އޭޑީކޭ ހޮސްޕިޓަލުން ސިއްހީ ދާއިރާއާ ގުޅޭ ކުރު ދެ ކޯހެއް ފަށަނީ

އޭޑީކޭ ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނެއްގެ ތެރެއިން --- ފޮޓޯ/ އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލުގެ ދަށުން ހިންގަމުން އަންނަ ސްކޫލް އޮފް ހެލްތު ސައިންސަސްގެ ފަރާތުން ސިއްހީ ދާއިރާއާ ގުޅޭ ދެ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޭޑީކޭ ސްކޫލް އޮފް ހެލްތު ސައިންސަސްއަކީ 2010 ވަނަ އަހަރުން ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ތައުލީމީ ސެންޓަރެކެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، މީގެ ކުރިން އެ ހޮސްޕިޓަލުގެ އެތެރޭގެ ޓްރެއިނިން ޕްރޮގްރާމްތަކެއް އެ ސްކޫލުގައި ހިންގި ނަމަވެސް މިއީ އާއްމުކޮށް ހުޅުވާލައިގެން ކޯހެއް ފަށާ ފުރަތަމަ ފަހަރު ކަމަށެވެ.

އެގޮތުން ހުޅުވާލި ފުރަތަމަ ދެ ކޯހަކީ ކްރިޓިކަލް ކެއާ ނާސިން އެންޑް މެނޭޖްމަންޓް ކޯހަކާއި އެމަޖެންސީ މެޑިކަލް ޓެކްނީޝަންގެ ކޯހެކެވެ.

އެމަޖެންސީ މެޑިކަލް ޓެކްނީޝަން ކޯހަކީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ އެމްކިއުއޭ ލެވެލް އެކެއްގެ ކޯހެކެވެ.

ދެ މަހާއި ބައިގެ އެ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރުން މަތީގެ މީހަކަށް ވުމާއެކު ބަޔޮލަޖީ ހިމެނޭ ގޮތަށް ސައިންސް ސްޓްރީމުގެ ދެ މާއްދާއިން ޖީސީއީ އޯލެވެލް ނުވަތަ އޭ ލެވެލުން ފާސްވެފައި ވާންޖެހެއެވެ. އަދި ގަބޫލުކުރާ އިދާރާއަކުން ބޭސިކް ފަސްޓް އެއިޑް ޓްރެއިނިން ހަދާފައިވާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދޭނެއެވެ.

އެމަޖެންސީ މެޑިކަލް ޓެކްނީޝަން ކޯހުގެ އަގަކީ 5000 ރުފިޔާ އެވެ. ކޯހަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިންނެވެ.

ކްރިޓިކަލް ކެއާގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ރެޖިސްޓާޑް ނަރުހުންނަށް ހުޅުވާލާފައިވާ ކްރިޓިކަލް ކެއާ ނާސިން އެންޑް މެނޭޖްމަންޓް ކޯހަކީ ދެ މަސް ދުވަހުގެ ކޯހެކެވެ. ތިއަރީ އަދި ޕްރެކްޓިކަލް ބައިތަކެއް ހިމަނައިގެން ކުރިއަށް ގެންދާ އެ ކޯސް ފުރިހަމަ ކުރާ ނަރުހުންނަށް އައިސީޔޫ، ސީސީޔޫ އަދި އެޗްޑީޔޫ ގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭޑީކޭން ބުނެއެވެ.

ކްރިޓިކަލް ކެއާ ނާސިން އެންޑް މެނޭޖްމަންޓް ކޯހުގެ އަގަކީ 4000 ރުފިޔާއެވެ. އަދި އެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ، ކޯސްތަކަށް ކުރިމަތިލުމަށް ބޭނުންވާ ފޯމް އޭޑީކޭ ހޮސްޕިޓަލުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި ފުރިހަމަ ކޮށްފައިވާ ފޯމާއި ތައުލީމީ ސެޓްފިކެޓްތަކާއެކު އޭޑީކޭ ހޮސްޕިޓަލަށް ނުވަތަ ސްކޫލް އޮފް ހެލްތު ސައިންސަސްގެ މެއިލް ކުރެވޭނެ ކަަމަށެވެ.

comment ކޮމެންޓް