ނެޓްފްލިކްސް އާއެކު ޑިޒްނީން ވެފައި އޮތް އެއްބަސްވުން އުވާލަނީ

ޑިޒްނީގެ ވެރިޔާ ރޮބާޓް އިގާ

ދުނިޔޭގެ މަޝްހޫރު މީޑިއާ، ވާލްޓް ޑިޒްނީއިން އޮންލައިން ސްޓްރީމް ކުރުމަށް ނެޓްފިލިކްސް އާއެކު ވެފައިއޮތް އެއްބަސްވުން އުވާލަން ނިންމައިފިއެވެ.

ވީޑިއޯ ސްޓްރީމިން ކުންފުންޏެއްކަމަށްވާ "ބީއޭއެމް ޓެކް" ހިންގުމުގެ 75 އިންސައްތަ ހިއްސާ، 1.58 ބިލިއަން ޑޮލަރަށް ގަނެ އެ ކުންފުންޏާއެކު އީއެސްޕީއެން އަދި ޑިޒްނީ ބްރޭންޑްގެ އުފެއްދުންތަށް ގެނެސްދިނުމަށް ވިސްނާފައިވާކަމަށް ވާލްޓް ޑިޒްނީން ހާމަކުރެއެވެ. މިއާ އެކު ނެޓްފްލިކްސްއާ އެކު އޮތް އެއްބަސްވުން ނިމި އީއެސްޕީއެން ބްރޭންޑްގެ ކުޅިވަރުތަށް 2018 ވަނަ އަހަރުގެ ކުރީކޮޅުގައި ލޯންޗް ކުރާނެކަމަށާއި، ޑިޒްނީ ބްރޭންޑްގެ އުފެއްދުންތަށް 2019 ވަނަ އަހަރުގައި ގެނެސްދޭން ފަށާނެކަމަށް ޑިޒްނީން ބުނެއެވެ.

އޮންލައިން ސްޓްރީމްގެ ހިދުމަތް ލިބިގެންދާނީ ހަމައެކަނި ޑިޒްނީ އަދި އީއެސްޕީއެންގެ އެޕް ތަކުންނާއި އެކަމުގެ ހުއްދަ ދީފައިވާ ޓީވީ ޗެނަލްތަކުން އެކަނިކަމަށްވެސް ޑިޒްނީއިން މައުލޫމާތު ދެއެވެ.

ޑިޒްނީގެ ވެރިޔާ ރޮބާޓް އިގާ ވިދާޅުވާގޮތުގައި މިކަމަކީ ކުންފުނި ކުރިއެރުވުމަށް އެޅޭ މުޅިން އާ ފިޔަވަޅެއްކެވެ. ޑިޒްނީން ބޭނުންވަނީ ޑިޒްނީގެ ފިލްމް، ޝޯވް އަދި ކުޅިވަރުތަށް ބެލުންތެރިންނާ ހަމައަށް ސީދާ ގޮތެއްގައި ފޯރުކޮށްދިނުން ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެން ބަޔަކަށް ބަރޯސާވެގެން ޑިޒްނީގެ އަދި އީއެސްޕީއެންގެ އުފެއްދުންތަށް ގެނެސް ދިނުމަށްވުރެ އަމިއްލަޔަށް އެމީހުންގެ އުފެއްދުންތަށް ބެލުންތެރިންނަށް ފޯރުކޮށްދިނުމަކީ ކުރިޔަށް އޮތްތަނުގައި ކާމިޔާބު ބޮޑު ގޮތެއްކަމުގައިވެސް އިގާ ވިދާޅުވިއެވެ. މިއާ އެކު ޓީވީ ސީރީޒް އަދި ފިލްމްތަކަށް ކުރާ އިންވެސްޓްމަންޓްތަށް އިތުރުކޮށް އެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވިސްނާކަމަށް އިގާ ވިދާޅުވިއެވެ.

ޑިޒްނީ އިން މައުލޫމާތު ދޭ ގޮތުގައި "ޑިޒްނީ" އަދީ "ޕިކްޒާ މޫވީޒް"ގެ އުފެއްދުންތަށް ނެޓްފްލިކްސް އިން ގެނެސްދިނުން 2019 އަހަރާ ހަމައިން ހުއްޓޭނެ ނަމަވެސް ޑިޒްނީގެ "މާވެލް އެންޓަޓައިންމަންޓް" އަދި "ލޫކަސް ފިލްމް ސްޓޫޑިއޯ"ގެ އުފެއްދުންތަކާ ބެހޭގޮތުން ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެވެމުން އަންނަކަމަށެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އޮންލައިން ސްޓްރީމިން ކުންފުނިތަކާ އެކު އޮތް އެއްބަސްވުން އުވާލައި އަމިއްލައަށް އެކަމުގައި އެ ކުންފުނިތަކާ ވާދަކުރަން ނިކުންނަށް ވިސްނާފައިވާއިރު އެކަމަށް ދާނެ ހަރަދެއް ނޭނގޭ ކަމަށާއި ނަމަވެސް ކުންފުނީގެ އަމާޒަކީ ވީހާވެސް ގިނަބަޔަކަށް ޑިޒްނީގެ އުފެއްދުންތަށް ގެނެސްދިނުން ކަމުގައި އެ ކުންފުނިން ހާމަ ކުރެއެވެ. އަދި މި ވިސްނުމާ އެކު ބެލުންތެރިންނަށް ޑިޒްނީގެ އިތުރު އުފެންދުންތަކާ އެކު ރަނގަޅު ހިދުމަތެއް ދެވި އީއެސްޕީއެން އިންވެސް ގާތްގަނޑަކަށް 10،000 ލައިވް ކުޅިވަރުތަށް ފެނިގެންދާނޭ ކަމަށް ޑިޒްނީން ބުނެއެވެ.

ޑިޒްނީ އިން އަންނަނީ ރިސޯޓް ވިޔަފާރި އަދި ތީމް ޕާކްގެ ކުރިއެރުންތަކާ އެކު ބޮޑެތި ފައިދާތަކެއް ހޯދަމުންނެވެ. މި އަހަރުގެވެސް ޖޫން މަހުގެ ނިޔަލަށް 14.2 ބިލިޔަން ޑޮލަރުގެ ފައިދާއެއް ޑިޒްނީން ހޯދައިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް