ކުޑަހުވަދޫ، މާޅޮސް، މިލަންދޫ އަދި ތިނަދޫ ޓީމަށް ސަރުކާރުން 6 މިލިއަން ރުފިޔާ

ޓީމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުންފުނިތަކާއި އެކު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އެފްއޭއެމް

ކްލަބް ތަކަށް އެހީވުމަށް އެފްއޭއެމް އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން މިނިވަން ޗެމްޕިއަންޝިޕް މުބާރަތުން ދިވެހި ޕްރިމިއާލީގަށް ކޮލިފައިވެފައިވާ ހަތަރު ޓީމަށް އެހީވާނެ ކުންފުނިތައް ހަމަޖައްސައިފި އެވެ.

މިއަދު މީގެ ތެެރެއިން ދެ ޓީމަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ދެ ކުންފުނި ހަމަޖައްސާފައިވާއިރު މީގެ ކުރިން ވަނީ އިތުރު ދެ ޓީމަކަށް ވެސް ސްޕޯންސަރުން ހަމަޖައްސައިދީފައެވެ.

މިއަދު އެފްއޭއެމްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ށ. މިލަންދޫ އަދި ގދ. ތިނަދޫއަށް ވަނީ އެހީވާނެ ސަރުކާރު ކުންފުނިތައް ހަމަޖައްސާފައެވެ.

އެގޮތުން ތިނަދޫ ޓީމަށް މަލީ އެހީފޯރުކޮށްދިނުމަށް އެއް ބަސްވެފައި ވަނީ އެސްޓީއޯގެ ދަށުން ހިންގާ މިފްކޯއެވެ. އަދި މިލަންދޫ ޓީމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވަނީ ފެނަކައެވެ. ކޮންމެ ޓީމަކަށް ވެސް އެ އެއްބަސްވުމުގެ ދަށުން 1.5 މިލިއަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެ ހަޓީމަށް ޖުމްލަ ހަ މިލިއަން ރުފިޔާ ލިބޭނެ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ އެއް ވަނަ ޓީމް ކުޑަހުވަދޫއަށް ވެސް ވަނީ މީގެ ކުރިން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކުންފުންޏެއް ހަމަޖައްސާފައެވެ. އެގޮތުން ކުޑަހުވަދޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައި ވަނީ އެމްޓީސީސީއެވެ. އަދި މީގެ އިތުރުން އއ. މާޅޮސް ޓީމަށް އެހީތެރިވުމަށް އެއްބަސްވެފައި ވަނީ ތިލަފުށި ކޯޕަރޭޝަނުންނެވެ.

ދިވެހި ޕްރިމިއާލީގު ފެށިގެން ހަތަރު މެޗު ކުޅެފައިވާއިރު މުބާރަތައް ތައްޔާރުވުމަށް އަތޮޅު ތެރެއިން އައި ހަތަރު ޓީމުންވެސް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްނެންގެވުމެއްގެ މަތިން ކުންފުނި ތަކާއި ފުޓްބޯޅަ ކްލަބްތައް ގުޅުވާލުމަށް ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން މީގެ ކުރިން ވަނީ މާލޭ ލީގުގައި ވާދަކުރި ޓީމްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

comment ކޮމެންޓް