ދެ އަހަރަށްފަހު ފަރީހާ ބީއެމްއެލްއިން ވަކިވެވަޑައިގަންނަވަނީ

ބީއެމްއެލްގެ ޗެއާމަން ފަރީހާ ޝަރީފާއި ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންގެ މަޤާމު ދެ އަހަރު ދުވަހު އަދާކުރެއްވުމަށްފަހު އިތުރު ދައުރަކަށް ބޯޑަށް ކުރިމަތި ނުލެއްވުމަށް ފަރީހާ ޝަރީފް ނިންމަވައިފިއެވެ.

ވޭތުވެ ދިޔަ ދެ އަހަރުވެސް ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމް އަދާކޮށްފައިވާ ހ.ޔެލޯރޯޒް ފަރީހާ ޝަރީފް އިތުރު ދައުރަކަށް ބޯޑަށް ކުރިމަތި ނުލައްވާނޭކަމަށް ބީއެމްއެލް އިން ވަނީ ހާމަކޮށްފައެވެ.

"އެފްޖޭއެސް އެސޯސިއޭޓްސް" އެކައުންޓިންގް އަދި އޮޑިޓު ފަރމެއްގެ ޕާޓްނަރެއްގެ ގޮތުގައި ހުންނެވި ފަރީހާ ވިދާޅުވީ ވޭތުވެ ދިޔަ ދެ އަހަރު ބޭންކުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމު އަދާކޮށްދިނުމުގެ ފުރުސަތު ލިބުނުކަމީ ލިބުނު ޝަރަފެއްކަމަށާއި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ބީއެމްއެލް ހޯދާފައިވާ ކާމިޔާބީ ތަކުގައި ދައުރެއް އަދާކުރެވުނުކަމީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައެވެ.

"ބޭންކުން ހޯދަމުންދާ ކާމިޔާބީ ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓަމުން ދާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބަ އޮތް. އަޅުގަނޑާއެކު ބޯޑުގައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށްވެސް އެ ބޭފުޅުން ދެއްވި އެހީތެރިކަމަށްޓަކައި ޝުކުރުދަންނަވަން. ކުރިމަގުގައި [ސީއީއޯ] އެންޑްރޫ އާއި އޭނާގެ ޓީމަށް ކާމިޔާބީއަށް އެދެން،" ފަރީހާ ވިދާޅުވިއެވެ.

މި ހިނގާ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ބޭންކުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖައްސާ އެ ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް އާ މެންބަރުން އައްޔަން ކުރާ އިރު ފަރީހާގެ އިތުރުން އެ ބޯޑުގައި ތިއްބެވި މުޙައްމަދު ޢުމަރު އާއި މުރުތަޟާ މުޙައްމަދު ދީދީ ވެސް ބޯޑުން ވަކިވެވަޑައިގަންނަވާނެ ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.

ބީއެމްއެލްގެ ބޯޑުގައި ސަރުކާރުން އައްޔަނުކުރާ އަށް ޑިރެކްޓަރަކާއި، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކުރާ ތިން ޑިރެކްޓަރުންނާއި އެކު ޖުމްލަ 11 މެމްބަރުން ތިއްބަވައެެވެ.

ބޭންކުން ބުނެފައިވާ ގޮތުން، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.02 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރަކީ މިހާތަނަށް ބީއެމްއެލްއަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.

ބީއެމްއެލްއިން ނިންމާފައިވަނީ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 107،638،400 ރުފިޔާ ބެހުމަށެވެ. އެއީ ހިއްސާއަކަށް 20 ރުފިޔާގެ ޑިވިޑެންޑެކެވެ.

comment ކޮމެންޓް