީގެ މެމްބަރުންވެސް ޒޫމާއާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ. ނަމަވެސް ޒޫމާ މަގާމުން ދުރުކުރުމަށް 117 މެމްބަރުން ވޯޓު ދެއްވި އިރު އެއާ ދެކޮޅަށް 198 މެމްބަރުން ވޯޓު ދެއްވި އެވެ.

އެވޯޓަށް ފަހު ޒޫމާ ވަނީ އޭނާއަށް ތާއިދުކޮށް "ރަނގަޅަށް ވޯޓު ދެއްވި" ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އޭއެންސީއަށް ކަމަށާއި ގައުމުގެ ގިނަ މީހުން ރަމްޒުކޮށްދެނީ އެޕާޓީން ކަމަށް ވިދާޅުވެފައެވެ.

ދެހާސް ނުވަ ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޒޫމާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތަފާތު ތުހުމަތުތައް ކޮށްފައެވެ. އެގޮތުން ދައުލަތުގެ ފައިސާއިން އަމިއްލަ ގެ މަރާމާތު ކުރުމާއި، ގައުމުގެ ސިޔާސީ ކަންތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ މުއްސަނދި އާއިލާއެއް ކަމަށްވާ ގުޕްތާ އާއިލާއާ ގާތް ގުޅުމެއް ބޭއްވުން ހިމެނެ އެވެ.

ނަމަވެސް ޒޫމާ އާއި ގުޕްތާ އާއިލާއިންވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. (ބީބީސީ)

comment ކޮމެންޓް