ސަރަހައްދީ ކަނޑުދަތުރާ ބެހޭ ބައިނަލްއަގުވާމީ ޖަލްސާއެއް މި މަހު ރާއްޖޭގައި

މުދާ އުފުލާ ބޯޓެއް --- ސަން ފައިލް ފޮޓޯ

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުން ކަނޑު ދަތުރުފަތުރުކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ އިންޑިއަން އޯޝަން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް (އައިއޯއެމްއޯޔޫ)ގެ 20 ވަނަ އަހަރީ ޖަލްސާ މި މަހު ދިވެހިރާއްޖޭގައި އޮންނާނެއެވެ.

އައިއޯއެމްއޯޔޫއަކީ އިންޑިއާ ކަނޑުގެ މެރިޓައިމް ސޭފްޓީ ދެމެހެއްޓުމަށާއި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ މުއާހަދާގައި ހުރި ކަންކަން ފުރިހަމަކުރޭތޯ ބެލުމަށްޓަކައި، ސަރަހައްދީ ފެންވަރެއްގައި ގައުމުތަކުން އެއްބާރުލުން ދިނުމަށްޓަކައި އެކުލަވާލެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ބައިވެރިވެފައިވާ ގައުމުތަކަކީ ދިވެހިރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ޖިބޫޓީ، އެރިޓްރިއާ، އިތިއޯޕިއާ، އިންޑިއާ، ކެންޔާ، މޮރިޝަސް، މޮޒަމްބީކް، މިޔަންމާ، އޮމާން، ސީޝެލްސް، ސިންގަޕޫރު، ދެކުނު އެފްރިކާ، ޓެންޒޭނިއާ، ޔަމަނު އަދި ސްރީލަންކާއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ބުނި ގޮތުގައި، ކޮންމެ އަހަރަކުވެސް މި އެއްބަސްވުމުގައިވާ ކަންކަމާ ގުޅޭގޮތުން އަޕްޑޭޓުތައް ދިނުމަށާއި، ޚިޔާލު ހޯދުން ފަދަ ކަންކަން ކުރުމަށް، އެއްބަސްވުމުގައި ބައިވެރިވެފައިވާ ގައުމުތަކުން އަހަރީ ޖަލްސާއެއް ބާއްވާ ކަމަށެވެ.

މިއަހަރު ބާއްވަނީ އައިއޯއެމްއޯޔޫގެ 20 ވަނަ އަހަރީ ޖަލްސާއެވެ. އެ ޖަލްސާ އޮންނާނީ މިހިނގާ އޯގަސްޓް 20 ވަނަ ދުވަހުން 24 ވަނަ ދުވަހަށް، ޕެރެޑައިޒް އައިލެންޑް ރިސޯޓުގައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ، އައިއޯއެމްއޯޔޫގެ އަަރީ ޖަލްސާގައި މަޝްވަރާ ކުރެވޭނެ ކަންކަމުގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި ކަނޑުދަތުރުތަކުގައި ދިމާވި މައްސަލަތަކާއި، އެކަންކަމުގެ ހައްލު ހޯދޭނެ ގޮތްތައް ހިމެނޭ ކަމަށެވެ.

މި ބައްދަލުވުމުގައި އިންޓެނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ އިތުރުން، ޔޫރަޕިއަން މެރިޓައިމް ސޭފްޓީ އެޑްމިނިސްޓްރޭޝަނާއި، ޕެރިސް އެމްއޯޔޫގެ ގައުމުތަކުގެ އިތުރުން ޔޫއެސް ކޯސްޓްގާޑާއި، ޝިޕިންގްއާ ބެހޭ ބައެއް ޖަމިއްޔާތަކުންވެސް ބައިވެރިވާނެއެވެ.

comment ކޮމެންޓް